ޝައިމް ހޯދަން ތިން ގެއެއް ބަލާ ފާސްކޮށްފި

ގެއްލިގެން ހޯދަމުންދާ ޝައިމް އަބްދުﷲ، 14

ގެއްލިގެން ހޯދަމުންދާ ދަފްތަރު ނަންބަރު 2997 ޝައިމް އަބްދުﷲ، 14 ހޯދުމަށް ތިން ގެއެއް ބަލާ ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ޝައިމް ގެއްލިފައިވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާގައި ހުއްޓަ އެވެ. އޭނާ ގެއްލުނީ ކުޑަކުދިންގެ ހިޔާގެ ކޮމްޕައުންޑް ތެރޭގައި ހުއްޓައި ކަމަށް ޖެންޑަ މިނިސްޓްރީއިން ބުނެ އެވެ.

ޝައިމް ހޯދަން ފުލުހުން އިއުލާނު ކުރީ މީގެ ހަ ދުވަސް ކުރިންނެވެ. ފުލުހުން މިރޭ ބުނީ ޝައިމް ހޯދުމަށް ތިން ގެއެއް ބަލާ ފާސްކޮށް ސީސީޓީވީ ފުޓޭޖްތައްވެސް ބަލަމުން ދާ ކަމަށް ފުލުހުން ބުންޏެވެ.

"މިހާރުވެސް ފުލުހުން ދަނީ އެކި ގޮތްގޮތަށް ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން." ފުލުހުން ބުންޏެވެ.

ޝައިމްއާ ބޭހޭ އެއްވެސް މައުލޫމާތެއް ލިބިވަޑައިގެންފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެމައުލޫމާތެއް ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ ޑިއުޓީ ނަންބަރު 3000600 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުން ފުލުހުން ވަނީ އެދިފައެވެ.

ޝައިމް އަކީ އަކީ އެސެސްމެންޓެއް ހެދުމަށް ކުށުގެ ވެށިން ކުޑަކުދިންގެ ހިޔާއަށް ގެންދެވުނު ކުއްޖެ ކަމަށް މިނިސްޓްރީ އޮފް ޖެންޑަ އެންޑް ސޯޝިއަލް ސާވިސަސްއިން ވަނީ ބުނެފަ އެވެ.

ޖެންޑަ މިނިސްޓްރީގެ ޑިރެކްޓަރު އިބްރާހިމް މުހައްމަދު ވިދާޅުވީ ޝައިމް އަކީ ކުޑަކުދިންގެ ހިޔާގައި ދަފްތަރު ކުރެއްވިފައިވާ ކުއްޖެއް ނޫން ކަމަށެވެ.

"ޝައިމް އަބްދުﷲ އަކީ ކުށުގެ ވެށިން ގެނެވިފައިވާ ކުއްޖަކަށް ވާތީ ކުޑަކުދިންގެ ހިޔާއަށް އޭނާ ގެންދެވުނީ އޭނާގެ އެސެސްމެންޓްތައް ހެދުމަށް. އެއްވެސް ހާލެއްގައި އެ ތަނުގައި މަރުކަޒު ކުރުމަކަށް ނޫން. އެގޮތުން އޭނާ ހުރި ހުރުމުގައި ކުޑަކުދިންގެ ހިޔާގެ ކުދިންނާ އެއްތަން ކުރެވިފައެއް ނުވޭ." ޖެންޑަ މިނިސްޓްރީގެ ޑިރެކްޓަރު އިބްރާހިމް މުހައްމަދު ވިދާޅުވި އެވެ.

comment ކޮމެންޓް