ބޮޑު އީދުގެ ކުރިން ކުޅުދުއްފުށީ އެއާޕޯޓަށް ދަތުރުތައް ފަށާނެ: މިނިސްޓަރު

"ނިއަމި" އެޕްލިކޭޝަން ލޯންޗު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ -- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްުޔާސް

ބޮޑު އީދުގެ ކުރިން ހދ. ކުޅުދުއްފުށީ އެއާޕޯޓަށް ދަތުރުތައް ފަށާނެ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ނަހުލާ މިއަދު "ސަން" އަށް ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓްގެ 90 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް މިކުރަނީ ކުރިއަށް އޮތް އަޟްހާ އީދު ދުވަހުގެ ކުރިއަށް އެއާޕޯޓްގެ މަސައްކަތްތައް ނިންމައި އޮޕަރޭޝަންސްތައް ފެށޭތޯ. އިރާދަކުރެއްވިއްޔާ އީދުގެ ކުރިން އެއާޕޯޓް އޮޕަރޭޓްކުރަން ފެށިގެންދާނެ،" މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

ކުޅުދުއްފުށީ އެއާޕޯޓް ނިންމުމުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ މަސައްކަތް ހަވާލުކުރި ކޮންޓްރެކްޓަރުގެ މަސައްކަތް ލަސްވާތީ ސަބް ކޮންޓްރެކްޓަރަކާ ހަވާލުކޮށްގެން މަސައްކަތް ކުރިއަށްގެންދަން ޖެހުން ކަމަށް ނަހުލާ ވިދާޅުވިއެވެ.

ކުޅުދުއްފުށީ އެއާޕޯޓް ހަދާފައި ވަނީ އެރަށު ކުޅީގެ މެދުގައެވެ. ރަންވޭގެ ދެ ފަރާތުގައި އަދިވެސް ދެ ފެންގަނޑު އޮވެ އެވެ. އެ ދެ ފެންގަނޑަށް އަދިވެސް އެކި ބާވަތްބާވަތުގެ ދޫނި އައިސް އުޅެ އެވެ. އެ ދޫނިތަކަކީ ކުޅުދުއްފުށީ އެއާޕޯޓަށް ޖައްސާ މަތިންދާބޯޓުތަކަށް ނުރައްކަލަކަށް ވެދާނެ ކަމަށް، މާހިރުން ގަބޫލު ކުރެ އެވެ.

އެންވަޔަރުމެންޓް މިނިސްޓަރު ހުސެއިން ރަޝީދު ހަސަން، ސިވިލް އޭވިއޭޝަން އޮތޯރިޓީއާ ހަވާލާދެއްވައި ވިދާޅުވީ ދޫނިތަކުގެ ނުރައްކާ ކުޅުދުއްފުށީ އެއާޕޯޓަށް ބޮޑު ކަމަށެވެ. ކުޅުދުއްފުށީ ކައުންސިލާ އެކު މިނިސްޓްރީއިން ބޭއްވި ބައްދަލުވުމެއްގައި ދޫނިތަކުގެ މައްސަލައިގައި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ކަންބޮޑުވުންތައް މިނިސްޓަރު ފުރަތަމަ ފަހަރަށް ހާމަކުރެއްވި އެވެ.

އެކަމާ ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ ވިދާޅުވީ އެއާޕޯޓް ކައިރީ ކުދި ދޫނި ގިނަވުމަކީ އޭގެ ސަބަބުން ހިތާމަވެރި ހާދިސާއެއް ހިނގުން އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެންކަމުން ކޮންމެ އެއާޕޯޓެއްގައިވެސް ވައިލްޑް ލައިފް ކޮންޓްރޯލް ޕްރޮގްރާމެއް ކުރިއަށްގެންދާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

"އެ ޕްރޮގްރާމްގެ ދަށުން ދޫނި މަދުކުރުމާއި އަދި ބާޑް ސްޓްރައިކަށް ހައްލު ހޯދުމަށް މަސައްކަތް ވެސް ކުރިއަށްގެންދާނެ،" މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

comment ކޮމެންޓް