ބަންގުލަދޭޝްގެ 'ޓްރީ މޭން' އެދެނީ ޑޮކްޓަރުން އޭނާގެ އަތް ބުރިކޮށްލުމަށް

ބަންގުލަދޭޝްގެ ޓްރީ މޭން ވަނީ 2016އިގެ 25 އޮޕަރޭޝަންކޮށްފައި ކަމަށް އޭނާގެ ޑޮކްޓަރުން ބުނޭ -- ފޮޓޯ: އޭއެފްޕީ

ގަހުގެ ބޭރު ތޮށިގަނޑު ފަދަ އެއްޗެއް އަތާއި ފައިގައި ފަޅާފައި ވުމުން 'ޓްރީ މޭން'ގެ ގޮތުގައި މަޝްހޫރުވެފައިވާ ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަބުލް ބަޖަންދަރު މިހާރު ބޭނުން ވަނީ އޮޕަރޭޝަންކޮށް، އޭނާގެ އަތް ބުރިކޮށްލުމަށް ކަމަށް ބުނެފި އެވެ.

ބަޖަންދަރުގެ ހަށިގަނޑުގައި ފަޅާފައިވާ ތަކެތި ނެގުމަށް ފާއިތުވި ތިން އަހަރު ތެރޭގައި އޭނާ ވަނީ 25 އޮޕަރޭޝަނެއްކޮށްފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން އޭނާ އިތުރު ފަރުވާ ހޯދަން ދެކޮޅު ހެދުމުން އަނެއްކާވެސް އޭނާގެ ހަށިގަނޑުގައި އެތަކެތި ފެޅި އެވެ. އަދި ޖެނުއަރީ މަހު އޭނާ އަނެއްކާވެސް ޑާކާ މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލްގައި އެޑްމިޓު ކުރި އެވެ.

"ދެން މި ރިހުމަކަށް ކެތެއް ނުކުރެވޭނެ. އަހަންނަށް ނުވެސް ނިދޭ. އަދި ރިހުމަށް ލުޔެއް ލިބޭތޯ ބަލަން އަހަރެން ޑޮކްޓަރުން ކައިރީ ބުނެފިން އަހަރެންގެ އަތް ބުރި ކުރަން،" އޭއެފްޕީއާ ވާހަކަ ދައްކަމުން ބަޖަންދަރު ބުންޏެވެ.

ބަޖަންދަރުގެ މަންމަ އާމިނާ ބީބީވެސް ވަނީ އެނިންމުމަށް ތާއިދުކޮށްފަ އެވެ. އަދި އެއީ ވަރަށް ވޭންގަދަ ކަމެއް ކަމަށާއި، އަތް ބުރި ކޮށްލުމުން ތަދު އިހުސާސު ނުކުރެވޭ ނަމަ އެއީ ރަނގަޅު ގޮތެއް ކަމަށް ބުނެފަ އެވެ.

ބަޖަންދަރު ބުނި ގޮތުގައި އޭނާ ބޭނުން ވަނީ ބޭސް ފަރުވާއަށް ގައުމުން ބޭރަށް ދާށެވެ. ނަމަވެސް އެކަމަށް ހަރަދު ކުރާނެ ފައިސާއެއް އޭނާގެ އަތުގައި ނެތެވެ.

ޑާކާ މެޑިކަލް ކޮލެޖު ހޮސްޕިޓަލުގެ ޗީފް ޕްލާސްޓިކް ސާޖަން ސަމަންތާ ލާލް ސެން ވިދާޅުވި ގޮތުގައި ބަޖަންދަރަށް ފަރުވާ ދޭނެ ގޮތަކާ ބެހޭ ގޮތުން ހަތް ޑޮކްޓަރުން ވެގެން މަޝްވަރާ ކުރާނެ އެވެ. އަދި ބަޖަންދަރު އޭނާ ބޭނުންވާ ގޮތެއް ބުނި ނަމަވެސް، ހޮސްޕިޓަލުން އަމަލު ކުރާނީ އޭނާއަށް އެންމެ ރަނގަޅު ގޮތެއް ބަލާފައި ކަމަށް ވިދާޅުވެފަ އެވެ.

ބަޖަންދަރު ބުނި ގޮތުގައި އޭނާގެ އުމުރުން 10 އަހަރުގައި އޭނާގެ ހަށިގަނޑުން ފޮޅުތަކެއް ނަގަން ފެށި އެވެ. އަދި އޭރު އެތަކެއްޗަށް މާބޮޑު ފަރުވާލެއް ނުބެހެއްޓި ނަމަވެސް ފަހުން އެތަކެތި ބޮޑުވެ، އެއީ ވަރަށް ވޭން ގަދަ މައްސަލައަކަށްވި އެވެ. އަދި އޭނާ ކުރަމުން އައި ރިކްޝޯ ދުއްވުމުގެ މަސައްކަތް ދޫކޮށްލަން ޖެހުނެވެ.

ބަޖިންދަރަށް ޖެހިފައިވާ އެޕިޑާމޯޑިސްޕްލޭޝިއާ ވެރަސިފޯމިސް އަކީ މުޅި ދުނިޔެއިންވެސް ވަރަށް މަދު މީހުންނަށް ޖެހޭ ބައްޔެކެވެ. އޭގެ ސަބަބުން ބަޖިންދަރުގެ ހާލަތަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބުނެވެ. އަދި އޭނާއަށް ހިލޭ ފަރުވާ ދޭނެ ކަމުގެ ޔަގީންކަން ބޮޑުވަޒީރު ޝޭހް ހަސީނާ ދެއްވި އެވެ.

ދެހާސްސަތާރަ ވަނަ އަހަރު ޑާކާގެ އެހޮސްޕިޓަލުން ވަނީ ޓްރީ މޭން ސިންޑްރޯމް ޖެހިފައިވާ 10 އަހަރުގެ އަންހެން ކުއްޖަކަށްވެސް ފަރުވާކޮށްފަ އެވެ. އަދި އޭރު އޮޕަރޭޝަން ކާމިޔާބުވި ކަމަށް ޑޮކްޓަރުން ބުނި ނަމަވެސް، ކުއްޖާގެ ބައްޕަ ވަނީ އެކުއްޖާގެ ހަށިގަނޑުގައި ފަހުން އެތަކެތި މާގިނައިން ފަޅާފައިވާ ކަމަށް ބުނެ ފަރުވާ ހުއްޓުވާފަ އެވެ.

comment ކޮމެންޓް