އޭޓީއެމްއަކުން ނިކުތް އަންހެނެއްގެ އަތް ދަބަސް ފޭރިގަނެފި

މީގެ ކުރިން ވަޅިން ބިރުދައްކައިގެން މީހެއްގެ އަތުން ފޭރެން އުޅުނު މަންޒަރު ދައްކުވައިދޭ ވީޑިއޯގެ ސްކްރީން ޝޮޓެއް --

އަންހެނެއްގެ އަތް ދަބަސް ފޭރިގަތުމަށް ފަހު، ފިލައިގެން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު ހަވީރު ޑޮލަރު އޭޓީއެމްއިން ނުކުތް އަންހެނެއްގެ އަތް ދަބަހެއް މިހާކު ފޭރިގަތް ކަމަށެެވެ.

ފުލުހުން ބުނީ އެ މައްސަލަ ރިޕޯޓްކޮށްފައިވަނީ މިއަދު ހަވީރު 5:00 ހާއިރު ކަަމަށެވެ.

އަދި އަތް ދަބަސް ފޭރުނު މީހާ ފިލައިގެން މެހެލި ގޯޅިތެރޭގައި އުޅެނިކޮށް ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ މިހާރު ތަހުގީގް ކުރަމުންދާ ކަމަށެވެ.

ފުލުހުން މިދޔަ އޭޕްރީލް މަހު ބުނީ ފޭރުމުގެ އެންމެ ގިނަ އަމަލުތައް މާލޭގައި ހިންގާފައިވަނީ ހެންވޭރުގައި ކަމަށެވެ. މިއަދު ފޭރުމުގެ ހާދިސާވެސް ހިންގައިފައިވަނީ ހެންވޭރު ސަރަހައްދުގަ އެވެ.

މިއަހަރުގެ ތެރޭގައި ބޮޑެތި ފޭރުންތަކެއް ވަނީ ހިނގައިފަ އެވެ. އެގޮތުން އެސްބީއައިއަށް ޖަމާކުރަން ގެންދިޔަ ބީއެޗްއެމްގެ 2.3 މިލިއަން ރުފިޔާ އާއި މިފްކޯގެ ވޭނެއް ހުއްޓުވައި އޭގައި ހުރި ދެ މިލިއަން ރުފިޔާ ފޭރުމުގެ ހާދިސާއެއްވެސް ހިނގާފައިވެ އެވެ.

comment ކޮމެންޓް