ތިމާވެށީގެ ހިމާޔަތަށް އެދި ސުކޫލު ކުދިން މަޖިލީހަށް އިލްތިމާސެއް!

ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންގް ކޮމިޓީއަށް ސުކޫލު ކުދިން އިލްތިމާސެއް ހުށަހެޅުން --- ފޮޓޯ/ މަޖިލިސް

ތިމާވެށި ހިމާޔަތް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ބޭނުންވާ ކަމަށް ބުނެ ބައެއް ކަންކަން ކޮށްދިނުމަށް އެދި މާލޭ ސުކޫލުތަކުގެ ކުދިން މަޖިލީހަށް އިލްތިމާސެއް ހުށަހަޅައިފި އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންގް ކޮމިޓީއަށް ހާޒިރުވެ އެ ކޮމިޓީގެ ބައްދަލުވުމަށް ސުކޫލު ކުދިން ހުށަހެޅުއްވި ހުށަހެޅުއްވުމުގައި އެކުދިން ބޭނުންވާ ގިނަ ކަންތައްތަކެއް ފާހަގަ ކުރި އެވެ.

"2020 ވަނަ އަހަރު އަންނަން ވާއިރަށް އަޅުގަނޑުމެން ބޭނުން ވަނީ 150 އަދި 500 މިލި ލިޓަރުގެ ފެންފުޅި އުފެއްދުން މަދު ކުރުމަށާއި މަނާކުރަން. އަދި ހަމަ މިއާއެކު ސުޕާރީ ޕެކެޓާއި ޕްލާސްޓިކް ހޮޅި ފަދަ ތަކެތި މަނާ ކުރުމުގެ އިތުރުން ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ބޭނުން ކުރެވޭނެ އެއްޗެއް ހޯދައި ސަބްސިޑައިޒް ކުރުން." މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭޖް ކޮމިޓީއަށް ސުކޫލު ކުރިން ހުށަހެޅި ހުށަހެޅުމުގައި ބުނެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންގް ކޮމިޓީއަށް ސުކޫލު ކުދިން އިލްތިމާސެއް ހުށަހެޅުން --- ފޮޓޯ/ މަޖިލިސް

2020 ވަނަ އަހަރު އަންނަން ވާއިރަށް ރާއްޖެއަށް ޕްލާސްޓިކް ކޮތަޅު އެތެރެކުރުން މަނާ ކޮށްދިނުމަށްވެސް އެކުދިން އެދުނެވެ. އަދި ބަންދުކޮށްފައިވާ މުދާ ރާއްޖެއަށް އެތެރެކުރާއިރު ޕްލާސްޓިކުން ބަންދު ނުކޮށް އެތެރެކުރެވޭނެ ގޮތަކަށް ވިސްނުމަށްވެސް އެދުނެވެ.

ސުކޫލު ކުދިން އެދުނީ 2025 ވަނަ އަހަރު އަންނަންވާއިރަށް ހުރިހާ ބާވަތެއްގެ ޕްލާސްޓިކް ފުޅި މަދު ކުރުމަށާއި މަނާކޮށްދިނުމަށެވެ.

"ބޭނުންކުރެވޭ ހުރިާ ޕްލާސްޓިކް ޒިންމާދާރު ގޮތެއްގައި އެއްކޮށް ފައިދާހުރި ގޮތެއްގައި ބޭނުން ކުރުމަށް އެދެން." ސުކޫލު ކުދިންގެ ހުށަހެޅުމުގައި ބުނެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެކުދިންގެ ހުށަހެޅުން މަޖިލީހުގެ ޖަލްސާއަށް ހުށަހަޅުއްވައި ދެއްވާނެ ކަމަށެވެ. އަބަދުވެސް ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރައްވައި ތިމާވެއްޓާ ގުޅުން ހުރި ވާހަކަ ފުޅު ދައްކަވާ ރައީސް ނަޝީދު މިއަދުވެސް ވަނީ ތިމާވެށި ހިމާޔަތް ކުރުމަށް ކުރެވިދާނެ ގިނަ ކަންތައްތަކެއްގެ ވާހަކަ ދައްކަވާފަ އެވެ.

ތަރައްގީ ގެންނަ އިރުވެސް ރާއްޖޭގެ ވެއްޓަށް ގެއްލުން ނުވާނެހެން ތަރައްގީ ގެންނަން ޖެހޭކަން ރައީސް ނަޝީދު ފާހަގަކުރި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންގް ކޮމިޓީއަށް ސުކޫލު ކުދިން އިލްތިމާސެއް ހުށަހެޅުން --- ފޮޓޯ/ މަޖިލިސް

"މީސްތަކުންނަށް ކަންކަން އޮޅުންފިލުގައި ދީގެން އޭނާ އަމިއްލަޔަށް އެކަން ކުރުން [ޕްލާސްޓިކް ބޭނުންކުރުން] ހުއްޓާލުން. ޓެކްސްއެއް ނެތަސްވެސް އެކަން ކުރުން ހުއްޓާލުން. އެކަމު މި އެނގޭ އެއްޗަކީ ހުރިހާ އިންސާނުން އެގޮތަށް އެކަމެއް ނުކުރާނެކަން. އެއީކީއެއް މިއިން ޒަމާނަކު އަޅުގަނޑުމެންނަށް ދެވެން އޮތް ތަނެއް ނޫން." ރައީސް ނަޝީދު ވިދާޅުވި އެވެ.

އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންގް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވީ ރާއްޖޭގެ ވެށި ހިމާޔަތް ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދެއްވާނެ ކަަމަށެވެ. އަދި ކުދިން ހުށަހެޅުއްވި ކަންބޮޑުވުންތަކަށް ހައްލު ގެނައުމަށް މަސައްކަތް ކުރާނެ ކަމަށް ވައްޑޭ ވިދާޅުވި އެވެ.

ސުކޫލު ކުދިން ހުށަހެޅި އިލްތިމާސް މަޖިލީހުގެ ފްލޯއަށް ހުށަހަޅަން މިއަދު ކޮމިޓީން ވަނީ ނިންމާފަ އެވެ.

comment ކޮމެންޓް