އީޕީއޭ ހުއްޓޭ ވަރަށް ކުރީ ސަރުކާރުން ނުފޫޒު ފޯރުވި: ނައީމް

ނ. މާފަރު. އެ ރަށުގައި އެއާޕޯޓް ހެދުމަށް ގިނަ އަދަދެއްގެ ރުއްތައް ވަނީ ނަގާފައި--

ނިމިގެން ދިޔަ ސަރުކާރުގައި އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)ގެ މަސައްކަތްތަކަށް ނުފޫޒުފޯރުވައިފައިިވާ ކަމަށް އެ އޭޖެންސީގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވެއްޖެ އެވެ.

ރުއްގަސް ނެގުމުގެ ޝަކުވާ ބޯޑުވެ އެ ކަންތައް ހިނގާގޮތް ބެލުމަށް މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީއަށް މިއަދު އިޕީއޭގެ އިސްވެރިން ވަނީ ހާޒިރުކޮށް ސަުވާލުކޮށްފަ އެވެ.

އެ ކޮމެޓީގައި އީޕީއޭގެ ނައީމް ވިދާޅުވީ މިދިޔަ ފަސް އަހަރު ތެރޭ އީޕީއޭއަށް ފުދޭވަރެއްގެ ނުފޫޒެއް އައި ކަަމަށެވެ. އަދި ބައެއް ފަހަރު އިޕީއޭއަށް ނުފޫޒު ފޯރުވުމުގައި ދަތިވެ މިނިސްޓްރީ މެދުވެރިކޮށް އެކަމަށް ގޮތް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

" އެހެން ނަމަވެސް އީޕީއޭގެ ހުރިހާ މުވައްޒަފުންވެސް މަސައްކަތް ކުރަމިންދިޔައީ ވަރަށް ޕްރޮފެޝަނަލްކޮށޭ ދެންނެވޭނީ. ދެން ވަރަށް ދަތި ހާލުގައި ނުފޫޒްގައި މި ނުފޫޒްތަކާ އެއްކޮށް ދިޔައިރުވެސް އަޅުގަނޑު ދަންނަވާނީ މިއިން ނުފޫޒަކަށް ލެނބި ފަރާތަކުން ބުނާގޮތަކަށް ނީންނާޔޭ މި ފަސް އަހަރު ތެރޭ ކަމެއް ނިންމާފައެއް." ނައީމް ވިދާޅުވިއެވެ.

ނައީމް އިތުރަށް ވިދާޅުވީ އީޕީއޭއިން ކަމެއް ނިންމަން ނުފެންނަންޏާ އެކަމެއް ލިޔުމުންވެެސް އަންގާނެ ކަމަށާއި އެހެން ނަމަވެސް އީޕީއޭގެ މައްޗަށް ބާރުފޯރުވޭނެ ފަރާތްތަކެއް ތިބޭ ކަމަށެވެ.

" އެފަރާތްތަކުން ގަވައިދުތަކަށް ބަދަލު ގެނެސްގެން ކަންކުރީމަ މިއަދު މިހާލަތުގައި މިއޮތީ،" ނައީމް ވިދާޅުވިއެވެ.

ނައީމް ވިދާޅުވީ މިހާރުވެސް އީޕީއޭއިން ކަމަކަަށް ހުއްދަ ނުދިނަސް އެ މައްސަލަ މިނިސްޓަރަށް އިސްތިއުނާފްކޮށް އެކަން ނިންމުމުގެ ބާރު އޮންނަ ކަމަށެވެ.

comment ކޮމެންޓް