ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުން ގިނައަދަދެއްގެ ބަނގުރާ ނައްތާލައިފި

ބަނގުރާ ފުޅިތަކެއް-- ފޮޓޯ؛ ފުލުހުން

އެކި މައްސަލަތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ދ.ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި އެވެ.

އެ ތަކެތި ނައްތާލައިފައިވަނީ އިއްޔެ ހެނދުނު ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ގޯތިތެރޭގަ އެވެ.

ފުލުހުން ބުނީ ކުޑަހުވަދޫގައި އިއްޔެ ނައްތާލައިފައިވަނީ، 25 އޮކްޓޯބަރ 2018ން 15 ޖޫން 2019 އާއި ހަމައަށް 76 މައްސަލައަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 145 ބަނގުރާ ފުޅިއާއި 35 ބިއަރު ދަޅު ކަމަށެވެ.

އެ ތަކެެއްޗަކީ، ދ. ކުޑަހުވަދޫގައި ގާއިމުކޮށްފައިވާ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފައިވާ ތަކެތިކަމަށްވެސް ފުލުހުން ބުންޏެވެ.

ބަނގުރާ ނައްތާލުން، ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގައި ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާއި ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

comment ކޮމެންޓް