ބާ ކައުންސިލު އުފައްދާ ބިލު މަޖިލީހުން ފާސްކޮށްފި

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ

ގާނޫނީ ވަކީލުންގެ ހުރިހާ ކަމެއް ބަލަހައްޓާ ބާ ކައުންސިލެއް އުފައްދާ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގާނޫނީ ފަންނުގެ ބިލު މަޖިލީހުން ފާސްކޮށްފި އެވެ.

ގާނޫނީ ފަންނުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އެވެ.

މިއަދު މަޖިލީހުގައި 69 މެމްބަރުންގެ ވޯޓުން ގާނޫނީ ފަންނުގެ ބިލު ވަނީ މަޖިލީހުން ފާސްކޮށްފަ އެވެ.

ގާނޫނީ ފަންނުގެ ބިލުގައި ވާގޮތުން އެ ބިލު ފާސްކޮށް ތަސްދީގު ކުރާ ހިސާބުން ބާ ކައުންސިލު ވުޖޫދުވާނެ އެވެ. ބާ ކައުންސިލު ވުޖޫދު ވާތާ 21 ދުވަހުގެ ތެރޭގައި ބާ ކައުންސިލުގެ ހިންގާ ކޮމިޓީ އިންތިހާބުކުރުމަށް އިންތިހާބެއް ބާއްވާން ޖެހެއެވެ. ފުރަތަމަ އިންތިހާބު ބޭއްވުމުގެ މަސްއޫލިއްޔަތު ބިލުން ހަވާލުކޮށްފައިވަނީ އިލެކްޝަންސް ކޮމިޝަނާއެވެ.

ބާ ކައުންސިލުގެ ހިންގާ ކޮމިޓީ އެކުލެވިގެން ވަނީ ގާނޫނީ ވަކީލުންގެ ތެރެއިން ބާ ކައުންސިލުގެ ރައީސްކަމަށް އިންތިހާބު ކުރެވޭ މީހަކާއި ވަކީލުންގެ ތެރެއިން ބާ ކައުންސިލުގެ ނައިބު ރައީސްކަމަށް އިންތިހާބު ކުރެވޭ މީހަކާއި ބަންޑާރަ ނައިބު އަދި ގާނޫނީ ވަކީލުންގެ ތެރެއިން ހިންގާ ކޮމިޓީއަށް އިންތިހާބު ކުރެވޭ ހަ ވަކީލެއްގެ މައްޗަށެވެ.

ބާ ކައުންސިލު ވުޖޫދުވުމަށްފަހު ގާނޫނީ ވަކީލުންނަށް ވަކީލުކަމުގެ ހުއްދަ ދިނުމާއި ވަކީލުންނާއި ގުޅުން ހުރި ހުރިހާ ކަމެއް ނިންމާނީ އެ ކައުންސިލުން ކަމަށް ބިލުގައި ބުނެފައި ވެއެވެ.

ގާނޫނީފަންނުގެ ބިލު ގާނޫނަކަށް ވާ ހިސާބުން މިހާރު ޖޭއެސްސީގައި ވަކީލުން ތަމްސީލު ކުރައްވާ ވަކީލު ލަތީފާ ގާސިމް މަގާމު ގެއްލޭނެ އެވެ. އެއީ ބިލުގެ 68 ވަނަ މާއްދާގެ (ށ)ގައި ވަކީލުން ފަރާތުން ޖޭއެސްސީއަށް އިންތިހާބު ކޮށްފައިވާ މެމްބަރު ބިލު ފާސްވެ ގާނޫނަކަށް ވާ ހިސާބުން މަގާމުން ވަކިވެގެންދާނެ ކަމަށް ބަޔާންކޮށްފައި އޮންނާތީ އެވެ.

comment ކޮމެންޓް