ސުޕާ ޑާންސާގެ ޓްރޮފީ ރުޕްސާ އުފުލާލައިފި

ރުޕްސާ އާއި އޭނާގެ ޓީޗަރު ޖަޖު ޝިލްޕާ ޝެޓީ އާ އެކު----

ސޮނީ ޓީވީއިން ގެނެސްދެމުން އައި ރިއަލިޓީ ޝޯ "ސުޕާ ޑާންސާ"ގެ ޓްރޮފީ ކޮލްކަތަރަށް އުފަން ރުޕްސާ އުފުލާލައިފިއެވެ.

އޭނާ އެ މުބާރާތުގެ އެއްވަނައަށް ދިޔަކަން ހާމަކުރީ ރޭ ބޭއްވި ގްރޭންޑް ފިނާލޭގަ އެވެ. ފިނާލޭގައި ރުޕްސާއާ ވާދަކުރީ ސަކްޝަމް ޝަރްމާ، ތޭޖަސް ވަރްމާ، ޖޭޝްރީ އަދި ގޯރަވް އެވެ.

ރުޕްސާ މުބާރާތް ކާމިޔާބުކުރިއިރު އޭނާއަށް ވަނީ 15 ލައްކަ ރުޕީސް ލިބިފައެވެ. އަދި ގަދަ ފަހަކަށް ދިޔަ ކޮންމެ ބައިވެރިއަކަށް ވަނީ އެއް ލައްކަ ރުޕީސް ލިބިފައެވެ.

ޝޯގެ އެއްވަނަ ކާމިޔާބުކުރުމަށްފަހު ރުޕްސާ ބުނީ މުބާރާތް ކާމިޔާބު ކުރެވެމުން އުފާވާ ކަމަށާއި ނެށުމައިގެން ކުރިއަށްދާނެ ކަމަށެވެ. އަދި ރަށަށް ގޮސް އާއިލާ އާއި ރަހުމަތްތެރިންނާއެކު އުފާ ފާހަގަކުރަން ކެތްމަދުވެފައިވާ ކަމަށެވެ.

ރުޕްސާ އަކީ އެ ޝޯގައި ބައިވެރިވި އެންމެ ހަގު ކުއްޖާއެވެ. އޭނާގެ އުމުރަކީ ހައެކެވެ.

މިދިޔަ އަހަރު އެ ޝޯ ކާމިޔާބުކުރީ އައްސާމް އަށް ނިސްބަތްވާ ބިޝާލް ޝަރްމާއެވެ.

comment ކޮމެންޓް