ބަހްރައިންގެ "މަކަރުވެރި" މަހާސިންތާ: ފަލަސްތީނުގެ ހައްގުތައް ވިއްކާލަނީ

ކުޝްނާ ޓްރަމްޕައި ނަތަންޔާހޫ އާއެކު

ފަލަސްތިނުގެ މައްސަލަ ހައްލުކުރުމުގެ ނަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކުލަވާލައްވާފައިވާ "ޑީލް އޮފް ދަ ސެންޗަރީ" ގައި ހިމެނޭ އިގްތިސާދީ ޕްލޭނާ ބެހޭގޮތުން ބަހްރައިންގައި ބާއްވާ މަހާސިންތާ ކާމިޔާބު ނުވާނެ ކަމާއި އެއީ ޚިޔާނާތުގެ މަހާސިންތާއެއް ކަމަށް ފަލަސްތީނުން މި ވަނީ ބުނަން ފަށައިފަ އެވެ. "ޑީލް އޮފް ދަ ސެންޗަރީ" ގައި ހިމެނޭ އިގްތިސާދީ ޕްލޭން އެމެރިކާއިން އިއްޔެވަނީ އިއުލާންކޮށްފަ އެވެ.

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވީ ބަހްރައިންގެ މަހާސިންތާގެ ބޭނުމަކީ ފައިސާގެ ދަޅަ ދައްކައިގެން ފަލަސްތީނުގެ ހައްގުތައް ދޫކޮށްލަން ފަލަސްތީނުގެ ރައްޔިތުންނަށް މަޖްބޫރުކުރުން ކަމަށާ އެކަން އެގޮތަށް ނުވާނެކަމުގަ އެވެ. ރާމަﷲ ގައި ބޭރުގެ ނޫސްވެރިންނާ ބައްދަލުކުރެއްވައި ވާހަކަ ދައްކަވަމުން އައްބާސް ވިދާޅުވީ ބަހްރައިންގެ މަހާސިންތާއަކީ ފެށުމުގައިވެސް ބާތިލް އެއްޗެއްކަމަށާ އެ މަހާސިންތާއިން ފާސްކުރާ އެއްވެސް ކަމެއްގައި ފަލަސްތީނުގެ އެއްބާރުލުން ނުލިބޭނެކަމަށް މަހުމޫދު އައްބާސް ވިދާޅުވެ އެވެ. ދި ބަހްރައިންގެ މަހާސިންތާގެ ނިންމުންތައް ތަންފީޒު ކުރުމުގެ ފުރްސަތު ފަލަސްތީނުގެ ބިންތަކުގައި ނުދިނުމަށް ފަލަސްތީނުގެ ރައްޔިތުން ތިބީ އެއްބައިވަންތަ ބައެއްގެ ގޮތުގައި ކަމަށްވެސް އައްބާސް ވިދާޅުވި އެވެ.

ފަލަސްތީނުގެ ޕާލަމެންޓް މެންބަރެއްކަމަށްވާ ޑރ. ހަނާން ޢަޝްރާވީ ވިދާޅުވީ ފަލަސްތީނަށް އެހީތެރިވުމުގެ ނަމުގައި މަހާސިންތާތައް ބޭއްވުމުގެ ކުރިން އިސްރާއީލުން ޣައްޒާގެ ހިސާރު ދޫކޮށްލައި ފަލަސްޠީނުގެ ބިމުގައި ޔަހޫދީން ވަޒަންވެރިކޮށް ފަލަސްތީނުގެ ވަސީލަތްތަކާއި ފައިސާ ވަގަށް ނެގުމަށް އިސްރާއީލުން ހިންގާ ޣައިރުގާނޫނީ އަމަލުތައް އެމެރިކާއިން ހުއްޓުވަންޖެހޭނެކަމުގަ އެވެ. އަދި ފަލަސްތީނު ރައްޔިތުން އެއް ތަނުން އަނެއް ތަނަށް ދަތުރުފަތުރުކޮށް އުޅުމުގެ މިނިވަންކަންދީ ފަލަސްތީނުގެ ސަރަހައްދީ ރޮނގުތަކާއި، ވައިގެ ސަރަހައްދާއި ޣައްޒާގެ ކަނޑުގެ ކޮންޓްރޯލް ފަލަސްތީނަށްދީ މިނިވަން ގައުމެއްގެ ގޮތުގައި ހަރަކާތްތެރިވުމުގެ ފުރްސަތު ދިނުންފަދަ ފަލަސްތީނުގެ ސިޔާސީ ހައްގުތައް ދިނުން މިފަދަ މަހާސިންތާތަކަށްވުރެ ފަލަސްތީނަށް މާ މުހިއްމު ކަމަށް އަޝްރާވީ ވިދާޅުވިއެވެ.

