އައިއެސްގެ ހަނގުރާމަވެރިންގެ ދަރިންނާއި އަނބިން ގައުމުތަކުން ގެންދަން އދ އިން ގޮވާލައިިފި

އަލްހައުލް ކޭމްޕްގައި ތިބި ރެފިއުޖީންތަކެއް. --

ޖެނީވާ (ޖޫން 25) : ޖިހާދު ކުރުމުގެ ނަމުގައި އައިއެސް ޖަމާއަތާ ގުޅިގެން އިރާގާއި ސޫރިޔާގައި ހަނގުރާމަކޮށް ބޮންގޮއްވައި ޓެރަރިޒަމްގެ އަމަލުތައް ހިންގި ބޭރު ޖިހާދީންގެ ދަރިން އެމީހުންގެ ނިސްބަތްވާ ގައުމުތަކަށް އަނބުރާ ގެންދިއުމަށް، އިންސާނީ ހައްގުތަކާބެހޭ އދ. ގެ ހައިކޮމިޝަނާ މިޝޭލް ބެޝެލެޓް، އެ ގައުމުތަކަށް ގޮވާލައްވައިފި އެވެ.

ސްވިޓްޒަލޭންޑްގެ ޖެނީވާގައި ކުރިއަށްދާ އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިޝޭލް ބެޝެލެޓް ވިދާޅުވީ އިރާގާއި ސޫރިޔާގައި އައިއެސް ހަނގުރާމަވެރިން އަސްކަރީ ގޮތުން އިނދަޖެހި އައިއެސް ޖަމާއަތް ބަލިކަށިވެފައިވާއިރު އައިއެސް ހނގުރާމަވެރިންގެ ދަރިންނާއި ދަރިންގެ ދަރިން ހަނގުރާމަވެރިންގެ ކޭމްޕްތަކުގައި އިންސާނީ ހައްގުތައް ނިގުޅައިގަނެވިފައިވާ ހާލުގައި ވަރަށް ހިތި ވޭންތަކެއް ތަހައްމަލްކުރަމުން ގެންދާކަމުގަ އެވެ.

ބެޝެލެޓް ވިދާޅުވީ އައިއެސް ހނގުރާމަވެރިންގެ ދަރިންގެ އިތުރުން ދަރިންގެ ދަރިންވެސް އެބަތިބި ކަމަށާ އެހާ ކުޑަކުދިން އެހާލަތުން ސަލމަތްކުރަންޖެހޭ ކަމުގައެވެ. މިކަމުގައި އެމީހުން ނިސްބަތްވާ ގައުމުތަކާއި އދ. ގުޅިގެން އެ ކުދިންގެ މުސްތަގްބަލް ސަލާމަތް ކުރުމަށް މަސައްކަތް ކުރުމަށް ބެޝެލެޓް ގޮވާލެއްވި އެވެ.

ކުޑަކުދިންނާބެހޭ އދ. ގެ ޖަމްއިއްޔާ ޔުނިސެފް ބުނާގޮތުން ސޫރިޔާގައި އައިއެސް އާ ގުޅިގެން ހަނގުރާމަކުރި ޓެރަރިސްޓް ހަނގުރާމަވެރިންގެ ދަރިންގެ ގޮތުގައި 29 ހާސް ކުދިން ސޫރިޔާގެ އިދލިބްގެ ކޭންޕްތަކުގައި ވަރަށް ވޭންދެނިވި ހާލަތެއްގައި އުޅެމުން ދެއެވެ. މީގެތެރެއިން 20 ހާސް ކުޑަކުދިންނަކީ އިރާގާއި ސޫރިޔާއިން އެޖަމާއަތާ ގުޅުނު މީހުންގެ ދަރިންނާއި ދަރިންގެ ދަރިންނެވެ. އަނެއް 9 ހާސް ކުދިންނަކީ ޖިހާދުގެ ނަމުގައި ބޭރުގައުމުތަކުން އައިއެސްއާ ގުޅިގެން ހަނގުރާމަކުރި ޓެރަރިސްޓުންގެ ދަރިންނާއި ދަރިންގެ ދަރިންނެވެ. އޭގެތެރެއިން ގިނަ ކުދިންނަކީ ބައްޕައިން ހަނގުރާމައިގާ މަރުވުމުގެ ސަބަބުން ޔަތީމްވެފައިވާ ކުދިންކަމަށް ޔުނިސެފް ބުނެ އެވެ.

