ދެވަނަ ފަހަރަށް އިންތިހާބު ބޭއްވުމުންވެސް ތުރުކީގެ ވެރިކަން ކުރާ ޕާޓީއަށް ވީ ނާކާމިޔާބު

އިސްތަންބޫލުގެ މޭޔަރު އިންތިހާބު ކުރުމަށް ބޭއްވި ވޯޓު ކާމިޔާބު ކުރެއްވީ އިދިކޮޅު ކެންޑިޑޭޓު އިކްރަމް އިމަމޮގްލޫ -- ފޮޓޯ: ގެޓީ

އިސްތަންބޫލް (ޖޫން 24): ތުރުކީގެ އިސްތަންބޫލުގެ މޭޔަރު ހޮވުމަށް ދެވަނަ ފަހަރަށް އިންތިހާބު ބޭއްވުމުންވެސް ވެރިކަން ކުރާ ޖަސްޓިސް އެންޑް ޑެވެލޮޕްމެންޓް ޕާޓީ (އޭކޭޕީ)އަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެ އެވެ.

އިއްޔެ އިސްތަންބޫލުގައި ބޭއްވި އިންތިހާބުގެ 99 ޕަސެންޓު ވޯޓު ގުނާފައިވާ އިރު، އޭކޭ ޕާޓީގެ ކެންޑިޑޭޓު އަދި ކުރީގެ ބޮޑުވަޒީރު ބިންއަލީ ޔިލްދުރިމްއަށް ލިބިލެއްވީ 45 ޕަސެންޓު ވޯޓެވެ. އަދި އިދިކޮޅު ރިޕަބްލިކަން ޕީޕަލްސް ޕާޓީ (ސީއެޗްޕީ)ގެ ކެންޑިޑޭޓު އިކްރަމް އިމަމޮގްލޫ ވަނީ 54 ޕަސެންޓު ވޯޓު ކާމިޔާބު ކުރައްވާފަ އެވެ.

އެނާކާމިޔާބީއާއެކު އޭކޭޕީން 25 އަހަރުވަންދެން އިސްތަންބޫލުގައި ކުރަމުން އައި ވެރިކަން ވަނީ ނިމުމަކަށް އައިސްފަ އެވެ. އަދި އެއީ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންއަށްވެސް ލިބުނު ބޮޑު ގެއްލުމެކެވެ. މީގެ ކުރިން އުރުދުޣާން ވަނީ "އިސްތަންބޫލް ކާމިޔާބު ކުރާ ފަރާތަކުން، ތުރުކީ ކާމިޔާބުކޮށްފައިވާ" ކަމަށް ވިދާޅުވެފަ އެވެ.

އެއިންތިހާބުގެ ނަތީޖާ އިއުލާން ކުރުމުން އިމަމޮގްލޫ ދެއްވި ތަގުރީރުގައި އޭނާ ވަނީ އެއީ އިސްތަންބޫލަށާއި ގައުމަށްވެސް "އާ ފެށުމެއް" ގެނުވި ނަތީޖާއެއްގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ. އަދި އޭނާއަށް ތާއިދު ކުރާ ފަރާތްތަކުން ވަނީ "ޑިމޮކްރަސީ ރަނގަޅުކޮށްފަ" ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން އިމަމޮގްލޫ ވަނީ އޭނާ ހުންނެވީ ރައީސް އުރުދުޣާންއާ އެކު މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ކަމަށްވެސް ވިދާޅުވެފަ އެވެ.

އިސްތަންބޫލުގެ މޭޔަރު އިންތިހާބު ކުރުމަށް ފުރަތަމަ ވޯޓު ނެގީ މާޗް 31ގަ އެވެ. އެފަހަރުވެސް ކުޑަ ތަފާތަކުން ނަމަވެސް އިންތިހާބު ކާމިޔާބު ކުރެއްވީ އިމަމޮގްލޫ އެވެ. ނަމަވެސް އޭކޭޕީން ވަނީ ވޯޓު އޮޅުވާލާފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި އެއިންތިހާބު ބާތިލު ކުރުމަށް ފަހު، އާ އިންތިހާބެއް ބާއްވަން ތުރުކީގެ އިލެކްޓޯރަލް ބޯޑުން އެންގި އެވެ.

އޭކޭ ޕާޓީ އުފެއްދުމުގައި އިސް ދައުރެއް އަދާ ކުރެއްވި ޔިލްދުރިމް ބޮޑުވަޒީރުކަން ކުރެއްވީ 2016 އިން މިދިޔަ އަހަރާ ހަމައަށެވެ. އެއީ މިދިޔަ އަހަރު ތުރުކީ ރިޔާސީ ޑިމްކޮރަސީއަކަށް ބަދަލުވެ، ބޮޑުވަޒީރުގެ މަގާމު އުވާލަންދެނެވެ.

އޭގެ ފަހުން އޭނާ ވަނީ ޓްރާންސްޕޮޓޭޝަން އެންޑް ކޮމިއުނިކޭޝަން މިނިސްޓަރުކަން ކުރައްވައި، މިދިޔަ ފެބްރުއަރީ މަހު ޕާލިމެންޓުގެ ރައީސަކަށްވެ ވަޑައިގެންފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް