ކުޅުދުއްފުށީ ކުޅީގެ ބާކީ ބައި ހިމާުޔަތް ކުރަން ގޮވާލާ އަޑު ގަދަވަނީ

ކުޅުދުއްފުށި ކުޅި ހިއްކައިގެން އެއާޕޯޓުގެ ރަންވޭ އަޅާފައި --

ކުޅުދުއްފުށީ ކުޅީގައި ބާކީ އޮތް ދެ ބައި ހިމާޔަތް ކުރަން އެންވަޔަރަމެންޓު މިނިސްޓްރީއަށް ގޮވާލަން ފަށައިފި އެވެ.

ކުޅުދުއްފުށީ ކުޅި ހިއްކައިގެން އެއާޕޯޓު ރަންވޭ އެޅުމުން، ކުޅި ވަނީ ދެ ބަޔަކަށް ބެހިފައެވެ. ރަންވޭ އެޅި ފަހުންވެސް ކުޅީގެ ބާކީ އޮތް ދެ ބައި ހިމާޔަތް ކުރަން ތިމާވެއްޓަށް ލޯބި ކުރާ އެތައް ބަޔަކު ގެންދިޔައީ ގޮވާލަމުންނެވެ.

ކުޅީގެ ބާކީ އޮތް ބަޔަށް ދޫނި ޖައްސާތީ، އެއާޕޯޓަށް ޖައްސާ މަތިންދާބޯޓުތަކަށް ނުރައްކާވާނެ ކަމަށް ސިވިލް އޭޝިއޭނާ ހަވާލާދީ ތިމާވެށީގެ ވަޒީރު ހުސެއިން ރަޝީދު ހަސަން ވިދާޅުވި ފަހުން، އަނެއްކާވެސް ކުޅީގެ ބާކީ އޮތް ބައި ހިމާޔަތް ކުރަން ގޮވާލާ އަޑު މި ވަނީ ގަދަވެފައެވެ. އެއީ، ދޫނީގެ މައްސަލަ ހައްލު ކުރަން ކުޅީގެ ބާކީ އޮތް ބައިވެސް ހިއްކަން ޖެހިއްޖެ ނަމަ ހިއްކާނެ ކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނުމުންނެވެ.

ކުޅުދުއްފުށިން ފްލައިޓްތަކަށް ހުރަސްއަޅަނީ ދޫނި، ކުޅި ހިއްކަން ޖެހިދާނެ؟!

"އެއާޕޯޓު ހިިދުމަތެއް ގެނައުމަށް ކުރަން ޖެހޭ ކަމެއް ވިއްޔާ ކައުންސިލުން ކުރާނަން. އެއީ [ކުޅި ހިއްކުމަކީ] އެއާޕޯޓު ހިދުމަތް ދޭން އޮތް ހުރަހަކަށް ވަންޏާ އެކަން އެގޮތަށް ކުރަންތާ ޖެހޭނީ. އަޅުގަނޑު ގަބޫލު ކުރަނީ [ކުޅި ހިއްކުމަކީ] އެއީ މައްސަލައަކަށް ނުވާތީ ކަންނޭނގެ މިނިސްޓްރީއިން ކުޅީގެ މެދުގައި އެއާޕޯޓެއް އަޅަން ނިންމާނީ،" ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އަބްދުއްލަތީފު ހަސަން މީގެ ކުރިން "ސަން"އަށް ވިދާޅުވެފައިވެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެންވަޔަރުމެންޓް މިނިސްޓަރު ހުސެއިން ރަޝީދު ހަސަން، ކުޅުދުއްފުށީ ކައުންސިލާ ބައްދަލުކުރައްވައި ވަނީ، ދޫނީގެ މައްސަލައިގައި އަމަލު ކުރާނެ ވަކި ގޮތެއް ސިވިލް އޭވިއޭޝަނާ ގުޅިގެން ނިންމުމަށް ކައުންސިލުގެ އަރިހުން އެދިވަޑައިގެންފަ އެވެ.

މީސް މީޑިއާގައި އަޑު އުފުލާ ބައެއް ފަރާތްތަކުން ތުހުމަތު ކުރަނީ، ކައުންސިލުން އެ ނިންމުން ނިންމުމަށް މިނިސްޓަރު އެދިވަޑައިގަތީ މިނިސްޓްރީއިން ކުޅި ހިއްކަން ނިންމައިފި ނަމަ އެކަމުގެ ޒިންމާ މިނިސްޓްރީއިން ނުނެގުމަށެވެ.

