ކޮތައިފަރުގައި ރިސޯޓު ހަދާނީ އާސާރުތައް ހިމާޔަތް ކުރާގޮތަށް

ކޮތައިފަރު -- ފޮޓޯ: ސޯޝަލް މީޑިއާ

ރ. ކޮތައިފަރުގައި ރިސޯޓު ތަރައްގީ ކުރާނީ އެރަށުން ފެނުނު އާސާރުތައް ހިމާޔަތް ކުރާ ގޮތަށް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

މިއަދު ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކޮތައިފަރުގައި ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނިކޮށް ރާއްޖޭގެ ތާރީހާ ގުޅޭ ގިނަ އަދަދެއްގެ އާސާރުތައް އެރަށުން ފެނުނު ކަމަށެވެ.

"ރާއްޖޭގެ އެންގެ ގަދީމީ ތާރީހީ ތަންތަން ކޮތައިފަރުން ފެނިފައިވޭ،" މިނިސްޓަރު ވިދާޅުވީ އެކަމާ ގުޅިގެން ހެރިޓޭޖު މިނިސްޓްރީ އާއި އެރަށުގައި ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތްކުރާ އިންވެސްޓަރާ މަޝްވަރާކޮށް ހައްލެއް ހޯދާފައިވާ ކަމަށެވެ.

ކޮތައިފަރުން ފެނުނު އާސާރުތަކުގެ ތެރޭގައި ދެ މިސްކިތެއްގެ ތަރާގަނޑާއި، ވެވެއްގެ އިތުރުން މީހުން ދިރިިއުޅުނުކަމުގެ ނިޝާންތައް، ރާއްޖެއިން ނުފެންނަ ވައްތަރެއްގެ ކުރެހުން އެޅި މަހާނަ ގާ، ދެ ގަބުރުސްތާނު އަދި ދެ ޒިޔާރަތްވެސް ހިމެނެއެވެ. މި މަހާނަގާތަކަކީ ރާއްޖެ އިސްލާމްވުމުގެ ކުރީގެ މަހާނަ ގާތަކެއް ކަމަށް ބެލެވޭކަމަށް ހެރިޓޭޖު މިނިސްޓްރީގެ މީޑިއާ ޑިރެކްޓަރު އިސްމާއިލް ނާއިލް ނަޝީދު ވިދާޅުވިއެވެ.

ކޮތައިފަރުގައި ރިސޯޓު ތަރައްގީ ކުރުމަށް އެމްއެމްޕީއާރުސީ އިން އެރަށް ދޫކޮށްފައިވަނީ އޮރިއެންޓް ރޯޒް ކިޔާ ކުންފުންޏަކަށެވެ. ފަހުން އެކުންފުނިން އެ ރަށް ވިއްކާލީ މޮމެންޓަމް ކިޔާ ކުންފުންޏަކަށެވެ. ކޮތައިފަރުގައި ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދަނީ މޮމެންޓަމް ކިޔާ ކުންފުންޏަކުން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަރު އަލީވަހީދު ވިދާޅުވީ ކޮތައިފަރުގައި ރިސޯޓު ތަރައްގީ ކުރާނީ އެރަށުން ފެނުނު އާސާރުތައް ހިމާޔަތް ކުރާ ގޮތަށް ކަމަށެވެ. އެ ނޫން ގޮތަކަށް އެރަށުގައި ރިސޯޓު ތަރައްގީ ކުރުމުގެ ހުއްދަ ނުދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ސަން ފޮޓޯ

ހެރިޓޭޖު މިނިސްޓްރީ އިން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވީ ކޮތައިފަރުން އާސާރުތައް ފެނުނީ ރަށުގެ ދެ ސަރަހައްދަކުން ކަމަށާއި އެރަށުގައި ރިސޯޓު ތަރައްގީ ކުރަނީ އާސާރީ ދެ ސައިޓު ހިމެނޭގޮތަށް ހެރިޓޭޖު ސެންޓަކާވެސް އެކު ކަމަށެވެ.

ދާދިފަހުން ރާއްޖެ އަށް ޒިޔާރަތްކުރެއްވި އދގެ ސްޕެޝަލް ރެޕެޓުއާ އޮން ކަލްޗްރަލް ރައިޓްސް ކަރީމާ ބަނޫން ވަނީ ކޮތައިފަރުން އާސާރުތައް ފެނުމާ ގުޅިގެން އެތަނުގައި ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތަށް ތަދައްހުލުވުމުން އެކަމަށް ތައުރީފު ކުރައްވައިފައެވެ. ރިސޯޓު ތަރައްގީ ކުރުމާއި ތަރައްގީގެ އެހެން މަޝްރޫއުތައް ހިންގުމުގެ ކުރިން ރަށްރަށުގައި އާސާރު ހުރިތޯ ބަލާ ކަލްޗްރަލް އިމްޕެކްޓް އެސެސްމެންޓުފަދަ ދިރާސާތައް ހެދުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވައިފައެވެ.

އޭގެ އިތުރުން އޭނާ ވަނީ ރާއްޖޭގައި ހުރި އާސާރީ ސައިޓުތަކާއި ތަކެތި ދެނެގަތުމާއި ރައްކާ ކުރުމާއި އެތަކެތީގެ ދިރާސާ ކުރެވިފައިވާ މިންވަރު މަދުކަމުން އެކަމާ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ. އަދި ރިސޯޓާއި އެހެން މަޝްރޫއުތައް ހިންގުމުގެ ތެރޭގައި އާސާރުތަކާއި އާކިއޮލިޖިކަލް ސައިޓުތަކުގެ 80 ޕަސެންޓު ނެތިގޮސްފައިވާކަމަށް ކަމާ ބެހޭ މާހިރުން ވިދާޅުވެފައިވާތީ ރާއްޖެއަށް ކުރެއްވި ދަތުރާ ގުޅޭ ރިޕޯޓުގައި އޭނާ ވަނީ އެކަމާވެސް ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

comment ކޮމެންޓް