ހިޔާ މަޝްރޫއުގެ އަގު ބޮޑުވެ ފްލެޓެއްގެ ކުލި 11،000 ރުފިޔާއަށް އަރާފާނެ: އެޗްޑީސީ

ހުޅުމާލޭގައި މީގެ ކުރިން އެޅި ފްލެޓްތައް މީހުންނާ ހާވަލުކުރަން: ދެވަނަ ފޭސްގައި ހިޔާ މަޝްރޫއުގެ ދަށުން އަޅާ ފެލްޓްތަކުގެ އަގު ވަނީ ބޮޑުވެފައި. -- ސަން ފައިލް ފޮޓޯ

ހިޔާ މަޝްރޫއުގެ ދަށުން އަޅާ 7،000 ސޯޝަލް ހައުސިން ޔުނިޓަށް އިތުރަށް 42 މިލިއަން ޑޮލަރު (647.6 މިލިއަން ރުފިޔާ) ހަރަދު ކުރަން ޖެހި، ފްލެޓެއްގެ މަހު ކުލި 11،000 ރުފިޔާއަށް އަރާނެ ކަމަށް ބެލެވޭ ކަމަށް އެ މަޝްރޫއު ހިންގާ ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.

ހިޔާ މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރުގައި 7،000 ހައުސިން ޔުނިޓް އެޅުމަށް ޖުމްލަ އަގުގެ ގޮތުގައި ކަނޑައަޅާފައި ވަނީ، 434 މިލިއަން ޑޮލަރު (6.6 ބިލިއަން ރުފިޔާ) އެވެ.

މިއަދު އެޗްޑީސީން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު، ސުހައިލް އަހްމަދު ވިދާޅުވީ، ޕްރެޖެޓްގެ އެގްރީމަންޓް ހަދައި 434 މިލިއަން ޑޮލަރުގެ ލޯނު ނަގާފައި ވަނީ ފްލެޓްތައް ނިންމުމުގެ މަސައްކަތަށް ހިނގާނެ ހަރަދު ނުލައި ކަމަށެވެ. އެގޮތުން ފްލެޓްތައް މުޅިން ނިންމުމަށް ހިނގާ ހަރަދުތަކާ އެކު، މުޅި ޖުމްލަ 485 މިލިއަން ޑޮލަރު (7.5 ބިލިއަން ރުފިޔާ) އަށް އަރާނެ ކަމަށް ސުހައިލް ވިދާޅުވި އެވެ.

"ފުރަތަމަ ޕްރެޖެކް ކޮންޓްރެކްޓް ހެދި އިރު، ފިނިޝިން މަސައްކަތް ނުހިމެނޭ. ފިނިޝިންގެ ގޮތުގައި، ޓައިލްސް ޖެހުމާއި އެތެރޭގެ ދޮރުތަކާއި ކުލަ ލުމެއް ނުހިމެނޭ. މިކަންތައްކަށް އިތުރަށް 42 މިލިއަން ޑޮލަރު [647.64 މިލިއަން ރުފިޔާ] އެބަ ހަރަދުވޭ،" ސުހައިލް ވިދާޅުވި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕްރެޖެކްޓް ނިންމުމަށް މީގެ ކުރިން ކަނޑައަޅާފައި ވަނީ އަންނަ ޑިސެމްބަރު މަހަށެވެ. ނިންމުމެގެ މަސައްކްތަކާ އެކު ފުލެޓްތަކަށް ވަދެވޭވަރު ވާނީ އަންނަ އަހަރުގެ މާޗު މަހުގައި ކަމަށް ސުހައިލް ވިދާޅުވި އެވެ.

ކޮންމެ ފުލެޓެއް ހަދަންދާ ޖުމްލަ އަގާއި އިންޓަރެސްޓާ އެކު ފްލެޓެއްގެ ޖުމްލަ އަގު 82،000 ޑޮލަރު (1.3 މިލިއަން ރުފިޔާ) އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ސުހެއިލް ވިދާޅުވި އެވެ. އެގޮތުން އެ އަދަދު 20 އަހަރަށް ބަހާލުމުން ކޮންމެ މަހަކަަށް ހައުސިން ޔުނިޓަކަށް ޖެހޭނީ 11،000 ރުފިޔާ ކަމަށް ވެސް ސުހައިލް ވިދަޅުވި އެވެ.

"ވިއްކާ ރަސްމީ އަގު އަޅުގަނޑުމެން އަދި ނުނިންމަން،" ސުހެއިލް ވިދާޅުވި އެވެ.

ނޫސްވެރިންގެ އެ ބައްދަލުވުމުގައި އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އާތިފް ވިދާޅުވީ، ހައުސިން ޔުނިތައް ވިއްކާ އަގު ކުޑަކުރުމަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރަމުން ދާ ކަމަށެވެ.

"ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން. އަގު ހެޔޮ ކުރެވޭނީ ސަބްސިޓީއެއް މެދުވެރިކޮށްގެން. ކޮމާޝިއަލް ސްޕޭސްތައް ވެސް ސަބްސިޑީ އަށް ލެވިގެން ދާނެ،" އާތިފު ވިދާޅުވި އެވެ.

ހިޔާގެ މަޝްރޫއުގެ ދަށުން މީގެ ކުރިން، 7000 ހައުސިން ޔުނިޓް އަޅަން ނިންމާފައިވީ ނަމަވެސް، އިމާރާތުގެ ސްޓްރަކްޗާއަށް ގެނައި ބަދަލާ އެކު ފްލެޓްތަކުގެ އަދަދު ވަނީ 6،860 އަށް މަދުވެފަ އެވެ. މަދު ކުރި 140 ފްލެޓްގެ ބަދަލުގައި، އެ ތަންތަން ހާއްސަ ކުރާނީ ވިޔަފާރީ ބޭނުންތަކަށް ކުއްޔަށް ދިނުމަށެވެ.

އެމްޑީ ސުހައިލް ވިދާޅުވީ، ވިޔަފާރި ބޭނުމަށް ދޫކުރުމަށް ހަމަޖެހިފައި ވަނީ ވަރަށް ކުޑަ އަދަދެއް ކަމަށާއި އެހެން ކަމުން އެކަމުގެ ސަބަބުން ތަންތަނުގެ އަގު ހެޔޮވުމަށް މާބޮޑު ބަދަލެއް އަންނާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

ފްލެޓެއްގެ ކުއްޔަށް 11،000 ރުފިޔާ މަހަަކަށް ދާނެ ކަމަށް އެޗްޑީސީން މިއަދު ބުނި އިރު، "ސަން"ގެ 50 މިނެޓް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެ ތަންތަނުގެ އަގަކީ، 5،600 ކަމަށް ރައީސް ޔާމީންގެ ސަރުކާރުން ނިންމި ކަމަށެވެ. އަދި އެ އަގަށް ފުލެޓް ދޭނެ ކަމަށް ބުނެ 7،000 މިހުންނާ ލިޔުން ހަވާލުކޮށްފައިވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ހިޔާ ފްލެޓެއްގެ ކުލި، މަހަކު 11،000 ރުފިޔާއަށް އަރައިފި ނަމަ އެއީ އެ ފްލެޓްތަކުގެ ކުލި 96.4 ޕަސެންޓްގެ ބޮޑުވުމެކެވެ.

ނަމަވެސް ރައީސް އިބްރާހިމް ސޯލިހު ވައުދުވެ ވަޑައިގެންފައި ވަނީ، ދެ ކޮޓަރީގެ ފްލެޓެއް 4،000 އެއްހާ ރުފިޔާއަށް ދިނުމަށެވެ.

comment ކޮމެންޓް