މީސް މީޑިއާގައި އެކަމާ ކަންބޮޑުވުން ފާޅުކުރި ކުޅުދުއްފުށީ މީހަކު ބުނީ، އެހެން ރަށްރަށުގައި ތިމާވެއްޓާ ގުޅޭ އެފަދަ ބޮޑެތި ނިންމުންތައް ނިންމަނީ މައި ސަރުކާރުގެ އިދާރާތަކުން ކަމަށެވެ. އެހެންކަމުން، ކުޅުފުއްފުށީ ކައުންސިލަށް އެ ނިންމުން ނިންމަން ހަވާލު ކުރި ސަބަބާ މެދު އޭނާ ސުވާލު އުފެއްދި އެވެ.

ބައެއް ފަރާތްތަކުން މިހާރު ދަނީ، ކުޅުދުއްފުށީ ކުޅީގެ ބާކީ އޮތް ބައި ވަގުތުން ވަގުތަށް ހިމާޔަތް ކުރުމަށް، މިނިސްޓަރ ހުސެއިން ރަޝީދު ހަސަނަށް ގޮވާލަމުންނެވެ. ތިމާވެށި ހިމާޔަތް ކުރަން ގޮވާލާ ކުޅުދުއްފުށީ ބީލީފް ޖަމިއްޔާގެ ފައުންޑަރ އަފާ ހުސެއިން ވެސް ވަނީ އެކަމަށް ގޮވާލައްވައިފައެވެ. އޭނާ ގޮވާލެއްވީ ވަގުތުން ވަގުތަށް ކުޅި ހިމާޔަތް ކުރަން ފިޔަވަޅުތައް އަޅާށެވެ.

"ކުޅީގެ މުހިންމުކަން ނޭނގޭ ބައެއްގެ އަތް މައްޗަށް ނިންމުން ދޫކޮށްލައިގެން ނުވާނެ،" އަފާ ވިދާޅުވި އެވެ.

ތިމާވެށީގެ ރޮނގުން ތައުލޫމު ހާސިލު ކުރަމުންދާ ކުޅުދުއްފުށީގެ އާދަމް އަބްދުﷲ ވަނީ ކުޅީގެ ބާކީ އޮތް ބަޔާ މެދު އަމަލު ކުރަން ހަމަޖެހިފައިވާ ގޮތުގެ ޕްލޭންތައް އާންމު ކުރަން މިނިސްޓަރަށް ގޮވާލާފައެވެ.

މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ކުޅުދުއްފުށީ ކުޅީގެ ތަހުލީލުތަކެއް ހެދުމަށް މާހިރުންގެ ޓީމެއް ވަނީ އެ ރަށަށް ގޮސްފައެވެ. އެ ތަހުލީލުތަކަށް ފަހު މާހިރުން ވަނީ މިނިސްޓަރާ މައުލޫމާތު ހިއްސާކޮށްފައެވެ. އަދި މާހިރުންގެ ރިޕޯޓުވެސް މިހާރު ވަނީ މިނިސްޓްރީއަށް ހުށަހަޅައިފައެވެ. ނަމަވެސް، އެ ރިޕޯޓުވެސް އާންމުކޮށްފައި ނުވެއެވެ. އެހެންކަމުން، ކުޅީގެ ބާކީ އޮތް ބައި ހިމާޔަތް ކުރަން މާހިރުން ދިން ލަފާވެސް އެނގިފައި ނުވެއެވެ.

ކުޅި މުހިންމުވާ ބައެއް ސަބަބުތައް:

  • އެތަނައުގައި އެތައް ބާވަތެއްގެ ދިރުންތައް އުޅޭ
  • ކުޅީގައި ބޮނބި ފާކޮށްގެން އަދިވެސް އާންމުދަނީ ހޯދާ
  • ކުޅިއަކީ ރަށުގެ ގުދުރަތީ ފެން ހިންދާ ނިޒާމު
  • ކުޅި ވަނީ ސަގާފަތާ ގުޅިފައި
  • ކުރިއަށް އޮތް ޖީލުތަކުގެ ކުދިންނަށް ކުޅި ދަމަހައްޓަން އެތައް ބަޔަކު ބޭނުންވޭ
  • އެތަނަކީ ނޭޗާ ޓޫރިޒަމަށް ބޭނުން ކުރެވިދާނެ ތަނެއް

ބޯ ވާރެއާ އެކު ކުޅީގެ މުހިންމުކަން އެނގިއްޖެ

comment ކޮމެންޓް