އީރާނުގެ ރޫހީ ލީޑަރަށް އަމާޒުކޮށް އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކެއް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅުއްވާފައި -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (ޖޫން 25): އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އާއި ސަރުކާރުގެ އެހެން ފަރާތްތަކަށް އަމާޒުކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅުއްވައިފި އެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި އެފިޔަވަޅުތައް އެޅީ އީރާނުން އެމެރިކާގެ ޖާސޫސީ ޑްރޯނެއް ވައްޓާލުން ފަދަ ގިނަ އަދަދެއްގެ މައްސަލަތަކާ ގުޅިގެންނެވެ. އަދި އެއަމަލުތަކުގެ ޒިންމާ ނަގަން ޖެހޭނީ ރޫހާނީ އާއި އޭނާއާ ގާތް ފަރާތްތަކުން ކަމަށް ބެލެވޭތީ އެވެ.

"މި ފިޔަވަޅުތަކުގެ ސަބަބުން ރޫހީ ލީޑަރާއި އޭނާގެ އޮފީހާއި އޭނާއާ ގާތް ފަރާތްތައް މާލީ ވަސީލަތްތަކާއި އެހީތަކުން އެކަހެރި ކުރެވޭނެ،" ރައީސް ޓްރަމްޕް ވިދާޅުވި އެވެ.

އަދި އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ސްޓީވެން މަނޫޗިން ވިދާޅުވި ގޮތުގައި އެފިޔަވަޅުތަކުގެ ސަބަބުން އެތައް ބިލިއަން ޑޮލަރުގެ އީރާނުގެ މުދާ ފްރީޒް ކުރާނެ އެވެ.

އެޓްރެޝަރީން ނެރުނު ބަޔާނެއްގައިވާ ގޮތުން އެމެރިކާ އިން ފިޔަވަޅު އަޅާ ފަރާތްތަކުގެ ތެރޭގައި އީރާނުގެ ކަނޑާއި ވައިގެ ސިފައިންނާއި ރިވޮލިއުޝަނަރީ ގާޑުންގެ އަށް ކޮމާންޑަރުން ހިމެނެ އެވެ. އަދި މިހަފްތާ ތެރޭގައި އީރާނުގެ ފޮރިން މިނިސްޓަރު ޖަވާދު ޒާރިފްއާ ދެކޮޅަށް ވެސް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ އެވެ.

އޭގެ ސަބަބުން ޒާރިފް ވަނީ ޓްރަމްޕާ އަރިސް ފަރާތްތަކުން ބޭނުން ވަނީ ޑިޕްލޮމެޓިކްކޮށް މައްސަލަތައް ހައްލު ކުރުމުގެ ބަދަލުގައި ހަނގުރާމަ ކުރަން ކަމަށް ވިދާޅުވެފަ އެވެ.

"މިހާރު ސާފުވާ ކަމަކީ [ޓްރަމްޕްގެ] ބީ ޓީމުން އެމެރިކާގެ މަސްލަހަތަކަށް ނުބަލާކަން. އެމީހުން ޑިޕްލޮމެސީއަށް ނަފްރަތު ކުރޭ އަދި ބޭނުން ވަނީ ހަނގުރާމަ ކުރަން،" ޒާރިފް ކުރެއްވި ޓުވީޓެއްގައިވެ އެވެ.

ޒާރިފް ބީ ޓީމުގެ ގޮތުގައި ސިފަ ކުރައްވަނީ ޓްރަމްޕްގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖޯން ބޯލްޓަން އާއި އޭނާ އީރާނާ ދެކޮޅު ލީޑަރުން ކަމަށް ވިދާޅުވާ އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ފަދަ ބޭފުޅުންނެވެ.

އީރާނުން މިދިޔަ ހަފްތާގައި އެމެރިކާގެ ޑްރޯނެއް ވައްޓާލީ އެޑްރޯން އެގައުމުގެ ވައިގެ ސަރަހައްދަށް ވަތް ކަމަށް ބުނެ އެވެ. ނަމަވެސް އެމެރިކާ އިން ބުނި ގޮތުގައި ޑްރޯން ވައްޓާލި އިރު އޭތި އޮތީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގަ އެވެ.

އެހަމަލާއަށް ފަހު އީރާނަށް ހަމަލާދޭން ޓްރަމްޕް އަމުރު ކުރެއްވި ނަމަވެސް، އެންމެ ފަހު ވަގުތު ހަމަލާތައް ނުދޭން ނިންމެވި ކަމަށް ނިއު ޔޯކް ޓައިމްސްއިން ރިޕޯޓުކުރި އެވެ.

އެމެރިކާ އިން މިދިޔަ އަހަރު އީރާނުގެ ނިއުކްލިއާ އެއްބަސްވުމުން ވަކިވެ، އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅި ފަހުން ދެ ގައުމުގެ ގުޅުން ވަނީ ގޯސްވެފަ އެވެ.

comment ކޮމެންޓް