އެޗުޑީސީގެ ހިޔާނާތުގެ މައްސަލަތައް އޭސީސީ އިން ބަލަން ފަށައިފި

އެޗްޑީސީ-- ފައިލް ފޮޓޯ

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ހިޔާނާތުގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފި އެވެ.

އެޗްޑިސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު މިއަދު ސަން އަށް ވިދާޅުވީ އޭސީސީ އިން ބަލަމުންދާ ކޮރަޕްޝަނުގެ މައްސަލަތަކާ ގުޅޭ މައުލޫމާތު އެޗްޑީސީ އިން ފޯރުކޮށްދެމުންދާ ކަމަށެވެ. މިދިޔަ ހަފްތާވެސް އޭސީސީ އިން އެޗްޑީސީ އަށް ދިޔަ ކަމަށާއި އޭގެ ކުރިން ވެސް އެކި ފަހަރު މަތިން އެޗްޑީސީ އަށް ގޮސް މައުލޫމާތު ހޯދާފައިވާ ކަމަށް ސުހައިލް ވިދާޅުވި އެވެ.

އޭސީސީ އިން ބަލަނީ ކޮން މައްސަލަތަކެއް ކަމެއް ސާފެއް ނުވެ އެވެ. އެކަމާ ގުޅޭ ގޮތުން އޭސީސީގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.

ކުރީގެ ސަރުކާރުގައި އެންމެ ގިނަ ކޮރަމްޝަން ހިންގާފައި ވަނީ އެޗްޑީސީ މެދުވެރިކޮށް ކަމަށް ތުހުމަތު ކުރެވުނެވެ.

ރިޔާސީ އިންތިހާބާ ދިމާކޮށް ރައީސް ޔާމީމނުގެ ކެމްޕެއިނުގައި އެޗްޑީސީގެ މުވައްޒަފުން ބައިވެރި ކުރި ކަމަށާއި އިންތިހާބާ ދިމާކޮށް ގިނަ އަދަދެއްގެ މުވައްޒަފުން އެ ކުންފުންޏަށް ނެގި ކަމުގެ އަޑު އޭރު ގަދަވި އެވެ. އިންތިހާބުގައި ޕީޕީއެމް އިން ހުޅުމާލޭގައި ދިދަ ޖަހައި ބެނާ ދެމުމަށް އެޗްޑީސީގެ މުވައްޒަފުންނާއި ސާމާނު ބޭނުން ކުރި ކަމަށް ވެސް އޭރުގެ އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރި އެވެ.

ހުޅުމާލޭ ބީޗު ސަރަހައްދުގައި ހިންގާ ކެފޭތައް އަތުލައި އެތަން އާންމުންނަށް ބޭނުން ކުރެވޭ ގޮތަށް ހެދުމަށް އޭސީސީ އިން ވަނީ މިދިޔަ މަހު ލަފާ ދީފަ އެވެ.

comment ކޮމެންޓް