ވިސާނެތި ލަންކާގައި އުޅޭ 291 ދިވެއްސަކު ޑީޕޯޓް ކުރަނީ

ސްރީލަންކާގެ މަގުމަތި. -- ފޮޓޯ/ އޭޕީ

ވިސާ ނެތި ސްރީލަންކާގައި ދިރިއުޅެމުން އަންނަ 200 އަށް ވުރެ ގިނަ ދިވެހީން އެ ގައުމުން ޑީޕޯޓްކޮށްލަން ނިންމައި އެކަމުގެ މަސައްކަތްތައް ފަށައިފި އެވެ.

އެ ގައުމުގެ ދުވަހު ނޫސް "ސަންޑޭ ޓައިމްސް"އަށް ލަންކާގެ އިމިގްރޭޝަން ކޮންޓްރޯލާ ޕަސަން ރަތުނަޔަކަ ވިދާޅުވީ ވިސާ ނެތި އެ ގައުމުގައި ދިރިއުޅެމުން އަންނަ 8،000 އެއްހާ ބިދޭސީން ޑީޕޯޓްކޮށްލުމުގެ މައްސަލަ ވަޒީރުންގެ މަޖިލީހަށް ވަރަށް އަވަހަށް ފޮނުވާނެ ކަމަށެވެ. އީސްޓަ ސަންޑޭގެ ޓެރަރިސްޓް ހަމަލާތަކަށް ފަހު، އިމިގްރޭޝަންގެ އިންޓެލިޖެންސް ބިޔުރޯއިން ހިންގި އޮޕަރޭޝަންތަކުގައި ވިސާ ނެތި އެ ގައުމުގައި ދިރިއުޅޭ 7،900 ބިދޭސީއެއްގެ މައްސަލަ ފާހަގަވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ވިސާ ނެތި އުޅޭ މީހުންގެ ތެރޭގައި ގިނައީ، އޭޝިޔާގެ ހަ ގައުމަކަށް ނިސްބަތްވާ މީހުން އެވެ. އެގޮތުން ހަތަރު ވަނައަށް އެންމެ ގިނައިން ވިސާ ނެތި ލަންކާގައި އުޅެނީ ދިވެހީން އެވެ. އެގޮތުން، 291 ދިވެހީން ވިސާ ނެތި ލަންކާގައި އުޅޭ ކަމަށް ވެސް ރަތުނަޔަކަ ވަނީ ވިދާޅުވެފަ އެވެ.

ސްރީލަންކާގައި 15،000 ދިވެހިން ދިރިއުޅެމުން އާދެ އެވެ. އޭގެ ތެރެއިން ގިނަ އާއިލާތައް ދިރިއުޅެމުން އަންނަނީ، ތައުލީމު އުގެނުމުގެ ބޭނުމުގަ އެވެ. މީގެ އިތުރުން ޗުއްޓީގައި ލަންކާއަށް ދާ ދިވެހިން ވެސް ގިނަ އެވެ.

ޑީޕޯޓްކުރާ މީހުން ނިސްބަތްވާ ގައުމުތައް:

  • އިންޑިއާ: 1680
  • ޕާކިސްތާން: 936
  • ޗައިނާ: 683
  • ރާއްޖެއިން: 291
  • ބަންގްލަދޭޝް: 152
  • ޖަޕާން: 42

ރަތުނަޔަކަ ވިދާޅުވެފައިވާ ގޮތުގައި އޭގެ ތެރެއިން ގިނަ މީހުން ލަންކާއަށް އެތެރެވީ ޓޫރިސްޓް ވިސާގަ އެވެ. އޭގެ ބައެއް މީހުން ލަންކާގައި ވަޒީފާ އަދާކުރާއިރު އެކި ބާވަތްތަކުގެ ވިޔަފާރިތައް ވެސް އެފަދަ ފަރާތްތަކުން ކުރާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އޭޝިޔާގެ ގައުމުތަކުގެ އިތުރުން ޔޫރަޕްގެ ބައެއް ގައުމުތަކަށް ނިސްބަތްވާ ރައްޔިތުން ވެސް ވިސާއެއް ނެތި ލަންކާގައި އުޅެމުން އަންނަ ކަމަށް ލަންކާ އިމިގްރޭޝަންގެ ހިސާބުތަކުން ދައްކަ އެވެ. އެގޮތުން ނެދަލެންޑްސްގެ 541 މީހުން، ޔޫކްރެއިންގެ 167 މީހުން، ސައުދީގެ 172 މީހުން، ރަޝިޔާގެ 157 މީހުން، ލުބުނާންގެ 157 މީހުން، އޮސްޓްރޭލިއާގެ 155، ނައިޖީރިއާގެ 130 މީހުން، ފްރާންސްގެ 110 މީހުން އަދި އިނގިރޭސިވިލާތުގެ 44 މީހުން ހިމެނެ އެވެ.

އެ އެންމެން ވެސް ޑީޕޯޓް ކުރަން ވަނީ މަސައްކަތް ފަަށައިފަ އެވެ.

"ކެބިނެޓުން އެޕްރުވަލް ލިބުމާ އެކު މި ހުރިހާ އެންމެން ވެސް ޑީޕޯޓްކޮށްލަން ކޮލަމްބޯގެ ޑިޓެންޝަން ފެސިލިޓީއަކަށް ގެނެވޭނެ. އަދި އެ މީހުން ގައުމަށް އަނބުރާ ފޮނުވާލެވެންދެން އެތަނުގައި ތިބޭނީ. މަޑުމިކުރަނީ ކެބިނެޓްގެ އެޕްރޫވަލްއަށް،" ކޮންޓްރޯލާ ރަތުނަޔަކަ ވިދާޅުވެފައިވެ އެވެ.

ކޮންޓްރޯލާ ވިދާޅުވީ، އީސްޓާ ސަންޑޭގެ ހަމަލާތަކަށް ފަހު، އިންޓަޕޯލްގެ އެދުމުގެ މަތިން ބައެއް ފަރާތްތަކަށް ވިސާ ނުދީ ރިޖެކްޓް ކުރަމުން އަންނަ ކަމަށެވެ. އަދި އިންޓަޕޯލް އާއި އިމިގްރޭޝަންއާ ސީދާ މައުލޫމާތު ބަދަލުކުރަމުން އަންނަކަން ވެސް އޭނާ ވަނީ ފާހަގަ ކުރައްވައިފަ އެވެ.

އީސްޓާ ސަންޑޭ ހަމަލާތަކަށް ފަހު ލަންކާގެ ސިފައިންނާއި ފުލުހުން ހިންގި އޮޕަރޭޝަންގައި އަށް ދިވެއްސަކު ހައްޔަރު ވެސް ކުރި އެވެ. އެ މީހުން ހައްޔަރު ކުރީ ވިސާ ނެތުމުގެ އިތުރުން، މަނާ ތަކެތި ގެންގުޅުން ފަދަ ކަންކަމުގަ އެވެ. އެ އެންމެން ވެސް މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

comment ކޮމެންޓް