ޒަކިއްޓެ އާއި ރަންވީރު ގަދަ ހިފުމަކަށް!

ގޮށްރާޅު ޕޯސްޓަރެއް--- ފޮޓޯ/ޑާކްރެއިން

ނުވަ ވަނަ ސާކް ފިލްމު ފެސްޓިވަލުގައި ދިވެހި ފިލްމު "ގޮށްރާޅު" ރާއްޖެ ތަމްސީލުކުރާއިރު އެ ފިލްމު ވާދަކުރަންޖެހޭނީ ބޮލީވުޑްގެ ކާމިޔާބު ޕްރޮޑިއުސަރު/ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ތައްޔާރުކުރި ވަރުގަދަ "ޕަދްމާވަތް" އާއެވެ.

އެންމެ މޮޅު ފިލްމު ކެޓަގަރީއަށް "ގޮށްރާޅު" ވާދަކުރާއިރު ފިލްމުގެ ތަރިންވެސް އެކި ކެޓަގަރީތަކަށް ވާދަކުރެ އެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ފިލްމުގެ ތަރި ހަސަން އިރުފާން (ޒަކިއްޓެ)އެވެ.

"ޕަދްމާވަތް"ގެ ވިލަން ބޮލީވުޑްގެ ކާމިޔާބު ބަތަލު ރަންވީރު ސިންހް އާ ޒަކިއްޓެ އާ ވާދަކުރަން މިވަނީ ޖެހިފައެވެ. ޒަކިއްޓެ އާއި ރަންވީރުގެ ގަދަ ހިފުމެކެވެ.

ޑާކްރެއިން އެންޓަޓެއިންމަންޓް އިން ބުނީ "ޕަދްމާވަތް" ކަހަލަ މޮޅު ފިލްމަކާ "ގޮށްރާޅު" ވާދަކޮށްލުމީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

އެ ފިލްމުގެ ތަރިންނަކީ ޖުމައްޔިލް ނިމާލް، ހަސަން އިރުފާން (ޒަކިއްޓެ)، އަލަށް ތައާރަފްވާ ދެ ތަރިން ކަމަށްވާ ތަސްނީމާ، ރަޝްފާ، އަޒާން އެވެ. އޭގެ އިތުރުން ފިލްމުގައި ދެން ހަރަކާތްތެރިވާނެ ބައެއް ތަރިންނަކީ ޖުމައިހު، ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ.

މޫމިން ފުއާދުގެ ވާހަކައަކަށް އެ ފިލްމު ޕްރޮޑިއުސްކޮށްފައި ވަނީ މުހައްމަދު އަލީ (މޮގާ)އެވެ.

އެނގިފައިވާ ގޮތުގައި "ގޮށްރާޅު" ރާއްޖެ ތަމްސީލްކުރަން ލަންކާ އަށް ދަނީ ޓީމުގެ އަމިއްލަ ހަރަދުގަ އެވެ. އެއީ އެކަށީގެންވާ ބަޖެޓެއް ނުލިބިގެން އެވެ.

comment ކޮމެންޓް