ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓު ވަކި ކުރަން މަޖިލީހަށް ފޮނުވައިފި

ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ---

ސަސްޕެންޑުކޮށްފައިވާ ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު މަގާމުން ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

މިއަދު ޖޭއެސްސީއިން ބުނީ، އިބްރާހިމް ރަޝީދު، 41، ފަނޑިޔާރުކަމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.

އިބްރާހިމް ސަސްޕެންޑު ކުރަން ނިންމީ ޖޭއެސްސީއިން ބެލި އޭނާއާ ގުޅޭ އަޚްލާގީ މައްސަލައަކާ ގުޅިގެންނެވެ. އެކަމަކު، އެ މައްސަލައިގެ ތަފްސީލެއް އެ ކޮމިޝަނުން ނުބުނެ އެވެ.

އިބްރާހިމް ސަސްޕެންޑު ކުރީ 2016 ވަނަ އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހު އެވެ. އޭގެ ކުރިން، އެ އަހަރުގެ މާޗް މަހުގެ 28 ވަނަ ދުވަހު މަސްތުވާތަކެއްޗާ އެކު އޭނާ ހައްޔަރު ކުރި އެވެ. އޭނާ ދޫކޮށްލާފައި ހުރީ ހައިކޯޓުގެ އަމުރެއްގެ ދަށުންނެވެ.

ފަހަކަށް އައިސް ފަނޑިޔާރުންގެ ގިނަ ސުލޫކީ މައްސަލަތައް އަންނަނީ ޖޭއެސްސީއަށް ހުށަހެޅެމުންނެވެ. އަދި އެ ކޮމިޝަނުން ބައެއް ފަނޑިޔާރުން ސަސްޕެންޑުވެސް ކޮށްފައިވެ އެވެ. ޖޭއެސްސީއިން މިހާރު ބަލަމުން އަންނަ މައްސަލަތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލަ އެވެ.

comment ކޮމެންޓް