އޮޑެގައްލާގެ އެއްބަސްވުން ބާތިލުކުރަނީ

ގއ. އޮޑެގައްލާ: އެ ރަށް ދޫކުރަން ހެދި އެއްބަސްވުން ބާތިލު ކުރަން ވަނީ ނިންމާފައި --

ރިސޯޓު ތަރައްގީ ކުރަން ގއ. އޮޑެގައްލާ ދޫކުރި ލީސް އެއްބަސްވުން ބާތިލުކުރުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީއިން ފަށައިފިއެވެ.

އޮޑެގައްލާގައި ރިސޯޓު ތަރައްގީ ކުރަން ދޫކުރީ، ހޮޓަލްސް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަން (އެޗްއާރުސީ)ގެ ވެރިޔާ އަދި މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހުއަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އޭނާއަށް އެ ރަށް ދޫކުރީ ޓޫރިޒަމް ގާނޫނަށް ގެނައި އަށްވަނަ އިސްލާހުގައިވާ ގޮތަށް ކްލޯސް ބިޑް އުސޫލުންނެވެ. އެ ރަށުގެ އިކުއިޒިޝަން ކޮސްޓެއްގެ ގޮތުގައި އޭނާ ދައްކާފައި ވަނީ 96،000 ޑޮލަރެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، މިއަދުން ފެށިގެން އޮޑެގައްލާގައި އެއްވެސް މަސައްކަތެއް ނުކުރުމަށް އެ ރަށް ދޫކޮށްފައިވާ މުހައްމަދު އަލީ ޖަނާހަށް އަންގާފައިވާ ކަމަށެވެ.

އަދި އޮޑެގައްލާ ދޫކުރަން ހެދި އެއްބަސްވުުން ބާތިލުކުރަން ނިންމާފައިވާ އިރު ދެން ކުރިއަށްދާނެ ގޮތާ މެދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ލަފާފުޅަކަށް މިހާރު އެދިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެއްބަސްވުން ބާތިލުކުރުމުގެ ބަދަލު ޖަނާހަށް ދޭނެ ގޮތެއް އަދި ސަރުކާރުން ނިންމާފައި ނުވެއެވެ.

އޮޑެގައްލާ ފަދަ ނާޒުކު ވެއްޓެއް ހަލާކު ނުކުރުމަށާއި މަޝްރޫއު ނުހިންގުމަށް ގިނަ ބަޔަކު ވަނީ ގޮވާލާފައެވެ.

އަލީ ވަހީދު ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައީ ވަކި ގޮތަކަށް ރާއްޖޭގެ ކަންކަން ގެންދިޔުމަށް ވައުދުވެގެން ކަމަށެވެ. ރައްޔިތުން އިތުބާރު ދެމެހެއްޓުން މުހިންމު އިރު، އިންވެސްޓަރުންގެ އިތުބާރުވެސް ދަމަހައްޓަން މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައްޔިތުންގެ އަޑު އަހައިގެން ސަރުކާރު ގެންދިޔުމަކީ މި ސަރުކާރުގެ އަމާޒެއް. ހަމަ އެއާއެކު ދިވެހިރާއްޖޭގައި އިންވެސްޓުކުރާ ފަރާތްތަކުގެ ކޮންފިޑެންސް ނުގެއްލޭނެހެން ކަންކަން ތަރުތީބު ކުރުމަކީވެސް އަޅުގަނޑުމެންގެ ޒިންމާއެއް،" އަލީ ވަހީދު ވިދާޅުވިއެވެ.

ނާޒުކު ވެއްޓެއް އޮންނަ އޮޑަގައްލާގައި ރިސޯޓު ތަރައްގީކުރުމުން ލިބޭނެ ގެއްލުން ފާހަގަކޮށް، ރިސޯޓު މަޝްރޫއަށް ހެދި އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓުގައި ވެސް ލަފާ ދީފައި ވަނީ މަޝްރޫއު އެރަށުގައި ކުރިއަށް ނުގެންދިޔުމަށެވެ.

މިއަދު އީޕީއޭއިން ވެސް ވަނީ އެ ރަށުގައި މަޝްރޫއު ކުރިއަށް ގެންދިޔުމުގެ ހުއްދަ ނުދޭން ނިންމައިފައެވެ.

އީޕީއޭއިން އެގޮތަށް ނިންމި ސަބަބަކީ، އޮޑެގައްލާއަކީ ގިނަ އަދަދަކަށް ދޫނި ނިދަން އަރާ އަދި ބިސްއަޅާ ރަށެއް ކަމާއި، އެ ރަށަށް ވެލާ އަރާ ކަމާއި، އަދި އެ ރަށުގެ ފަރުގެ މުއްސަނދިކަމަށް ގެއްލުންވެދާނެތީ އެވެ. އެ ރަށުގައި ރިސޯޓެއް ތަރައްގީކޮށްފި ނަމަ، އެ ރަށުގެ ހާއްސަ ސިފަ ކަމަށްވާ ދޫނީގެ މާހައުލު ގެއްލި، އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިގެންދާނެކަންވެސް ވަނީ ފާހަގަކޮށްފައެވެ. މަޝްރޫއު ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމި މައިގަނޑު ސަބަބަކީވެސް އެއީއެވެ.

އީޕީއޭގެ ނިންމުމުގައި ވަނީ އޮޑެގައްލާގެ ސަރަހައްދަކީ އައްޑު އަތޮޅާއި ހުވަދު އަތޮޅުގެ މަސްވެރިން އެންވެރިކަމަށް ބޭނުންކުރާ ސަރަހައްދެއް ކަން ފާހަގަކޮށްފައިވެ އެވެ. އަދި އެއީ މީހުން ދަތުރު ދިޔުމަށް ބޭނުން ކުރާ ރަށެއް ކަމަށާއި، މަސްވެރިކަމަށް އެ ރަށުގެ ސަރަހައްދު ބޭނުންކުރާކަން ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން، ރިސޯޓު ތަރައްގީކޮށްފި ނަމަ، އިޖުތިމާއީ އަދި އިގްތިސާދީ ގެއްލުން ލިބޭނެ ކަމަށް ނިންމުމުގައިވެއެވެ.

comment ކޮމެންޓް