އިންޑިއާގައި މުސްލިމަކަށް އަނިޔާކޮށް މަރާލި މައްސަލާގައި ފުލުހުންގެ އިހުމާލު

ތަބްރޭޒް އަންސާރީއަށް ހަމަލާދޭ މަންޒަރު ވަނީ ވީޑިއޯކޮށްފައި -- ފޮޓޯ: ބީބީސީ ހިންދީ

ދިއްލީ (ޖޫން 25): އިންޑިއާގައި މިދިޔަ ހަފްތާ ތެރޭގައި މުސްލިމަކަށް އަނިޔާކޮށް މަރާލި މައްސަލައިގައި ފުލުހުންގެ އިހުމާލުވެފައިވާ ކަމަށް ބުނެ، ދެ ފުލުހަކު ސަސްޕެންޑުކޮށްފި އެވެ.

މިދިޔަ އަންގާރަ ދުވަހު ޖަރުކަންދު ސްޓޭޓުގައި 24 އަހަރުގެ ތަބްރޭޒް އަންސާރީއަށް ބަޔަކު ހަމަލާ ދިނީ އޭނާ ސައިކަލެއް ވަގަށް ނެގި ކަމަށް ބުނެ އެވެ. އެހަމަލާ ދިން މީހުން ވަނީ އޭނާ ހޮޅިދަނޑިއެއްގައި ބަނުމަށް ފަހު، އަނިޔާ ކުރާ މަންޒަރު ވީޑިއޯކޮށްފަ އެވެ. އަދި ހިންދޫ ދީނުގެ ޝިއާރުތައް ކިޔަން މަޖުބޫރު ކުރުވައިފަ އެވެ.

އަންސާރީގެ އަންހެނުން ބުނި ގޮތުގައި އެމީހުން އޭނާ ފުލުހުންނާ ހަވާލު ކުރީ އޭނާ ހޭނެތުމުންނެވެ. އޭރު އަންސާރީއަށް އަނިޔާ ކުރާތާ ގާތްގަނޑަކަށް 12 ގަޑި އިރު ވެދާނެ އެވެ. އަދި ފުލުހުން ވަނީ ފުރަތަމަ އޭނާއަށް ފަރުވާ ދިނުމުގެ ބަދަލުގައި، ވައްކަމުގެ ތުހުމަތުގައި އަންސާރީ ހައްޔަރުކޮށްފަ އެވެ.

އޭގެ ހަތަރު ދުވަސް ފަހުން އަންސާރީ ޖަލުގައި ހުއްޓާ އޭނާގެ ހާލު ދެރަވެގެން ކަމަށް ބުނެ ފުލުހުން އޭނާ ހޮސްޕިޓަލަށް ގެންދިޔަ އެވެ. ނަމަވެސް އޭރު އޭނާ ވަނީ މަރުވެފަައި ކަމަށް ޑޮކްޓަރުން ބުންޏެވެ.

އަންސާރީގެ އާއިލާއިން ތުހުމަތު ކުރާ ގޮތުގައި އޭނާގެ ހަށިގަނޑު ފުލުހުން ގެންދިޔައީ އޭނާ މަރުވިތާ އެތައް އިރެއްވީ ފަހުންނެވެ.

"އޭނާއަކީ މުސްލިމަކަށްވީތީ އޭނާއަށް އެއްވެސް ރަހުމެއް ނެތި އަނިޔާކުރި. އަހަރެންގެ އެއްވެސް މީހަކު ނެތް. އަހަންނަށް އަޅާލާން ހުރި ހަމައެކަނި މީހަކީ އަހަރެންގެ ފިރިމީހާ. އަހަރެން ބޭނުން އިންސާފު،" އަންސާރީގެ އަންހެނުން، ޝަހިސްތާ ޕަރުވީން ބުންޏެވެ.

އެހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި ފެތުރި، ޖަރުކަންދުގެ ފުލުހުންނަށް ވަނީ ގިނަ ބަޔެއްގެ ފާޑު ކިޔުން އަމާޒުވެފަ އެވެ. އަދި ޖަރުކަންދުގެ ސަރުކާރުން ނެރުނު ބަޔާނެއްގައިވާ ގޮތުން އެމައްސަލައިގައި އިހުމާލުވި ދެ ފުލުހަކު މިހާރު ވަނީ ސަސްޕެންޑުކޮށްފަ އެވެ. އަދި އެހާދިސާއާ ގުޅިގެން 11 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ނަމަވެސް ޖަރުކަންދުގެ މިނިސްޓަރެއް ކަމަށްވާ ސީޕީ ސިންހު ވަނީ ގިނަ ބަޔަކު ބައިވެރިވެގެން އެގޮތަށް ދޭ ހަމަލާތައް ސިޔާސީކޮށްގެން ނުވާނެ ކަމަށާއި އެފަދަ ހަމަލާތަކާ ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީއާ ގުޅުވައިގެން ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

ދުނިޔޭގައި ދީނީ މިނިވަންކަން އޮތް މިނިވަރާ ބެހޭ ގޮތުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ނެރުނު ރިޕޯޓެއްގައިވާ ގޮތުން އިންޑިއާގައި ގެރި މަސް ކައިގެން ނުވަތަ ގެރި މަރާލި ކަމަށް ބުނެ މުސްލިމުންނާއި ދާލިތު ދަރިކޮޅުގެ މީހުންނަށް ދޭ ހަމަލާތައް ދަނީ އިތުރުވަމުންނެވެ. ނަމަވެސް އެހަމަލާތައް ހުއްޓުވުމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ފެއިލްވެފައިވާ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.

comment ކޮމެންޓް