އިތިއޯޕިއާގެ އަމްހާރާއަށް ގެންނަން އުޅުނު ބަޣާވާތެއް ނާކާމިޔާބުކޮށްފި

އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދު ވިދާޅުވި ގޮތުގައި އިއްޔެ ގެންނަން އުޅުނު ބަޣާވާތުގައި ގައުމުގެ އަސްކަރިއްޔާގެ ވެރިޔާ ވަނީ އަވަހާރަވެފަ -- ފޮޓޯ: ރޮއިޓާސް

އަދިސްއަބަބާ (ޖޫން 23): އިތިއޯޕިއާގެ އަމްހާރާ ސްޓޭޓަށް ގެންނަން އުޅުނު ބަޣާވާތެއް ނާކާމިޔާބުކޮށްލައިފި ކަމަށް އެގައުމުގެ ސަރުކާރުން ބުނެފި އެވެ.

އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދު ވިދާޅުވި ގޮތުގައި އިއްޔެ އެގައުމުގެ އަމްހާރާއަށް ގެންނަން އުޅުނު ބަޣާވާތުގައި އަސްކަރިއްޔާގެ ވެރިޔާ ސިއާ މެކެނަން ވަނީ އަވަހާރަކޮށްފަ އެވެ. އަދި އޭނާ އަވަހާރަކޮށްލީ އޭނާގެ ބޮޑީގާޑު ކަމަށް ބޮޑުވަޒީރުގެ ތަރުޖަމާނު ވިދާޅުވި އެވެ.

އެބަޣާވާތުގައި އިސްކޮށް އުޅުނީ އަމްހާރާގެ ސެކިއުރިޓީ ޗީފް އަސަމިނޯ ސިގޭ ކަމަށްވެސް ތަރުޖަމާނު ވިދާޅުވި އެވެ. އަދި ހަމަލާތަކުގައި ސްޓޭޓޫގެ ގަވަރުނަރު އަމްބަޗޯ މެކެނަން އާއި އޭނާގެ މުޝީރުވެސް އަވަހާރަކޮށްލާފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ނަމަވެސް އެބަޣާވާތުގައި ބައިވެރިވި ގިނަ މީހުން މިއަދު ހައްޔަރުކޮށްފައިވާ ކަމަށް އަމްހާރާގެ ސްޕެޝަލް ފޯސެސްގެ ވެރިޔާ، ބްރިގޭޑިއާ ޖެނެރަލް ތެފެރާ މަމޯ ވިދާޅުވި އެވެ. އަދި އޭގެ ތެރޭގައި ސިގޭ ހިމެނޭ ކަމަށް އޭނާ ވިދާޅުނުވެ އެވެ.

އިތިއޯޕިއާގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ސަރަހައްދު ކަމަށްވާ އަމްހާރާގައި ނަސްލީ ހަމަނުޖެހުންތައް އުފެދި، މިދިޔަ މަހުވެސް ގިނަ އަދަދެއްގެ މީހުން މަރުވެފައިވެ އެވެ. އަދި ގައުމުގެ އަސްކަރިއްޔާގެ އެތެރޭގައިވެސް ވަނީ ދެބަސްވުންތައް އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އޮކްޓޯބަރު މަހު ސިފައިންގެ ބަޔަކު ވަނީ ބޮޑުވަޒީރުގެ އޮފީހަށް ވަދެ، މުސާރަ އިތުރު ކުރުމަށް ގޮވާލާފަ އެވެ. ނަމަވެސް އަބީ ވިދާޅުވި ގޮތުގައި އެގުރޫޕުގެ ލީޑަރުން ބޭނުންވީ އޭނާ އަވަހާރަކޮށްލާށެވެ. އަދި އެމައްސަލައިގައި ގިނަ އަދަދެއްގެ ސިފައިން ޖަލަށް ލާން ހުކުމްކޮށްފައިވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް