ސައުދީ އެއާލައިންސް ގެ މަތިންދާބޯޓުތަކުގެ ރޫޓު ބަދަލުކޮށްފި

ރިޔާޒް : (ޖޫން 23) : އޮމާން ކަނޑުއޮޅިއާއި ގަލްފުގެ ހުރްމުޒް ކަނޑުއޮޅި މަތިން ދަތުރު ނުކުރާގޮތަށް ސައޫދީ ގައުމީ އެއާލައިން ގެ ވައިގެ ދަތުރުތަކުގެ ރޫޓް ބަދަލުކޮށްފިއެވެ.

ސައޫދީ ސިވިލްއޭވިއޭޝަން އާ ހަވާލާދީ އަލްއަރަބިއްޔާ ޓީވީ ބުނިގޮތުގައި ސައޫދީ ގައުމީ އެއާލައިންސް އިން މިގޮތަށް ނިންމީ އެސަރައްދުގައި ދަތުރުކުރުން ރައްކާތެރި ނޫންކަމަށް ބެލެވިގެންނެވެ. އެމެރިކާއިން ގަލްފަށް ހަނގުރާމައިގެ ގުރާބުތަކާއި ސިފައިން ފޮނުވައިގެން އީރާނަށް ބިރު ދައްކައި އިންޒާރުތައްދީ ގަލްފުގައި ހަމަނުޖެހުން އުފެއްދުމުގެ ހަރަކާތްތަކެއް ހިންގަމުން ގެންދާ މިދަނޑިވަޅުގައި އީރާނުންވަނީ އެގައުމުގެ ވައިގެ ސަރަހައްދަށް ވަން އެމެރިކާ ގެ ޑްރޯން މަތިންދާ ބޯޓެއް މިދިޔަ ހަފްތާގައި ވައްޓާލާފައެވެ. އަދި އީރާނުގެ ވައިގެ ސަރަހައްދުގެ ހުރުމަތް ކަނޑާލައި އީރާނުގެ ސިފައިންގެ ފުރާނައަށް ނުރައްކާވާފަދަ ހަރުކަށި އަމަލުތައް އެމެރިކާ ހިންގާނަމަ އަމިއްލަ ނަފްސުގެ ދިފާއުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރުވެސް އީރާނުންވަނީ އެމެރިކާއަށް ދީފައެވެ.

އިރާނުން އެމެރިކާގެ ޖާސޫސީ ބޯޓު ވައްޓާލި ޙާދިސާއަށް ބަދަލުހިފުމުގެ ގޮތުން އީރާނަށް ވައިގެ ހަމަލާތަކެއް ދޭން ނިންމުމަށްފަހު އެމެރިކާ ގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެންމެ ފަހުވަގުތުވަނީ އެނިންމުން ބަދަލުކުރައްވައި އީރާނަށް ހަމަލާ ނުދިނުމަށް ނިންމަވާފައެވެ. ނަމަވެސް އޮމާން ކަނޑުއޮޅިއާއި ގަލްފުގެ ހުރްމުޒް ކަނޑުއޮޅިގައި އެމެރިކާ އާއި އީރާނުގެ ޑްރޯންތައް ދަތުރުކުރަމުން ގެންދާތީއާއި އީރާނުގެ ވައިގެ ސަރަހައްދަށް ވަންނަ އެމެރިކާގެ ބޯޓުތައް ވައްޓާލާނެ ކަމުގެ އިންޒާރު އީރާނުން ދެމުން ގެންދާތީ މަސްރަހު އަދިވެސް އޮތީ ވަރަށް ހޫނުކޮށެވެ.

އީރާނުންވަނީ އެގައުމުގެ ވައިގެ ސަރަހައްދަށް އެމެރިކާގެ އިތުރު ބޯޓެއް ވަންނަމަވެސް ވައްޓާލާނެކަމުގެ އިންޒާރު ދީފައެވެ. އެމެރިކާއާއި އީރާނުގެ ކުރިމަތިލުންތަކާ ގުޅިގެންއޮމާން ކަނޑުއޮޅިއާއި ގަލްފުގެ ހުރްމުޒް ކަނޑުއޮޅި މަތިން ދަތުރު ނުކުޜާގޮތަށް ސައޫދީ ގައުމީ އެއާލައިން ގެ ވައިގެ ދަތުރުތަކުގެ ރޫޓް ބަދަލުކުރިއިރު އެމެރިކާވެސްވަނީ އެދެ ސަރަހައްދުގެ މަތިން ދަތުރު ނުކުރާގޮތަށް އެމެރިކާގެ ފަސިންޖަރު މަތިންދާ ބޯޓުތަކުގެ ރޫޓް ބަދަލުކޮށްފައެވެ.

ސައޫދީ އަކީ އެމެރިކާއިން އީރާނާ ދެކޮޅަށް ހިންގަމުން ގެންދާ ހަރުކަށި އަމަލުތަކުގައި އެމެރިކާއަށް ތާއީދުކުރާ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. (ރޮއިޓާސް)

ގުޅޭ ޓެގު
comment ކޮމެންޓް