ހާޖަރާގޭ ލުތުފީ ލަންކާ އެމްބަސީއަށް ދިޔުމުން ހައްޔަރުކޮށްފި

ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ: ----

ތިނެއް ނޮވެމްބަރު 1988 ވަނަ އަހަރު ރާއްޖެއަށް އުދުވާނީ ހަމަލާއެއްދީ 19 ދިވެހީން ޝަހީދުކޮށްލުމުގައި އެންމެ އިސްކޮށް އުޅުނު ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ދިޔުމުން ހައްޔަރުކޮށްފިއެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، 2010 ޖެނުއަރީ 16 ވަނަ ދުވަހު ލުތުފީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން އަނބުރާ އައިސްފައި ނުވާ ކަމަށާއި އަދި 2012 ވަނަ އަހަރު އޭރުގެ ޑިޕާޓްމެންޓް އޮފް ޕެންޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސާވިސް އިން ލުތުފީ ހޯދައި ދިނުމަށް އެދިފައިވާ ކަމަށެވެ.

ލުތުފީ ހޯދުމުގެ މަސައްކަތް އެ ދުވަހުން ފެށިގެން ކުރަމުން އައި ކަން ފުލުހުންގެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ. ލުތުފީ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވަނިކޮށް މިދިޔަ މަހުގެ އެއް ވަނަ ދުވަހު ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ހާޒިރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިދިޔަ މަހުގެ އެއް ވަނަ ދުވަހު، ލުތުފީ ދިވެހި އެމްބަސީއަށް ހާޒިރުވުމާއި ގުޅިގެން ލަންކާގެ ކަމާބެހޭ ފަރާތްތަކާއި ގުޅިގެން އޭނާ މާލެ ގެނައުމުގެ އިދާރީ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

"އަދި މިވަގުތު ކޮލަމްބޯގައި އަބްދުﷲ ލުތުފީ ބަލަހައްޓަމުން ދަނީ ދިވެހި ފުލުހުން ކަމުގައި ދަންނަވަމެވެ،" ފުލުހުންގެ ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.

އަބްދުﷲ ލުތުފީ ރާއްޖެ ނުގެނިވިގެން އުޅޭ މައްސަލައިގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ.

ލުތުފީއަށް އިއްވާފައިވަނީ އުމުރު ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް 2010 ވަނަ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ބޭސްފަރުވާއަށް ސްރީލަންކާއަށް ދިޔަގޮތަށް އޭނާ އުޅެނީ ފިލައިގެންނެވެ.

comment ކޮމެންޓް