އައިއެސްއާއި ގުޅިގެން އިރާގުގައި ބޮންގޮއްވައި ޓެރަރިޒަމްގެ ޖަރީމާތައް ހިންގިކަމުގެ ކުށް ސާބިތުވެގެން އެކިގައުމުތަކުގެ ފިރިހެނުންނާ އަންހެނުން ހިމެނޭގޮތަށް 150 މީހުން މެރުމަށް އިރާގުގެ ކޯޓަކުން ދާދިފަހުންވަނީ ހުކުމްކޮށްފައެވެ. އިރާގާއި ސޫރިޔާއަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެދެގައުމު ހަލާކުކޮށްލުމުގައި އައިއެސް އާ ޖަބްހަތުއް ނުސްރާފަދަ ޓެރަރިސްޓް ޖަމާއަތްތަކާ ބައިވެރިވެގެން ޖިހާދުގެ ނަމުގައި ބޮންގޮއްވައި ޓެރަރިސްޓް އަމަލުތައް ހިންގި ބޭރުގައުމުތަކުގެ ޓެރަރިސްޓުންގެ ކިބައިން ސަލާމަތްވުމުގެ މައްސަލައެވެ.

އައިއެސް އާއި ޖަބްހަތުއްނުސްރާއާ އިރާގާއި ސޫރިޔާގައި ބަލިވުމަށްފަހު ދާނެތަނެއް ނެތިފައިތިބި މިފަދަ އެތަށްހާސް ހަނގުރާމަވެރިންނާއި އެމީހުންގެ އާއިލާތައް އިރާގާއި ސޫރިޔާގައި އެބަތިއްބެވެ. މީގެތެރެއިން ހަނގުރާމަވެރިންގެ މައްޗަށް ޝަރީއަތް ހިންގައި އެމީހުން މެރުން ނޫންގޮތެއް ނެތްކަމަށް އިރާގާއި ސޫރިޔާއިން ދެކެއެވެ. ސަބަބަކީ އެމީހުންގެ ނުރައްކާތެރިކަމުން އެމީހުން ނިސްބަތްވާ ގައުމުތަކުންވެސް އެމީހުންނާ ހަވާލުވެ އެމީހުން އަނބުރައި އެގައުމުތަކަށް ގެންދަންބޭނުން ނުވާތީއާއި އެމީހުންނަކީ އާދަޔާ ޚިލާފަށް ނުރައްކާތެރި ބަޔައަކަށްވާތީއެވެ. ނަމަވެސް އެމީހުންގެ ދަރިން ރިހެބިލިޓޭޓް ކޮށްގެން ނަމަވެސް އެކުދިން މިހާރުތިބި ލާއިންސާނީ އަދި ވޭނީ ހާލަތުން ސަލާމަތް ކުރެވޭނެގޮތެއް އޮތްތޯ ބަލަންޖެހޭކަމަށް އިންސާނީ ހައްގުތަކާބެހޭ އދ. ގެ ހައިކޮމިޝަނާ މިޝޭލް ބެޝެލެޓް ވިދާޅުވިއެވެ.

އައިއެސް އާ ގުޅުނު ހަނގުރާމަވެރިންގެ ތެރެއިން އިރާގާއި ސޫރިޔާގައި މިހާރު ހާލުގައި ޖެހިފައިވާ ކުޑަކުދިން ނިސްބަތްވަނީ 50 ގައުމަކަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު