ގެއްލިގެން ހޯދަމުން ދަނީ ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުއްޖެއް

ގެއްލިގެން ހޯދަމުންދާ ޝައިމް އަބްދުﷲ، 14

ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން އިއުލާނުކޮށްފައިވާ ދަފްތަރު ނަންބަރު 2997 ޝައިމް އަބްދުﷲ، 14 އަކީ ކުޑަކުދިންގެ ހިޔާގައި ދިރިއުޅެމުން ދިޔަ ކުއްޖެއްކަން 'ސަން' އަށް އެނގިއްޖެ އެވެ.

ޝައިމް ހޯދަން ފުލުހުން އިއުލާނު ކުރީ މީގެ ހަ ދުވަސް ކުރިންނެވެ. އަދިވެސް އޭނާ ނުފެންނަ ކަމަށް ފުލުހުން މިއަދުވެސް ވަނީ ބުނެފަ އެވެ.

'ސަން' އަށް އެނގިފައިވާ ގޮތުގައި ޝައިމް އަބްދުﷲ އަކީ ކުޑަކުދިންގެ ހިޔާގައި ދިރިއިޅުނު ކުއްޖެކެވެ. އޭނާ ގެއްލިގެން ހޯދަނީ 18 ޖޫން 2019 ވަނަ ދުވަހުގެ 9:29 އިން ފެށިގެންނެވެ. އެނގިފައިވާ ގޮތުން ޖެންޑަ މިނިސްޓްރީއިން ވަނީ ފުލުހުންނަށް އެކަން އަންގާފަ އެވެ.

ޖެންޑާ މިނިސްޓްރީގެ ޑިރެކްޓަރު އިބްރާހިމް މުހައްމަދު 'ސަން' އަށް ވިދާޅުވީ ގެއްލިގެން ހޯދަމުންދާ ޝައިމް އަބްދުﷲ އަކީ ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުއްޖެއް ނޫން ކަމަށެވެ. ތަކުރާރުކޮށް ސަންއިން ސުވާލު ކުރުމުންވެސް އިބްރާހިމް ވިދާޅުވީ ގެއްލިގެން ހޯދަމުން ދަނީ ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުއްޖެއް ނޫން ކަމަށެވެ.

ކަށަވަރު މައުލޫމާތެއް 'ސަން' އަށް ލިބިފައިވާ ކަމަށާއި އެހެންކަމުން ޗެކްކޮށްދިނުމަށް އެދުމުން އިބްރާހިމް ވިދާޅުވީ މައުލޫމާތު ކަށަވަރުވާ ގޮތެއް އެންގުމުން ޗެކްކޮށްލެވިދާނެ ކަމަށެވެ.

ގެއްލިގެން ހޯދާ ކުއްޖާއާ ބޭހޭ އެއްވެސް މައުލޫމާތެއް ލިބިވަޑައިގެންފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެމައުލޫމާތެއް ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ ޑިއުޓީ ނަންބަރު 3000600 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުން ފުލުހުން ވަނީ އެދިފައެވެ.

comment ކޮމެންޓް