އެމްޓީސީސީގެ ދަރަނި 600 މިލިއަންގައި، ލިބެންޖެހޭ 300 މިލިއަން

އެމްޓީސީސީގެ ސީއީއޯ ޝާހު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ

ސަރުކާރާ ރައްޔިތުން ހިއްސާވާ ކުންފުނި އެމްޓީސީސީގެ ދަރަނި 600 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެމްޓިސީސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގައި ވާހަކަ ދައްކަވަމުން ކުންފުނީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ މިދިޔަ އަހަރު ނިމުނުއިރު އެމްޓީސީސީގެ އަތުގައި ރަނގަޅު ޕްރޮޖެކްޓެއް ނެތް ކަމަށާއި އެކަމުގެ އަސަރު ކުންފުނީގެ ފައިނޭންޝަލް ސްޓޭޓުމެންޓުތަކުން ފެންނަ ކަމަށެވެ.

"2018 ވަނަ އަހަރު ނިމުނު އިރު ކުންފުންނީގައި ނެތް ރަނގަޅު ޕްރޮޖެކްޓެއް ކެރީ ފޯވާޑުވެފައި. ހުރި ޕްރޮޖެކްޓުތައްވެސް ހުރީ އައިޑަލް [ހުއްޓިފައި] ކޮށް." ޝާހު ވިދާޅުވީ އެ ޕްރޮޖެކްޓުތަކުގެ އެގްރިމެންޓުތަކަށް ބަދަލު ގެނެސް މިހާރު މަސައްކަތް ފަށާފައިވާނެ ކަމަށެވެ.

އެމްޓީސީސީ އިން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓުތަކުން ކުންފުންޏަށް ލިބެންޖެހޭ 300 މިލިއަން ރުފިޔާ ވެއްޖެ ކަމަށްވެސް ޝާހު ވިދާޅުވިއެވެ.

އެމްޓީސީސީގެ ފައިދާ ދަށްވެ، މިދިޔަ އަހަރުގެ ފައިދާ އިން ކުންފުނީގެ ހިއްސާ ދާރުންނަށް ހިއްސާ ނުބެހުމަށްވެސް ބޯޑުން ވަނީ ނިންމައިފައެވެ. ނަމަވެސް މިއަހަރުގެ ނިޔަލަށް ކުންފުނީގެ ފައިދާ އިތުރުވާނެ ކަމަށް ޝާހު ވިދާޅުވިއެވެ.

"ކޭޝްފްލޯ ހުރިގޮތުން ޑިރެކްޓަރުންގެ ބޯޑުން ނިންމީ މިއަހަރުގެ ޑިވެޑެންޑު ނުބަހަން. ގަބޫލު ކުރެވޭގޮތުގައި ދެން ހުރި ކުއާޓަރުގައި ފައިދާވާނެ. 24 ޕްރޮޖެކްޓެއްގެ މަސައްކަތް ކުރަމުން މިދަނީ. ކުންފުނީގެ ހާލތާ ގުޅޭގޮތުން ރައީސް އޮފީހާ ކަމާ ގުޅޭ މިނިސްޓްރީތަކާވެސް މަޝްވަރާ ކޮށްފިިން،" ޝާހު ވިދާޅުވީ މި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން ސަރުކާރުން ލިބޭ ޕްރޮޖެކްޓުތަކުގެ އަދަދު އިތުރުވެފައިވާ ކަމަށެވެ.

އެމްޓީސީސީ އިން ކުރިއަށްގެންދާ 24 ޕްރޮޖެކްޓެއްގެ ތެރެއިން 13 ޕްރޮޖެކްޓެއް މިހާރު ވަނީ ނިމިފައެވެ. މިއަހަރު ނިމޭއިރު ކުންފުނީގެ ފައިދާ އިތުރުވާނެ ކަމަށް ސީއީއޯ ވިދާޅުވިއެވެ.

އެމްޓީސީސީ އިންދޭ ދަތުރުފަތުރުގެ ހިދުމަތުން ކުންފުންޏަށް ގެއްލުން ލިބޭ ވާހަކަ އަކި އަބަދުވެސް ދައްކާ ވާހަކައެކެވެ. ޝާހު ވިދާޅުވީ އެ ކުންފުނިންދޭ ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތަށް ސަރުކާރުން ޑައިރެކްޓް ސަބްސިޑީއެއް ދޭނެ ކަމުގެ އިޝާރާތެއް މިހާރު ލިބފައިވާ ކަމަށެވެ.

comment ކޮމެންޓް