"މެޗުތައް ކައިރި ކައިރީގައި ކުޅެން ޖެހުމުން ރިކަވަރީގެ މައްސަލަ ބޮޑު"

ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗު މުހައްމަދު އާތިފް (އާތީ) --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މި ފެށުނު ސީޒަނުގައި ކުޅެން ޖެހުނު މެޗުތައް ކައިރި ކައިރީގައި ކުޅެން ޖެހުމުން ކުޅުންތެރިންގެ ރިކަވަރީގެ މައްސަލަ ވަރަށް ބޮޑަށް ދިމާވާ ކަމަށް ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނެފި އެވެ.

މިއަދު އެފްއޭއެމް ހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން އާތީ ބުނީ ސީޒަނުގައި މިހާތަނަށް ހަތަރު މެޗު ކުޅުން އިރު މާދަމާގެ މެޗާ ލައިގެން ކުޅުންތެރިންނަށް ދެ މެޗުގެ ދޭތެރޭގައި ރެސްޓް ކުރަން ލިބެނީ 3.8 ދުވަހުގެ ރޭޝިއޯއެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކުޅުންތެރިންގެ ފިޓްނަސް ކަންކަމަށާއި ރިކަވަރީގެ މައްސަލަ ދިމާވެފައި ވާ ކަމަށް ކޯޗު ބުންޏެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކުލަބާއި އީގަލްސް ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ/ދިވެހީ ލީގު

ވޭތުވެ ދިޔަ ސީޒަނުގެ ލީގު ޗެމްޕިއަން ޓީސީއިން މިއަހަރުގެ ފުޓުބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް ވަނީ ކާމިޔާބު ކޮށްފަ އެވެ. ހޯމް އެންޑް އަވޭގެ އުސޫލުން ފޯކައިދޫއާ ވާދަ ކުރި އިރު ފުރަތަމަ ލެގުގައި ކުޅުނު މެޗުން ދެ ޓީމް ވީ އެއްވަރެވެ. ނަމަވެސް ދެވަނަ ލެގުގައި ކުޅުނު މެޗުން ޓީސީ މޮޅުވީ 2-3 ގެ ނަތީޖާއަކުންނެވެ.

ޓީސީއިން މިއަހަރުގެ ލީގުގައި ކުޅުނު ފުރަތަމަ މެޗު ވަނީ ކާމިޔާބު ކޮށްފަ އެވެ. އެ މެޗުން ބޮޑު ތަފާތަކުން ވިކްޓަރީ އަތުން މޮޅުވި އިރު ދެވަނަ މެޗުގައި އީގަލްސް އަތުން ޓީސީ ވަނީ އެއްވަރު ވެފަ އެވެ. އެ މެޗުގައި ޓީސީ ކުޅުންތެރިންގެ ފާރާތުން ވަރުބަލިކަން ފެނުނު އިރު ޓީމުގެ ކޯޗު އާތީ ބުނީ އެހެން ދިމާވީ އެ މެޗަކީ އީގަލްސް ސީޒަނުގައި ކުޅުނު ފުރަތަމަ މެޗު ކަމަށް ވެފައި އެ ޓީމު ފްރެޝްކޮށް އޮތް ނަމަވެސް ޓީސީއަށް ތައްޔާރުވާން ވަގުތު ނުލިބުނީމަ ކަމަށެވެ.

"ސެމީ ޕްރޯ ޕްލޭޔަރުން މުޅިން ވެސް މި ތިބީ. ކޭމްޕެއްގައި ތިބެފަ ފައިބާފަ ކުޅެނީއެއް ނޫން. އެހެން ވީމާ ރިކަވަރީގެ މައްސަލަ ވަރަށް ބޮޑަށް. އެހެން ޓީމުތަކެއް ވުރެން ގިނަ މެޗުތައް ކުޅެން ޖެހުން ޓީސީއަށް،"

އާތީ ބުނީ މިއަހަރުގެ ސީޒަނަށް އެ ޓީމާ ގުޅުނު ރާއްޖޭގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ ކަމަށްވާ މުހައްމަދު އިމްރާނާއި ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ޣަނީ ޓީމުގައި ހުރުމުން ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ. އަދި ޓީސީގް ސްކޮޑާ ދޭތެރޭ އުންމީދު އެބައޮތް ކަމަށެވެ.

comment ކޮމެންޓް