މިލާންގެ މަޝްހޫރު "ސެންސީރޯ" ސްޓޭޑިއަމް ދޫކޮށްލަން ނިންމައިފި

އޭސީ މިލާނާއި އިންޓަ މިލާން ބޭނުން ކުރާ ސެންސީރޯ ސްޓޭޑިއަމް --- ފޮޓޯ/ރަޔަން ބެންސަން

ޔޫރަޕުގެ އެންމެ މަގްބޫލު އެއް ސްޓޭޑިއަމް ކަމަށްވާ ސެންސީރޯ ސްޓޭޑިއަމްގެ ބަދަލުގައި އެހެން ސްޓޭޑިއަމެއް ބިނާކޮށް ބާ ސްޓޭޑިއަމް ހުރި ތާގައި އިމާރާތްތަކެއް ބިނާ ކުރާ ގޮތައް ނިންމާފައިވާ ކަމަށް އޭސީ މިލާންގެ ރައީސް ޕައޮލޯ ސްކެރޮނީ ބުނެފި އެވެ.

އިޓަލީގެ އެންމެ ބޮޑު ތާރީހެއް އޮތް ކުލަބުތަކުގެ ތެރޭގައި ހިމެނޭ އޭސީ މިލާންއާއި އިންޓާ މިލާންއިން ޒަމާނުއްސުރެން ބޭނުން ކުރަމުން އައި ސެން ސީރޯ ސްޓޭޑިއަމް ދޫކޮށްލަން އެ ދެ ޓީމުން ނިންމާފައި ވަނީ ސްޓޭޑިއަމް ބާވެފައި ވުމުންނެވެ.

ސެންސީރޯ ސްޓޭޑިއަމަކީ 1926 ވަނަ އަހަރު ބިނާ ކުރަން ފެށި ސްޓޭޑިއަމަކަށް ވީ އިރު އެ ތަނަކީ މިއަދާ ހަމައަށް ވެސް ޔޫރޮޕުގެ އެންމެ ބޮޑެތި މެޗުތައް ކުޅުމަށް ވެސް ބޭނުން ކުރަމުން އައި ސްޓޭޑިއަމެކެވެ. އެގޮތުން 2016 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް ވެސް އެ ސްޓޭޑިއަމުގައި ކުޅެފައިވެ އެވެ. އެ މެޗުގެ އިތުރުން ވެސް ހަތަރު ފަހަރަކު އެ މުބާރާތުގެ ފައިނަލު އެ ސްޓޭޑިއަމުގައި އެކި ފަހަރު މަތިން ކުޅެފައިވެ އެވެ.

އަދި ސެންސީރޯ އަކީ 1990 ވަނަ އަހަރުގެ ވޯލްޑްކަޕުގައި ވެސް ބޭނުން ކުރި ސްޓޭޑިއަމަކަށް ވާއިރު އެތަން ނެތި ކޮށްލުން ނިންމުމަކީ ގިނަ ބަޔަކު ހިތާމަ ކުރާ ކަމެކެވެ. ނަމަވެސް އޭގެ ބަދަލުގައި އެ ސަރަހައްދުގައި ޒަމާނީ ފެންވަރުގެ އެހެން ސްޓޭޑިއަމެއް ބިނާ ކުރަން ނިންމާފައިވާ ކަމަށް މިލާންގެ ރައީސް ވަނީ ބުނެފަ އެވެ.

"އެކަމަށް ވާން ޖެހޭ ތައްޔާރީތައް ވަމުން މިދަނީ. އަހަރަމެން ދެ ކުލަބުން ގުޅިގެން މުޅިން އައު ސެންސީރޯއެއް ބިނާ ކުރަން ވަނީ ނިންމާފަ. މިހާރު ސްޓޭޑިއަމް ހުރި ތަނުގައި އިމާރާތްތަކެއް ބިނާކޮށް ހަމަ އެ ސަރަހައްދުގައި އައު ސްޓޭޑިއަމް ވެސް ބިނާ ކުރާނީ،" މިލާންގެ ރައީސް ސްކެރޮނީ ބުންޏެވެ.

އޭސީ މިލާނާއި އިންޓާ މިލާން ގުޅިގެން އެއް ސްޓޭޑިއަމެއްގައި ކުޅެން ފެށީ 1947 ވަނަ އަހަރު އެވެ.

comment ކޮމެންޓް