އެމެރިކާގެ ސުލްހައިގެ ޕްލޭނުގެ އިގުތިސާދީ ބަޔަށް ފަލަސްތީނުގެ ތާއިދެއް ނެތް

އެެމެރިކާގެ ރައީސްގެ ދަނބިދަރިކަލުން އަދި މުޝީރު ޖެރަޑް ކުޝްނާ -- ފޮޓޯ: ރޮއިޓާސް

ގުދުސް (ޖޫން 23): އެމެރިކާއިން މެދުއިރުމައްޗަށް ސުލްހަ ގެނައުމަށް ހަދާފައި ރޭވުމުގެ އިގުތިސާދީ ބަޔަށް ތާއިދު ކުރަން ފަލަސްތީނުން ދެކޮޅު ހަދައިފި އެވެ.

މިހަފްތާ ތެރޭގައި ބަހްރެއިންގައި ކުރިއަށްގެންދާ ވޯކްޝޮޕެއްގައި އާއްމު ކުރަން ހަމަޖެހިފައިވާ އެޕްލޭނުގެ އިގުތިސާދީ ބައިތައް ހާމަކޮށްފައި ވަނީ ވައިޓް ހައުސްގެ ވެބްސައިޓު މެދުވެރިކޮށެވެ. އެވޯކްޝޮޕުގައި ބައިވެރި ނުވާނެ ކަމަށް ފަލަސްތީނުން ވަނީ ކުރިން ބުނެފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރަޑް ކުޝްނާ އިސްކޮށް ހުންނަވައިގެން ހަދާފައިވާ އެސުލްހައިގެ ރޭވުމުގައި ވަނީ ފަލަސްތީނާއި އަވަށްޓެރި އަރަބި ގައުމުތަކަށް އެހީވުމަށް 50 ބިލިއަން ޑޮލަރުގެ ގްލޯބަލް އިންވެސްޓްމެންޓް ފަންޑެއް ހެދުމަށް ލަފާ ދީފަ އެވެ.

ނަމަވެސް އިއްޔެ ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވަނީ އެމެރިކާއިން ސުލްހައަށް ކަމަށް ބުނެ ކުރާ މަސައްކަތާއި އެގައުމުގެ އިގުތިސާދީ ޕްލޭނާ ދެކޮޅު ހައްދަވާފަ އެވެ.

"ސިޔާސީ ހާލަތަށް ވުރެ އަވަހަށް އިގުތިސާދީ ހާލަތާ ބެހޭ މަޝްވަރާ ކުރާކަށް ނުޖެހޭ. [މި މައްސަލައަށް] ސިޔާސީ ހައްލެއް ނުގެންނަ ނަމަ އަޅުގަނޑުމެން އިގުތިސާދީ ހައްލަކާ ބެހޭ ގޮތުން މަޝްވަރާ ނުކުރާނަން،" އައްބާސް ވިދާޅުވި އެވެ.

ނަމަވެސް ކުޝްނާ ވިދާޅުވި ގޮތުގައި އިގުތިސާދީ ހައްލު ފުރަތަމަ ހުށަހެޅީ އެއީ ހިޔާލު ތަފާތުވުން ކުޑަވާނީ ސިޔާސީ ހައްލަށް ވުރެ އިގުތިސާދީ ހައްލާ ބެހޭ ގޮތުން ކަމަށް ވާތީ އެވެ.

"އެޕްލޭން މީހުން ރަނގަޅަށް ބަލައި، ފާޑު ކިޔުމަށް ފުރުސަތު ދިނީ. އަދި ސުލްހައިގެ އެއްބަސްވުމަކަށް އާދެވިއްޖެ ނަމަ [ޕްލޭން] އޮންނާނެ ގޮތަކާ ބެހޭ ގޮތުން އެންމެންނަށް އެއްބަސްވުމަކަށް އާދެވޭތޯ ބަލަމާ ހިނގާ،" ކުޝްނާ ވިދާޅުވި އެވެ.

އެމެރިކާގެ އިގުތިސާދީ ޕްލޭނުގައި ހިމަނާފައިވާ ކަންތައްތަކުގެ ތެރޭގައި 179 އިންފްރާސްޓްރަކްޗާ އަދި ވިޔަފާރި ޕްރޮޖެކްޓުތަކާއި ފަލަސްތީނުގެ ފަތުރުވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމަށް ބިލިއަން ޑޮލަރު އިންވެސްޓު ކުރުމާއި ހުޅަނގު އައްސޭރި އާއި ޣައްޒާ ގުޅުވާލުމަށް ފަސް ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ހިމެނެ އެވެ.

އެޕްލޭނުގައިވާ ގޮތުން އިންވެސްޓުމެންޓު ފަންޑުގެ 50 ބިލިއަން ޑޮލަރުގެ ތެރެއިން ދެބައިކުޅަ އެއްބައި ހަރަދު ކުރާނީ ކުރިއަށް އޮތް 10 އަހަރު ތެރޭ ފަލަސްތީނުގެ ތަރައްގީއަށެވެ. އަދި ބާކީ ހަރަދު ކުރާނީ މިސްރު، ލުބުނާން އަދި އުރުދުންއަށެވެ.

ކުޝްނާ ވިދާޅުވި ގޮތުގައި އެ ޕްލޭނުގެ ދަށުން ކުރިއަށް އޮތް 10 އަހަރު ތެރޭ ހުޅަނގު އައްސޭރި އާއި ގާޒާގައި އެއް މިލިއަން ވަޒީފާ އުފެއްދޭނެ އެވެ. އަދި ވަޒީފާ ނެތް މީހުންގެ އަދަދާއި ފަގީރުންގެ އަދަދުވެސް ކުޑަ ކުރެވޭނެ އެވެ.

ނަމަވެސް އެޕްލޭނުގައި އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިފާ މައްސަލަ އާއި ފަލަސްތީނުގެ ރެފިއުޖީންނަށް އެނބުރި ގައުމަށް ދެވޭނެ ގޮތާ ބެހޭ ގޮތުންނާއި ފަލަސްތީނުގެ ބޯޑަރުގެ ސިޔާދަތާ ބެހޭ މައްސަލަ ފާހަގަކޮށްފައި ނުވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް