ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓައި ޝައިމް ގެއްލުނު މައްސަލަ މަޖިލީހުން ބަލަނީ

މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީގެ ބައްދަލުވުމެއް --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާގައި ހުއްޓައި ދަފްތަރު ނަންބަރު 2997 ޝައިމް އަބްދުﷲ، 14 ގެއްލުނު މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބަލަން ނިންމައިފި އެވެ.

އެމައްސަލަ މިހާރު ވަނީ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މާދަމާގެ ބައްދަލުވުމަށް ތާވަލުކޮށްފަ އެވެ. އެ ބައްދަލުވުން އޮތީ މާދަމާ މެންދުރު 12:00 ގަ އެވެ. ކޮމިޓީގައި ތާވަލުކޮށްފައި ވަނީ އެމައްސަލަ ދިރާސާ ކުރުމަށެވެ.

ޝައިމް ހޯދަން ފުލުހުން އިއުލާނު ކުރީ މީގެ ހަ ދުވަސް ކުރިންނެވެ. އަދިވެސް އޭނާ ނުފެންނަ ކަމަށް ފުލުހުން މިއަދުވެސް ވަނީ ބުނެފަ އެވެ.

ޝައިމް ގެއްލުނުއިރު އޭނާ ދިރިއުޅުނީ ކުޑަކުދިންގެ ހިޔާގަތޯ 'ސަން' އިން ސުވާލު ކުރުމުން ޖެންޑަ މިނިސްޓްރީގެ ޑިރެކްޓަރު އިބްރާހިމް މުހައްމަދު ފުރަތަމަ ވިދާޅުވީ ޝައިމްއަކީ "ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުއްޖެއް ނޫން" ކަމަށެވެ.

ނަމަވެސް ފަހުން ވިދާޅުވެފައިވަނީ ޝައިމް ގެއްލުނު އިރު ދިރިއުޅުނީ ކުޑަކުދިންގެ ހިޔާގައި ކަމަށެވެ.

"ޝައިމް އަބްދުﷲ އަކީ ކުށުގެ ވެށިން ގެނެވިފައިވާ ކުއްޖަކަށް ވާތީ ކުޑަކުދިންގެ ހިޔާއަށް އޭނާ ގެންދެވުނީ އޭނާގެ އެސެސްމެންޓްތައް ހެދުމަށް. އެއްވެސް ހާލެއްގައި އެ ތަނުގައި މަރުކަޒު ކުރުމަކަށް ނޫން. އެގޮތުން އޭނާ ހުރި ހުރުމުގައި ކުޑަކުދިންގެ ހިޔާގެ ކުދިންނާ އެއްތަން ކުރެވިފައެއް ނުވޭ." ޖެންޑާ މިނިސްޓްރީގެ ޑިރެކްޓަރު އިބްރާހިމް މުހައްމަދު ވިދާޅުވި އެވެ.

ޝައިމް ގެއްލުނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ ކޮމްޕައުންޑް ތެރޭގައި ހުއްޓާ ކަމަށް އިބްރާހިމް ވިދާޅުވި އެވެ. އޭނާ ކުޑަކުދިންގެ ހިޔާގައި ބެހެއްޓުނީ ވަގުތީ ގޮތުން ކަމަށްވެސް އިބްރާހިމް ވިދާޅުވި އެވެ.

ގެއްލިގެން ހޯދާ ކުއްޖާއާ ބޭހޭ އެއްވެސް މައުލޫމާތެއް ލިބިވަޑައިގެންފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެމައުލޫމާތެއް ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ ޑިއުޓީ ނަންބަރު 3000600 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުން ފުލުހުން ވަނީ އެދިފައެވެ.

comment ކޮމެންޓް