މަލާމާތް ރައްދުވި ނަންބޯޑުތައް ހުރީ ބަސް ކޮމިޓީން ފާސްނުކޮށް

ދަރުމަވަންތަ ހޮސްޕިޓަލުގެ ނަން ބޯޑުތައް ---

ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވި ދަރުމަވަންތަ ހޮސްޕިޓަލުގެ ނަންބޯޑުތަކުގައި ނަންތައް ޖަހައި ހަރުކުރީ ބަސް ކޮމިޓީން ފާސް ނުކުރަނީސް ކަން 'ސަން' އަށް އެނގިއްޖެ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގައި ނަންބޯޑު ހަރުކޮށްފައި ވަނީ ދިވެހި އާ ބަސްތަކެއް އުފައްދައިގެންނެވެ. ނަންބޯޑުތައް ހަރުކުރުމުން ގިނަ ބަޔަކު ވަނީ އެ ބަސްތަކަށް ފާޑު ކިޔުން އަމާޒުކޮށްފަ އެވެ.

'ސަން' އަށް އެނގިފައިވާ ގޮތުން އެ ބަސްތަކަކީ ބަސް ކޮމިޓީގެ ދަށުން އެކުލަވާލި ފަންނީ ކޮމިޓީން އުފައްދާފައިވާ ބަސްތަކެކެވެ. އަދި ފަންނީ ކޮމިޓީން އުފަން ކުރި އެ ބަސްތައް އައިޖީއެމްޗުގެ ބޯޑްގައި މަޝްވަރާކޮށް ބަސްތައް ފާސްކުރަން ބަސް ކޮމިޓީއަށް ފޮނުވަން ބަސް ކޮމިޓީން އޮތީ އަންގާފައިކަން އެނގިފައިވެ އެވެ.

އެކަމަކު ބަސް ކޮމިޓީގެ އެންގުމާ ހިލާފަށް، އެ ބަސްތައް ފާސްކުރަން ބަސް ކޮމިޓީއަށް ނުފޮނުވާ އައިޖީއެމްޗުން ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ނަން ބޯޑު ހަރުކޮށްފަ އެވެ.

ފަންނީ ކޮމިޓީގެ މުގައްރިރަކީ ހަމްދޫން ހަމީދު އެވެ. އޭގެ އިތުރުން ބަސް ކޮމިޓީގެ ބައެއް މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ.

ބަސް ކޮމިޓީގެ މެމްބަރަކު 'ސަން' އަށް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ނަން ބޯޑު ހަރުކުރީ ބަސް ކޮމިޓީން ބަސްތައް ފާސް ނުކުރަނީސް ކަމަށެވެ. މިހާރު އަލުން އެ ބަސްތައް ދިރާސާކޮށް ބަސް ކޮމިޓީއިން ފާސްކުރަން އުޅޭކަން ވަނީ އެނގިފަ އެވެ. އާ ލަފުޒެއް ރަސްމީ ވަނީ، ބަސް ކޮމިޓީއިން ފާސްކުރުމުން އެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ، "ސްމޯކް ސްޓޮޕް ލޮބީ" އަށް ދީފައިވާ ނަމަކީ، "ދުން މަތަ ލޮބީ" އެވެ.

ސްޓްރައިލް ކޮރިޑޯ ދިވެހިކޮށް، ދީފައިވާ ނަމަކީ، "އަގީމު ސަރައްކާލި" އެވެ. އަދި އެއްޗިހި ދޮވެ ސާފުކުރުމަށް ފަހު ތަކެތި ރައްކާ ކުރާ ކޮޓަރީގެ ބޭރުގައި ޖަހާފައި ވަނީ، "އަރެސް ދޮވެ ބަހައްޓާ ކޮޓާރު" މިހެން އެވެ. މިބަސްތަކަށް އެތައް ބަޔަކު ވަނީ މަލާމާތް ވެސް ކޮށްފަ އެވެ.

comment ކޮމެންޓް