މަޖިލީހުގެ ތަޅުމުން ޕްލާސްޓިކް ފުޅި ބޭރުކޮށްފި

މެމްބަރުންގެ މޭޒުމަތިން ޕްލާސްޓިކް ފުޅި ނަގައިގަފައި --- ފޮޓޯ/ މެމްބަރު ސަލީމް

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ޕްލާސްޓިކް ފުޅި ބޭނުން ކުރުން ހުއްޓާލައިފި އެވެ.

މީގެ ކުރިން ކޮންމެ މެމްބަރެއްގެ މޭޒުމަތީގައި ވެސް ޕްލާސްޓިކް ފެން ފުޅިއެއް ބަހައްޓާފައި ހުރެ އެވެ.

މަޖިލީހުގެ މީޑީއާ ޑިރެކްޓަރު ހަސަން ޒިޔާއު "ސަން" އަށް މިއަދު ވިދާޅުވީ، މަޖިލީހުގެ އިދާރާގައި ޕްލާސްޓިކް ފުޅި ބޭނުން ކުރުން މަދު ކުރުމުގެ ޕްރޮގްރާމުގެ ދަށުން މިއަދުން ފެށިގެން މަޖިލީހުގެ ތަޅުމުގައި ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓާލާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ހުރިހާ ޕްލާސްޓިކް ފުޅިއެއް ތަޅުމުން ބޭރުކޮށް މިހާރު މެމްބަރުންނަށް ވަގުތީ އިންތިޒާމެއް ހަމަޖައްސާފައިވާ ކަމަށެވެ.

ކޮންމެ މެމްބަރެއްގެ މޭޒުމަތީގައި މިހާރު ބަހެއްޓިފައިވަނީ ފެން އަޅާފައިވާ ބިއްލޫރިތަށި އެކަންޏެވެ.

"މިކަމަށް ހުރިހާ މެމްބަރުންގެ ވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ. ހުރިހާ މެމްބަރުންވެސް ބޭނުންވޭ، މަޖިލީހަކީ ޕްލާސްޓިކް ބޭނުން ނުކުރާ ތަނަކަށް ހަދަން،" ޒިޔާއު ވިދާޅުވި އެވެ.

މަޖިލީހުގެ ތަޅުމުގައި ޕްލާސްޓިކް ފުޅިތައް ބޭނުން ކުރުން މިއަދު ހުއްޓާލާފައިވާއިރު، އިއްޔެ މަޖިލީހުގެ އިދާރާ މަސައްކަތް ކުރާ 149 މުވައްޒިފުންނަށް މަޖިލީހުގެ ޝޯޝަލް ކުލަބް "ޕޭމާ"ގެ ފަރާތުން ވަނީ ފެން އަޅަން ބިއްލޫރިފުޅި ހަދިޔާ ކޮށްފަ އެވެ.

އޭގެ އިތުރުން މަޖިލީހުން މިމަހުގެ 17 ވަނަ ދުވަހު، ތިމާވެއްޓާއި ރައްޓެހިގޮތަކަށް ބިއްލޫރިފުޅީގައި ބޯފެން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ އިއުލާންކޮށްފަ އެވެ. އެ އިއުލާނުގައިވާ ގޮތުގައި، އަންދާސީ ހިސާބު ހުށަހެޅުން އޮތީ އަންނަ ބުރާސްފަތި ދުވަހު އެވެ.

https://sun.mv/120753

comment ކޮމެންޓް