ބުރިޖްގައި 100 އެކްސިޑެންޓެއް، މިދިޔަ ތިން މަހު މަދު

ސިނަމާލެ ބްރިޖްގައި ވެހިކަލް ދުއްވަނީ. -- ސަން ފައިލް ފޮޓޯ

ބުރިޖް ހުޅުވުމަށްފަހު މިހާތަނަށް ބްރިޖްމަތީ 100 އަށްވުރެ ގިނަ އެކްސިޑެންޓް ހިނގި އިރު ވޭތުވެދިޔަ ތިން މަސްދުވަހު ބްރިޖްމަތީގައި ހިނގި އެކްސިޑެންޓްތައް މަދުވެފައިވާ ކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މާލެއާއި ހުޅުލެ އަދި ހުޅުމާޅެ ގުޅުވައިދޭ، ސިނަމާލެ ބުރިޖި ރަސްމީކޮށް ހުޅުވީ، މިދިޔަ އަހަރުގެ އޮގަސްޓް 30 ވަނަ ދުވަހު އެވެ. ދަތުރުފަތުރު ކުރުމަށް ބުރިޖު ހުޅުވާލީ، ޖެހިގެން އައި ސެޕްޓެމްބަރު ހަތް ވަނަ ދުވަހު އެވެ.

ފުލުހުން މި ހަފްތާ ތެރޭ އާންމު ކުރި ތަފާސް ހިސާބު ތަކަށް ބަލައިއިރު، ބުރިޖު ހުޅުވައިގެން ވޭތުވެދިޔަ ނުވަ މަހަށް ބަލާއިރު ފާއިތުވި ތިން މަސް ދުވަސް ތެރޭގައި ހިނގި އެކްސިޑެންޓުތައް މަދެވެ. އެގޮތުން މިދިޔަ މާޗު، އެޕްރީމް އަދި މެއި، މިއިން ކޮންމެ މަހެއްގައި ހިނގީ ހަތަރު އެކްސިޑެންޓެވެ. އެހެން މަސް ތަކުގައި މަދުވެގެން 10 އެކްސިޑެންޓް ހިނގާފައިވާ ކަން ތަފާސްހިސާބުތަކުން ދައްކަ އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުން، ސެޕްޓެމްބަރުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ބްރިޖްމަތީގައި ހިނގި 106 އެކްސިޑެންޓެއް ވަނީ ރިޕޯޓުކޮށްފަ އެވެ.

މިދިޔަ އަހަރު ފަހު ހަތަރު މަސްދުވަހުގެ ތެރޭގައި ހިނގީ، 65 އެކްސިޑެންޓެވެ. މިއަހަރުގެ ފުރަތަމަ ފަސް މަސް ދުވަސް ތެރޭގައި، ހުށަހެޅީ 41 އެކްސިޓެންޑެވެ. އެހެން ކަމުން މުޅި ޖުމްލަ މިހާތަނަ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، ބްރިޖްމަތީގައި 106 އެކްސިޑެންޓް ހިނގައިގެން ވަނީ ރިޕޯޓު ކޮށްފަ އެވެ.

އެކްސިޑެންޓްތަކުގައި އެންމެ ގިނައި ރިޕޯޓު ކޮށްފައިވަނީ ސައިކަލު އެކްސިޓެންޓެވެ. އެގޮތުން ހަމަ އެކަނި ސައިކަލުގެ 46 އެކްސިޑެންޓެއް ވަނީ ރިޕޯޓު ކޮށްފަ އެވެ. ސައިކަލާއި ކާރުގެ 21 އެކްސިޑެންޓެއް ރިޕޯޓު ކޮށްފައިވެ އެވެ.

ބުރިޖު މަތީގައި އެކްސިޑެންޓްތައް ގިނަވުމުގެ ސަބަބުން މިދިޔަ މަހުގެ އެޕްރީލްއިން ފެށިގެން ބުރިޖާއި ހައިވޭގައި ދުއްވާ އިރު ހެލްމެޓް އެޅުމަށް މިހާރު ވަނީ މަޖުބޫރު ކޮށްފަ އެވެ.

ސަރުކާރުން ވަނީ ބުރިޖު މަތީގައި ކެމެރާ ހަރުކުރުމަށް ވެސް ނިންމާފަ އެވެ. އެގޮތުން މިދިޔަ އެޕްރީލް މަސް ތެރޭ ބުރިޖު މަތީ ކެމެރާ ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ވެސް ކުރި އެވެ.

comment ކޮމެންޓް