ބީއެމްއެލް ހިޔާނާތާ ގުޅިގެން ދެ މަފިރިންނާ އިތުރު މުވައްޒަފަކު ވަކިކޮށްފި

ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފީސް ---

ބީއެމްއެލްގެ 4.9 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލަ ބެލުމަށް ފަހު އެ މައްސަލައިގައި ޝާމިލުވާ ބޭންކްގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި އެވެ.

ބީއެމްއެލް އިން ބުނީ އެ ހިޔާނާތުގައި ޒިންމާ ނަގަންޖެހޭ މުވައްޒަފުންނާމެދު މިހާރު ފިޔަވަޅު އަޅާފައިވާ ކަމަށާއި އެ މައްސަލައާ ގުޅުންހުރި ބައެއް މުވައްޒަފުންނާ މެދު އިދާރީ ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

މިއަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅު، ފެންމަތިވި ހިޔާނާތާ ގުޅިގެން ބީއެމްއެލްގެ ދެ ޑިޕާޓްމަންޓެއްގައި މަސައްކަތް ކުރާ ދެމަފިރިއަކު ސަސްޕެންޑް ކުރި އެވެ.

އެނގިފައިވާ ގޮތުގައި ވަޒީފާއިން ވަކިކުރީ، އެ މައްސަލައިގައި ހިމެނޭ ބީއެމްއެލްގައި މަސައްކަތް ކުރާ ދެމަފިރިންގެ އިތުރުން އަދި އިތުރު މުވައްޒަފަކެވެ.

ބީއެމްއެލް އިން ބުނީ ބޭންކުގައި ހިނގާފާނެ ނުރަނގަޅު އަމަލެއް ނުވަތަ އިހުމާލެއް ދެނެގަތުމަށް ގަވައިދުތައް ހަރުދަނާ ކޮށްފައިވާނެ ކަމަށެވެ.

މީގެ އިތުރުން، ބޭންކުގެ ގަވައިދުތަކާއި އުސޫލުތައް ހަރުދަނާކޮށް އިންޓާނަލް ކޮންޓްރޯލްތައް ވެސް ގާއިމްކޮށްފައިވާނެ ކަމަށް ބޭންކުން ބުންޏެވެ. އެއްވެސް މުވައްޒަފަކު ގަވައިދާ ހިލާފު ކަމެއް ކޮށްފި ނަމަ އެކަމެއް ތަހުގީގުކޮށް އަޅަން ޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބޭންކުން ބުންޏެވެ.

ބީއެމްއެލްއިން ޖެނުއަރީ މަހު ހާމަކުރި ގޮތުގައި، އިންޓާނަލް އޮޑިޓުން މައްސަލަ ބެލިއިރު ބޭންކުގެ މުވައްޒަފަކު ވަނީ އޭނާ އަދާކުރާ ވަޒީފާގެ ގޮތުން އިންޓާނަލް އެކައުންޓްތަކުގެ މުއާމަލާތް ކުރުމަށް ލިބިފައިވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ބޭންކުގެ ފައިސާގެ ތެރެއިން 4.9 މިލިއަނެއްހާ ރުފިޔާ އަމިއްލައަށް ބޭނުންކޮށްފަ އެވެ.

މީގެ ކުރިން ތިލަވެފައިވާ މައުލޫމާތުތަކަށް ބަލާއިރު، ބީއެމްއެލްގެ މެނޭޖާ ލެވަލްއަށް ވުރެ ދަށް މުވައްޒަފުންތަކެއް މި ހިޔާނާތް ހިންގާފައި ވަނީ ބީއެމްއެލްގެ އަމިއްލަ އެކައުންޓެއްގައި ހުރި ފައިސާތަކަކަށެވެ. އަދި މި ފައިސާ އަކީ ބޭންކްގެ ކަސްޓަމަރުންގެ ފައިސާއެއް ނޫންކަން ވެސް ހާމަވެފައިވެ އެވެ. އެ ހިޔާނާތުގައި އެންމެ އިސްކޮށް އުޅުނީ ކްރިޑިޓް ކާޑް އައުޓްސްޓޭންޑިން ކަލެކްޝަން ޑިޕާޓްމަންޓްގައި އުޅުނު މުވައްޒަފެކެވެ.

https://sun.mv/114021

comment ކޮމެންޓް