ޝައިމްއަކީ އެސެސްމެންޓެއް ހަދަން ކުށުގެ ވެށިން ކުޑަކުދިންގެ ހިޔާއަށް ގެނެވުނު ކުއްޖެއް: ޖެންޑާ

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ --- ސަން ފައިލް ފޮޓޯ

ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން އިއުލާނުކޮށްފައިވާ ދަފްތަރު ނަންބަރު 2997 ޝައިމް އަބްދުﷲ، 14 އަކީ އެސެސްމެންޓެއް ހެދުމަށް ކުށުގެ ވެށިން ކުޑަކުދިންގެ ހިޔާއަށް ގެންދެވުނު ކުއްޖެ ކަމަށް މިނިސްޓްރީ އޮފް ޖެންޑަ އެންޑް ސޯޝިއަލް ސާވިސަސްއިން ބުނެފި އެވެ.

ޝައިމް ގެއްލިގެން ހޯދަން ފުލުހުން އިއުލާނު ކުރީ މީގެ ހަ ދުވަސް ކުރިންނެވެ. އޭނާ އެންމެ ފަހުން ދިރިއުޅުނީ ކުޑަކުދިންގެ ހިޔާގައިކަން 'ސަން' އަށް ވަނީ ކަށަވަރު ވެފަ އެވެ.

ޖެންޑަ މިނިސްޓްރީގެ ޑިރެކްޓަރު އިބްރާހިމް މުހައްމަދު ވިދާޅުވީ ޝައިމް އަކީ ކުޑަކުދިންގެ ހިޔާގައި ދަފްތަރު ކުރެއްވިފައިވާ ކުއްޖެއް ނޫން ކަމަށެވެ.

"ޝައިމް އަބްދުﷲ އަކީ ކުށުގެ ވެށިން ގެނެވިފައިވާ ކުއްޖަކަށް ވާތީ ކުޑަކުދިންގެ ހިޔާއަށް އޭނާ ގެންދެވުނީ އޭނާގެ އެސެސްމެންޓްތައް ހެދުމަށް. އެއްވެސް ހާލެއްގައި އެ ތަނުގައި މަރުކަޒު ކުރުމަކަށް ނޫން. އެގޮތުން އޭނާ ހުރި ހުރުމުގައި ކުޑަކުދިންގެ ހިޔާގެ ކުދިންނާ އެއްތަން ކުރެވިފައެއް ނުވޭ." ޖެންޑަ މިނިސްޓްރީގެ ޑިރެކްޓަރު އިބްރާހިމް މުހައްމަދު ވިދާޅުވި އެވެ.

ޝައިމް ގެއްލުނީ ވިލިގިލީގައި ހުންނަ ކުޑަކުދިންގެ ހިޔާގެ ކޮމްޕައުންޑް ތެރޭގައި ހުއްޓާ ކަމަށް އިބްރާހިމް ވިދާޅުވި އެވެ. އޭނާ ކުޑަކުދިންގެ ހިޔާގައި ބެހެއްޓުނީ ވަގުތީ ގޮތުން ކަމަށްވެސް އިބްރާހިމް ވިދާޅުވި އެވެ.

'ސަން' އަށް އެނގިފައިވާ ގޮތުގައި ޝައިމް އަބްދުﷲ އަކީ ކުޑަކުދިންގެ ހިޔާގައި ދިރިއިޅުނު ކުއްޖެކެވެ. އޭނާ ގެއްލިގެން ހޯދަނީ 18 ޖޫން 2019 ވަނަ ދުވަހުގެ 9:29 އިން ފެށިގެންނެވެ. އެނގިފައިވާ ގޮތުން ޖެންޑަ މިނިސްޓްރީއިން ވަނީ ފުލުހުންނަށް އެކަން އަންގާފަ އެވެ.

ގެއްލިގެން ހޯދާ ކުއްޖާއާ ބޭހޭ އެއްވެސް މައުލޫމާތެއް ލިބިވަޑައިގެންފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެމައުލޫމާތެއް ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ ޑިއުޓީ ނަންބަރު 3000600 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުން ފުލުހުން ވަނީ އެދިފައެވެ.

comment ކޮމެންޓް