ދިވެހީންނަށް އޮން އެރައިވަލް ވިސާ ލިބޭ އެއްބަސްވުމެއްގައި ސޮއި ކުރަން ޝާހިދު ރަޝިއާއަށް

ފޮރިން މިނިސްޓަރު އަބްދުﷲ ރަޝިއާއަށް ޝާހިދު ފުރާވަޑައިގަތުމުގެ ކުރިން -- ފޮޓޯ/ ފޮރިން މިނިސްޓްރީ

ރަޝިޔާއިން ދިވެހީންނަށް އޮން އެރައިވަލް ވިސާ ލިބޭ އެއްބަސްވުމެއްގައި ސޮއި ކުރެއްވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ރަޝިއާއަށް ފުރާވަޑައިގެންފި އެވެ.

ޝާހިދުގެ ދަތުރުފުޅުގައި ރަޝިޔާގެ ފޮރިން މިނިސްޓަރު ސަރްގޭ ލަވްރޯފް އާއި ބައްދަލުކުރައްވައި ދެ ގައުއުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރައްވާނެ އެވެ.

މިއީ ދިވެހިރާއްޖެއާއި ރަޝިޔާގެ ހާރިޖީ ވަޒީރުން ބައްދަލުކުރައްވައި، ދެގައުމުގެ ގުޅުން ބަދަހިކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާ ފުރަތަމަ ފަހަރެވެ.

ޝާހިދުގެ ދަތުރުފުޅުގައި ދެގައުމުގެ ރައްޔިތުންނަށް، އެއް ގައުމުން އަނެއް ގައުމުގައި ވިސާ އެގްޒެމްޕްޝަންގެ އިންތިޒާމް ހަމަޖެއްސުމުގެ އެއްބަސްވުމެއްގައި އެ ދެ ބޭފުޅުން ސޮއި ކުރައްވަން ވަނީ ހަމަޖެހިފަ އެވެ. މި އެއްބަސްވުމުގެ ދަށުން ދިވެހި ރައްޔިތުންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ރަޝިޔާއިން ލިބޭނެ ކަމަށް ފޮރިން މިނިސްޓްރީއިން ބުންޏެވެ.

ރަޝިއާ އަކީ މިހާރުވެސް ގިނަ އަދަދެއްގެ ދިވެހިން ދަރިވަރުން މެޑިސިން ކިޔަވާ ގައުމެކެވެ.

މިނިސްޓަރ ޝާހިދުގެ އަރިހުގައި މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވަނީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލް އާއި ރާއްޖެއިން ޖަރުމަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު ލަތީފްގެ އިތުރުން ފޮރިން މިނިސްޓްރީގެ ޑިރެކްޓަރު ޝިއުނީން ރަޝީދު އަދި ޑެސްކް އޮފިސަރު މަރިޔަމް އާސިފް އެވެ.

ނަވާރަސްތޭކަފަސްދޮޅަސްފަސް ވަނަ އަހަރު ރާއްޖެ މިނިވަންވުމުގައި އެންމެ ބޮޑު އެއްބާރުލުމެއް ލިބުނު އެއް ގައުމަކީ ރަޝީއާ އެވެ. ރާއްޖެ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތް ދުނިޔޭގެ ފުރަތަމަ ބޮޑު ބާރަކީވެސް ރަޝިއާ އެވެ.

comment ކޮމެންޓް