ހާޖަރާގޭ ލުތުފީ އެމްބަސީގައި ދިރިއުޅެމުން އަންނަތާ ދެ މަހެއްހާ ދުވަސް

ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ: އޭނާ ލަންކާ އެމްބަސީގައި ދިރިއުޅެމުން އަންނަތާ ދެ މަސް ----

ތިނެއް ނޮވެމްބަރު 1988 ވަނަ އަހަރު ރާއްޖެއަށް އުދުވާނީ ހަމަލާއެއްދީ 19 ދިވެހީން ޝަހީދުކޮށްލުމުގައި އެންމެ އިސްކޮށް އުޅުނު ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ދިރިއުޅެމުން އަންނަތާ ދެ މަހެއްހާ ދުވަސް ވެއްޖެކަން ހާމަ ވެއްޖެ އެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިއްޔެ ވަނީ ލުތުފީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ފިލައިގެން އުޅެކަމަށް ވިދާޅުވެ ޓްވީޓް ކޮށްފައެވެ.

ފުލުހުން މިރޭ ނެރުނު ނޫސްބަޔާނުގައި ބުނީ، ލުތުފީ، އެމްބަސީއާ އަމިއްލައަށް ހަވާލުވުމަށް އައީ މިދިޔަ މަހުގެ އެއްވަނަ ދުވަހު ކަމަށެވެ.

އިއްޔެ އުމަރު އެވާހަކަ ޓްވީޓް ކުރި އިރު، މިހާ ދުވަސް ވަންދެން ދިވެހި އެމްބަސީ، ފޮރިން މިނިސްޓްރީ އަދި ފުލުހުން މިކަން ހާމަ ކުރުން ލަސްވީ ކީއްވެ ކަމެއް ނޭނގެއެވެ.

މިހާރު ލުތުފީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް ފުލުހުން ވަނީ މިރޭ ބުނެފައެވެ. ނަމަވެސް އެމްބަސީން އެކަން އެންގީ އަދި ފުލުހުން ލުތުފީއާ ހަވާލުވީ ކޮންއިރަކު ކަމެއް ފުލުހުން ނުބުނެއެވެ.

އުމުރަށް ޖަލަށް ހުކުމްކޮށްފައިވާ ލުތުފީ، ބޭސްފަރުވާއަށް ރާއްޖެ ފޮނުވާލީ، 2010 ވަނަ އަހަރުގެ ޖެނުއަރީ 16 ގައެވެ. އެފަހުން ލުތުފީ ފިލައިގެން ދިރިއުޅެމުން އަންނަނީ ލަންކާގައެވެ. ލުތުފީ ހޯދައި ހައްޔަރުކޮށް އޭނާގެ ހުކުމް ތަންފީޒުކުރުމަށް ފުލުހުންނާއި ކަރެކްޝަންސްގެ މައްޗަށް 2012 ވަނަ އަހަރުގެ މާޗް މަސްތެރޭ ކުރިމިނަލް ކޯޓުން އަމުރެއް ވެސް ވަނީ ކޮށްފައިވެ އެވެ. އޭގެ ފަހުން ފުލުހުން ވަނީ ލުތުފީ ހޯދަން އިންޓަޕޮލް މެދުވެރިކޮށް ނޯޓިސް ވެސް ނެރެފަ އެވެ.

އުމަރު ނަސީރުގެ މިނިސްޓަރު ކަމުގައި ވަނީ ލުތުފީ ހައްޔަރުކުރެވޭ ވަރުގެ މައުލޫމާތު ފުލުހުންނާ ހިއްސާ ކުރާ މީހަކަށް 10،000 ޑޮލަރުގެ އިނާމެއް ދިނުމަށް ނިންމާފައެވެ.

comment ކޮމެންޓް