ފަލަސްތިނުގެ މައްސަލަ ހައްލުކުރުމުގެ ނަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކުލަވާލައްވާފައިވާ "ޑީލް އޮފް ދަ ސެންޗަރީ" މަޝްރޫއު ގައި ހިމެނޭ އިގްތިސާދީ ޕްލޭން ވައިޓް ހައުސް އިން އިއްޔެވަނީ ހާމަކޮށްފައެވެ. މި ޕްލޭންގައި ހިމެނެނީ ފަލަސްތީނާއި ފަލަސްތީނުގެ އަވަށްޓެރި އަރަބި ގައުމުތަކަށް އިގްތިސާދި ގޮތުން އެހީވުމަށް ޓަކައި 50 ބިލިޔަން އެމެރިކާ ޑޮލަރުގެ ގްލޯބަލް އިންވެސްޓްމެންޓް ފަންޑެއް ގާއިމް ކުރުމާއި އިސްރާއީލު ވެރިވެގެންފައިވާ ފަލަސްތީނުގެ ބިންތަކުގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަނޅު ކުރުމެވެ. އެމެރިކާ އިން މި ޕްލޭން ހާމަކޮށްފައި މިވަނީ މިކަމަށް ޚާއްސަކޮށް ބަހްރައިންގައި ބޭއްވުމަށް އެމެރިކާ ރާވާފައިވާ އިގްތިސާދީ މަހާސިންތާ ފެށުމުގެ ދެ ދުވަސްކުރިންނެވެ. ދެދުވަހުގެ މި މަހާސިންތާ ފެށުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.

ވައިޓްހައުސްގެ ރަސްމީ ވެބްސައިޓްގައި ޝާއިޢުކޮށްފައިވާ "ޑީލް އޮފް ދަ ސެންޗަރީ" ގެ އިގްތިސާދީ ޕްލޭން ބުނާގޮތުން އެ ޕްލޭންގެ ދަށުން ގާއިމް ކުރާ ގްލޯބަލް އިންވެސްޓްމެންޓް ފަންޑަށް ބޭނުންވާ 50 ބިލިޔަން އެމެރިކާ ޑޮލަރުގެ ތިންބައިކުޅަ ދެބައި ޚަރަދުކުރާނީ ތެލުގެ މުއްސަނދިކަން ލިބިފައިވާ ގަލްފުގެ އަރަބި ގައުމުތަކުންނެވެ.

މި 50 ބިލިޔަން ޑޮލަރުގެ ތެރެއިން 28 ބިލިއަން ޑޮލަރު ޚަރަދުކުރާނީ އިސްރާއީލު ވެރިވެގެންފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގައި އިންފްރާސްޓްރަކްޗާ ބިނާކުރުމަށާއި އެދެ ސަރަހައްދު އެއްގަމު މަގުން ގުޅުވާލުމަށާ އަދި އެދެ ސަރަހައްދުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންނަށް ވަޒީފާގެ ފުރްސަތުތައް އިތުރުކުރުމަށެވެ. އަނެއް 22 ބިލިޔަން ޑޮލަރުގެ ތެރެއިން އުރުދުންއަށް 7 ބިލިޔަން ޑޮލަރު، ލުބްނާނަށް 6 ބިލިޔަން ޑޮލަރު އަދި މިސްރަށް 9 ބިލިޔަން ޑޮލަރު އެހީގެ ގޮތުގައި ދިނުމަށް އެމެރިކާ ރާވާފައިވާއިރު މިއީ އެތިންގައުމަށް ފައިސާގެ އެހީދީގެން ފަލަސްތީނުގެ ހައްގުތަކުގެ މައްސަލާގައި އެތިންގައުމުގެ އަޑުކަނޑުވާލުމަށް އެމެރިކާ ޖެހި މަޅިއެއްކަމަށް ފަލަސްތީނުން ދެކެއެވެ.

