އުރީދޫ ކަލާ ރަންގެ އެކްސްޕޯ އައްޑޫ ސިޓީގައި ފަށަނީ

އުރީދޫ ކަލާ ރަން އެކްސްޕޯ އައްޑޫ ސިޓީގައި މާދަމާ ފަށަން ނިންމައިފިއެވެ.

އުރީދޫ އިން ބުނީ މާދަމާ އިން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް އެ އެކްސްޕޯ ކުރިއަށްދާނެ ކަމަށެވެ.

މިއަހަރު އައްޑޫގައި ބޭއްވޭ ކަލާ ރަން އަށް ރެޖިސްޓަރ ވެފައިވާ އެންމެހާ ދުވުންތެރިންނަށް އެ އެކްސްޕޯ އިން، ކަލާ ރަންގެ ކިޓުތައް ބައްލަވައިގަނެވޭނެއެވެ.

މާދަމާ އެކްސްޕޯ އޮންނާނީ އީކިއުއޭޓަރ ވިލެޖްގެ ބްލޫ ލެގޫން ގައި، ތިރީގައި ބަޔާން ކުރެވިފައިވާ ވަގުތު ތަކުގައެވެ.

  • މެންދުރު 2.00 ން ހަވީރު 6.00ގެ ނިޔަލަށް
  • ރޭގަނޑު 8.00 ން 10.00 އަށް

އެކްސްޕޯގެ ފަހު ދުވަސް ކުރިއަށްދާނީ ބުދަ ދުވަހު، ސ. ހިތަދޫ ޔޫތް ސެންޓަރުގައި، ތިރީގައި ބަޔާން ކުރެވިފައިވާ ވަގުތު ތަކުގައެވެ.

  • ހެނދުނު 10.00 އަކުން ހަވީރު 6.00ގެ ނިޔަލަށް
  • ރޭގަނޑު 8.00 ން 10.00 އަށް

ކަލާ ރަންގެ ކިޓްތައް ބައްލަވައިގަތުމަށް، ރެޖިސްޓަރ ކުރި ފަރާތުގެ އައިޑީ ކާޑު، އަދި ރެޖިސްޓަރ ކުރެއްވި ކަމުގެ ރަސީދުގެ ޕްރިންޓް ކުރެވިފައިވާ ނުވަތަ ޑިޖިޓަލް ކޮޕީ އެއް ގެންނަންޖެހޭނެއެވެ. ރެޖިސްޓަރ ކުރެއްވި ފަރާތުގެ ބަދަލުގައި ކިޓް ނެންގެވުމަށް، ކިޓް ހަވާލުވާ ފަރާތުގެ އައިޑީ ކާޑު، ރެޖިސްޓަރ ކުރެއްވި ފަރާތުގެ އައިޑީ ކޮޕީ، އަދި ރެޖިސްޓަރ ކުރެއްވި ކަމުގެ ޕްރިންޓް ކުރެވިފައިވާ ނުވަތަ ޑިޖިޓަލް ރަސީދު ބޭނުންވާނެއެވެ. އައިޑީ ކާޑުގެ ބަދަލުގައި، އެބޭފުޅެއްގެ އޮރިޖިނަލް ޕާސްޕޯޓު ނުވަތަ ލައިސަންސް ކާޑު ގަބޫލުކުރެވޭނެ ކަމަށް އުރީދޫން ބުންޏެވެ.

ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ އިވެންޓެކެވެ. އުރީދޫ ކަލަރ ރަން އައްޑޫގައި ކޮންމެ ކިލޯމީޓަރއެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ. އުރީދޫ ކަލަރ ރަން އައްޑޫ ބޭއްވިގެންދާނީ ކުރިއަށްއޮތް ހުކުރު ދުވަސްކަމަށްވާ 28 ޖޫން ގެ ހަވީރު 4:00 ން 6:00 ކަށެވެ.

އުރީދޫގެ މަގުބޫލު ދުވުމުގެ އިތުރުން، ޖޫން 28 ވަނަ ދުވަހުގެ ހެންދުނު 8.00 ން 10.00 އަކަށް ވަނީ ވަރަށް ޚާއްސަ ގުޑި މަހާސަމާ އެއްވެސް އިންތިޒާމް ކޮށްފައެވެ. މި މަހާސަމާގައި މަޑި އެރުވުން، މަޑި ހެދުމުގެ ވަރކްޝޮޕްތަށް، ކުޑަކުދިންނަށް ޚާއްސަ ކުޅިވަރުތައް އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ ޙާއްސަ ސްޓޯލެއްވެސް ހިމެނިގެންދާނެއެވެ. ހަމައެއާއި އެކު، އުރީދޫ ކަލަރ ރަންގެ އެކްސްޕޯ ނިމޭއިރު ނުނަގާ ހުރި ކިޓްތައް، އިތުރު ބޭފުޅުންނަށް ބައްލަވައިގަތުމުގެ ފުރުސަތު ގުޑި މަހާސަމާގައި ހުޅުވާލާނެއެވެ.

ހަމައެހެންމެ، އުރީދޫ އާއި ގުޅިގެން، ޓްވިޓްސާފުން ދަނީ ކުރިއަށްއޮތް ހޮނިހިރު ދުވަސް ކަމަށްވާ 29 ޖޫން ވަނަ ދުވަހުގެ ހަވީރު 4.00 ން 6.00 ކަށް އައްޑޫގައި ސާފުކުރުމުގެ އިވެންޓެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ. އެންމެ ޓްވީޓަކުން ފެށި، އާންމުންގެ މަޤްބޫލުކަން ހޯދާފައިވާ މި ޕްރޮގްރާމު ރާވާ ހިންގަމުންދަނީ ޓްވިޓްސާފުގެ ވޮލަންޓިއަރުންގެ އެހީގައެވެ. މާލެ އަދި ހުޅުމާލޭގައި އިވެންޓުތަކެއް ކުރިއަށްގެންގޮސް، އައްޑޫގެ އިވެންޓާއި އެކު ޓްވިޓްސާފުން މިސްރާބުޖަހަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި މި ޕްރޮގްރާމު ކުރިއަށްގެންދިއުމަށެވެ. ޓްވިޓްސާފުގެ މައިގަނޑު އަސާސަކީ މުޅި ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް އެދެވޭ ހައްލެއް ހޯދައި، ރަށްތަކުގެ ރީތިކަން ދަމަހައްޓައި، ތިމާވެއްޓާ ރައްޓެހި އެދެވޭ ބަދަލުތަކެއް ގެނައުމުގެ މަގްސަދުގައި މަސައްކަތް ކުރާނެ ފަދަ ތިމާވެއްޓަށް ލޯބިކުރާ ޖީލެއް ބިނާކުރުމަށެވެ.

ކަލަރ ރަން އައްޑޫ 28 ޖޫން ގައި އައްޑޫގައި ބޭއްވިގެންދަނީ ގިނަ ޕާޓްނަރުންގެ އެހީތެރިކަމާއި އެއްބާރުލުމާއި އެކު އެވެ. މީގެތެރޭގައި، މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓް، އައްޑޫ ސިޓީ ކައުންސިލް،ކަލަރ ރަންގެ އިވެންޓް އޯގަނައިޒަރ ކަމަށްވާ ޔުނިކްސް ސްޕޯޓިންގް، މޯލްޑިވްސް ޕޮލިސް ސާވިސަސް، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އައިލެންޑް އޭވިއޭޝަން، އީކުއޭޓާރ ވިލޭޖް، އައްޑޫ މެޑިސިޓީ، އެޗް.ކޭ ރެންޓަލްސް، ނޯޓް ކޮސްމެޓިކްސް، އީހަބް، ބުރުޒު ކޭޓަރިންގް، ވެމްކޯ އައްޑޫ އަދި ފެނަކާ ކޯޕަރޭޝަން ލިމިޓެޑް އަދި އައްޑޫ ލައިވް ހިމެނެއެވެ.

އުރީދޫ ކަލަރ ރަންގެ އިތުރުން، ކައިޓް ފެސްޓިވަލް އަދި ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިވައިފާ ޓްވިޓްސާފު އައްޑޫގައި ބައިވެރިވުމަށް އައްޑޫގެ އެންމެހާ ރައްޔިތުންނަށް، އުރީދޫ އިން ދައުވަތު އަރުވައެވެ.

އުރީދޫ ކަލަރ ރަން އަދި ކުރިއަށް އޮތް ހަފްތާ ބަންދުގައި ބޭއްވިގެންދާ ފޯރިގަދަ ހަރަކާތްތަކާއިބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް www.ooredoo.mv އަދި އުރީދޫ މޯލްޑިވްސް ގެ ސޯޝަލް މީޑިޔާ ޕޭޖްތަކަށް ޒިޔާރަތްކޮށްލައްވާށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް