ފަސްކުރި އެމްޓީސީސީގެ އޭޖީއެމް ޖުލައި އަށެއްގައި

އެމްޓީސީސީ ޓަވަރު -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.

އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ މީގެ ކުރިން ބާއްވަން ނިންމީ މިމަހުގެ 10 ވަނަ ދުވަހު އެވެ. ނަމަވެސް ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވުމަށް ފޯމު ހުށަހެޅުމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހިނގުމުގެ ޝަކުވާ ލިބުމުން އޭޖީއެމް ފަސްކުރީ އެވެ.

އެމްޓީސީސީ އިން ވަނީ އޭޖީއެމްގައި ބައިވެރިވުމަށް ރެޖިސްޓްރީ ވުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައެވެ. ހޮޓެލް ޖެންގެ ބޯލް ރޫމްގައި ބޭއްވުމަށް ނިންމާފައިވާ އޭޖީއެމްގައި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ޑިރެކްޓަރުން އައްޔަން ކުރާނެ އެވެ.

ޓެކުހަށް ކެނޑުމަށްފަހު އެމްޓީސީސީގެ ސާފު ފައިދާއަށް މިދިޔަ އަހަރު ލިބިފައިވަނީ 34.27 މިލިއަން ރުފިޔާ އެވެ. ދެހާސްސަތާރަ ވަނަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 145 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެހެން ކަމުން، މިދިޔަ އަހަރުގެ ސާފު ފައިދާ 2017 ވަނަ އަަހަރާ އަޅާ ބަލާއިރު 111 މިލިއަން ރުފިޔާ ދަށެވެ.

އެމްޓީސީސީ އިން މީގެ ކުރިން ބުނެފައި ވަނީ 2018 ވަނަ އަހަރު އެކުންފުންޏަށް ލިބުނު ފައިދާ ދަށްވެފައިވާތީ އާއި، މިއަހަރު އެކުންފުނީގެ މާލީހާލަތަށް ރިއާޔަތްކޮށް، 2018 ވަނަ އަހަރުގެ ހިއްސާގެ ފައިދާ ނުބެހުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ. އަދި އެކަން އެގޮތަށް ފާސްކުރުމަށް ކުންފުނީގެ އަހަރީ އާންމު ޖަލްސާ އަށް ހުށަހަޅާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

ދިވެހި ސަރުކާރާއި ރައްޔިތުން އަދި އެމްއެންއެސްއެލް ހިއްސާވާ އެމްޓީސީސީގެ ހިއްސާގެ ފައިދާ އަށް 2017 ވަނަ އަހަރު ވަނީ ހިއްސާ އަކަށް 2.6 ރުފިޔާ ބަހައިފައެވެ.

އެމްޓީސީސީ އަކީ ރާއްޖެގެ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށް މުއާމަލާތް ކުރާ އެންމެ ދުވަސްވީ އެއް ކުންފުންޏެވެ.

comment ކޮމެންޓް