އެމެރިކާގެ މި ޕްލޭނާ ބެހޭގޮތުން ވާހަކަދައްކަވަމުން ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސް މުސްތަޝާރު އަދި ޓްރަމްޕްގެ ދަނބި ދަރިފުޅު ޖެރަޑް ކުޝްނާ އިއްޔެ ވިދާޅުވީ މި ޕްލޭން ތަންފީޒު ކުރެވިއްޖެނަމަ ހުޅަނގު އައްސޭރިއާއި ޣައްޒާ ގުޅުވާލައި އެދެސަރަހައްދުގައި އެއް މިލިއަން ވަޒީފާ އުފެދިގެން ދާނެކަމުގައެވެ. މިއާއެކު ވަޒީފާނެތް މީހުންގެ ނިސްބަތް ފަލަސްތީނުގައި 30 އިން ސައްތައިން އެކެއް އިންސައްތައަށް ދަށަށްގޮސް ފަލަސްތީނު މީހުންގެ ދިރިއުޅުމުގެ ހާލަތު ރަނގަނޅުވެ ތަނަވަސްކަން އާންމުވެ ފަގީރުކަން ވަރަށް ބޮޑަށް ކުޑަވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ފަލަސްތީނުން ދެކެނީ މިއީ ފަލަސްތީނުގެ ބިންތަކުން އިސްރާއީލު ނުފާބައި އަދި ފަލަސްތީނަށް ދޭންޖެހޭ ސިޔާސީ ހައްގުތައް ނުދީ ފައިސާގެ ދަޅަ ދައްކައިގެން ފަލަސްތީނުގެ ރައްޔިތުން ހައްލާލުމަށާ އަދި އަރަބި ގައުމުތަކާ ގުޅުންތައް ގާއިމް ކުރުމުގެ ފުރްސަތު އިސްރާއީލަށް ހޯދައިދިނުމަށް އެމެރިކާ ރާވާފައިވާ މަކަރުވެރި ރޭވުމެއް ކަމުގައެވެ. "ޑީލް އޮފް ދަ ސެންޗަރީ" މަޝްރޫއުގައި ސިޔާސީ ޕްލޭންގައިވެސް ފަލަސްތީނުގެ ބިންތަކުން އިސްރާއީލު ފޭބުމާއި ފަލަސްތީނުގެ މިނިވަން ދައުލަތް އުފެއްދުމާއި ފަލަސްތީނުގެ ރެފިއުޖީންނަށް އެނބުރި އެމީހުންގެ ވަޒަނަށް ރުޖޫއަވުމުގެ ހައްގު ލިބިދީފައިނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކުޝްނާ ވަނީ "ޑީލް އޮފް ދަ ސެންޗަރީ" މަޝްރޫއުގައި ސިޔާސީ ޕްލޭން އިއްލާންކުރާނީ ތަންކޮޅެއް ފަހުންކަން ހާމަކުރައްވާފައެވެ. އެ ޕްލޭންގައި ފަލަސްތީނުގެ ސިޔާސީ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ބުނެވޭ މައްސަލައަށް ކުޝްނާ އަލި އަޅުއްވާލައްވާފައެއް ނުވެއެވެ.

ފަލަސްތިނުގެ ސަރުކާރުންވަނީ ބަހްރައިންގައި ބާއްވާ އިގްތިސާދީ މަހާސިންތާ ބޮއިކަޓް ކުރަން ނިންމައި އެ މަހާސިންތާއިން ނިންމާކަންކަން ތަންފީޒު ކުރުމުގެ ފުރްސަތު ނުދޭނެކަމަށް ބުނެފައެވެ. ފަލަސްތީނަށް ހަމްދަރްދީވާ އިރާގާއި ލުބްނާނުން ވަނީ އެ މަހާސިންތާ ބޮއިކަޓް ކުރަން ނިންމާފައެވެ.

އަރަބި ގައުމުތަކުގެ ތެރެއިން ބަހްރައިންގެ މަހާސިންތާގައި ބައިވެރިވަނީ އެމެރިކާއަށް ވާގިވެރިވާ މައިގަނޑު ތިންގައުމު ކަމަށްވާ ސައޫދީ އަރަބިޔާ، ޔޫއޭއީ އަދި މިސްރުންނެވެ. އުރުދުން އިން ބައިވެރިވަނީ ހަމައެކަނި މަހާސިންތާގެ އަޑު އަހާލުމުގެ ބޭނުމުގައި ވަރަށް ދަށް ލެވެލްއެއްގައި ކަމަށް އުރުދުންގެ ސަރުކާރުން ބުނެއެވެ. ބަހްރައިންގެ މަހާސިންތާގައި އިސްރާއީލު ބައިވެރިވެއެވެ. މިއީ އަރަބި ގައުމެއްގައި ބާއްވާ މަހާސިންތާއެއްގައި އިސްރާއީލުން ސައޫދީ ފަދަ އަރަބި ގައުމުތަކާއެކު ފާޅުކަންބޮޑު ގޮތެއްގައި ބައިވެރިވާ ފުރަތަމަ ފަހަރެވެ. މި މަހާސިންތާ ކަވަރު ކުރުމުގައި އިސްރާއީލުގެ މީޑިޔާ ގްރޫޕްތައް ބަހްރައިންގައި ހަރަކާތްތެރިވާ ގޮތަށްވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް