ހުރިހާ ފަނޑިޔާރުންގެ ފެންވަރު ބެލުމަށް ޖޭއެސްސީން ނިންމައިފި

ޖޭއެސްސީއިން މިޔަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރާއްޖޭގެ ހުރިހާ ފަނޑިޔާރުންގެ ގާބިލްކަން ވަޒަންކޮށް އެއްވެސް ފަނޑިޔާރެއް އިސްތިސްނާ ކުރުމެއްނެތި ހުރިހާ ފަނޑިޔާރުންގެ ފެންވަރު ބެލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީން ފަނޑިޔާރުންގެ ފެންވަރު ބެލުމަށް ނިންމާފައިވަނީ މަޖިލީހުން އެކަމަށް އެދި އެ ކޮމިޝަނަށް ސިޓީއެއް ފޮނުވުމުން ނެވެ.

ޖޭއެސްސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ، ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރާއި ގާބިލްކަން ވަޒަންކުރުމުގެ ގަވާއިދެއް މިހާރު ވެސް އެކުލަވާލާފައިވާ ކަމަށާއި އެހެން ކަމުން ފަނޑިޔާރުންގެ ފެންވަރު ބެލުމުގެ މަސައްކަތް ވީހާ ވެސް އަވަހަށް ފެށުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

"އެ ގަވާއިދުގެ ދަށުން އެއްވެސް ފަނޑިޔާރަކު އިސްތިސްނާ ނުކޮށް. އެއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް ކަމުގައި ވީ ނަމަވެސް އަދި ދަށު ކޯޓުގެ ފަނޑިޔާރެއް ކަމަށް ވީ ނަމަވެސް އެއްވެސް ފަނޑިޔާރެއް އިސްތިސްނާ ނުކޮށް އެ ގަވާއިދުގެ ދަށުން ފަނޑިޔާރުންގެ ގާބިލްކަން ވަޒަން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ދަންނަވައި މަޖިލީހަށް ޖަވާބުދާރީ ވުމަށް ވަނީ ނިންމާފައި،" ޒަހީން ވިދާޅުވި އެވެ.

އެގޮތުން މީގެ ކުރިން ފަނޑިޔާރުންގެ ގާބިލްކަން ވަޒަން ކުރުމުގެ އެއްވެސް ކަމެއް މީގެ ކުރިން ކޮށްފައި ނުވާކަން ފާހަގަކޮށް ޒަހީން ވިދާޅުވީ އެއީ މުޅިން އަލަށް ޖޭއެސްސީން ކުރާ މަސައްކަތެއް ކަމަށެވެ. އެހެން ކަމުން އެ ކަމުގައި ބޭރުގެ ކޮންސަލްޓެންޓެއްގެ އެހީއާ އެކު ކުރިއަށް ދިއުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ޒަހީން ވިދާޅުވި އެވެ.

ފަނޑިޔާރުންގެ ފެންވަރު ބަލަން ޖުޑިޝަލް ސާވިސް ކޮމިޝަނާ ގާނޫނުން އެޒިންމާ ހަވާލުކޮށްފައި އޮތް ނަމަވެސް ފަނޑިޔާރުންގެ ފަނެވަރު ނުބަލާތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ މަޖިލީހުގައި ބުނެފަ އެވެ. އަދި އެ ޒިންމާ އަދާ ކުރުން ހުއްޓުވީ ސުޕްރީމް ކޯޓުން ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

comment ކޮމެންޓް