ބިލް ތަސްދީގުކޮށް ރިޔާސީ ކޮމިޝަންތަކަށް ބާރު ދީފި

ރައީސް ސޯލިހު ބިލު ތަސްދީގު ކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

އެކި ތަހުގީގުތައް ކުރުމަށާއި ގައުމީ އެކި މައްސަލަތަކުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުމަށް އެކުލަވާލާ ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ގާނޫނު ތަސްދީގު ކުރައްވައިފިއެވެ.

މިދިޔަ ހަފްތާ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ރިޔާސީ ކޮމިޝަނުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމާއެކު ސަރުކާރުގެ ގެޒެޓުގައި މިހާރު ވަނީ ޝާއިއު ކޮށްފައެވެ.

މި ގާނޫނާއެކު ކޮމިޝަނުން ކުރާ ތަހުގީގުތަކަށް ދައުލަތުގެ އެހެން މުވައްސަސާތަކުގެ އެހީ ހޯދައި ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގެ ބާރު ކޮމިޝަންތަކަށް ލިބޭނެއެވެ. މީގެ އިތުރުން ޖިނާއީ ތަހުގީގުތަކާގުޅޭ އެންމެހާ ކޯޓު އަމުރުތަކަށް އެދުމުގެ ބާރުވެސް ކޮމިޝަންތަކަށް ލިބޭނެއެވެ.

މީގެ އިތުރުން ޖިނާއީ މައްސަލަތައް ބަލައިދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވުމުގައ ބާރާއި މަދަނީ މައްސަލަތައް ބަލައި ދައުވާކޮށް ފިޔަވަޅު އެޅުމަށް އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ ފުރުސަތުވެސް ކޮމިޝަންތަކަށް ލިބެނެއެވެ.

ކޮމިޝަނަށް ވަނީ ހާއްސަ އިމްތިޔާޒުތަކެއްވެސް ދީފައެވެ. އެގޮތުން ކޮމިޝަނުން ބަލަން ޖެހޭ ކަމަށް އެ ކޮމިޝަނުން ކަނޑައަޅާ މައްސަލަތައް ބަލަން ވާނީ ހަމައެކަނި އެކޮމިޝަނުން ކަމަށް ގާނޫނުގައި ވެއެވެ. އެހެން އޮތުމުން ފުލުހުންނަށް ކޮމިޝަނުން ބަލާ މައްސަލައެއް ތަހުގީގެއް ނުކުރެވޭނެއެވެ.

އޭގެ އިތުރުން ކޮމިޝަނުން ބަލަން ފަށާ މައްސަލައެއްގެ މައުލޫމާތު އެހެން ތަހުގީގީ އިދާރާއަކުން ހޯދާފައިވާ ނަމަ އެ މައުލޫމާތާއި ހެކި ކޮމިޝަނާ ހަވާލު ކުރަން ޖެހޭނެ ކަމަށްވެސް ގާނޫނުގައި ވެއެވެ.

ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކަށް ހުރަސް އެޅުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ގާނޫނުގައި ވެއެވެ. އެފަދަ ފަރާތެއްގެ މައްސަލަ ބަލަން ފުލުހުންނަށް ހުށަހެޅުމުގެ ބާރު ކޮޮމިޝަނަށް ވަނީ ދީފައެވެ.

މި ސަރުކާރުން ދެ ރިޔާސީ ކޮމިޝަނެއް އެކުލަވާލާފައިވެއެވެ. އެއީ ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނަކާއި ކޮރަޕްޝަނުގެ މައްސަލަތައް ބެލުމަށް އެކުލަވާލި އެސެޓް ރިކަވަރީ ކޮމިޝަނެވެ.

ގާނޫނުގައިވާގޮތުން ކޮމިޝަންތަކަށް ބޭނުންވާ ބަޖެޓު ކޮންމެ އަހަރެއްގެ ދައުލަތުގެ ބަޖެޓުގައި ހިމަނަން ޖެހޭނެއެވެ. ކޮމެޓީގެ މަސައްކަތްތަކާ ގުޅޭ ރިޕޯޓު ކޮންމެ އަހަރެއް ނިމުމަށް ފަހު ތިން މަސް ތެރޭ ރައްޔިތުންގެ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާ އަށް ފޮނުވަން ޖެހޭނެ ކަމަށްވެސް ގާނޫނުގައި ބުނެއެވެ.

comment ކޮމެންޓް