މާވާރުލު ރަންވޭގެ މަސައްކަތް އެއް މަސް ތެރޭ ނިމޭނެ

އެމްޓީސީސީ އިން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުން -- ސަން ފޮޓޯ: ފަޔާޒު މޫސާ

ގދ މާވާރުލުގައި ހަދާ އެއާޕޯޓުގެ މަސައްކަތުގެ ތެރެއިން އެއާޕޯޓުގެ ރަންވޭގެ މަސައްކަތް ކުރިއަށް އޮތް މަސް ދުވަސް ތެރޭ ނިންމާލެވޭނެ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓީސީސީގެ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރީންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ކޮންސްޓްރަކްޝަން ޕްރޮޖެކްޓް ޑިޕާޓްމެންޓުގެ އެޗްއޯޑީ އަހުމަދު ލަތީފް ވިދާޅުވީ މާވާރުލު އެއާޕޯޓު ރަންވޭގެ މަސައްކަތް ކުރިއަށް އޮތް އެއް މަސްތެރޭ ނިންމައި، ސިވިލް އޭވިއޭޝަނާ ހަވާލު ކުރާނެ ކަމަށެވެ.

މާވާރުލު އެއާޕޯޓު -- ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީ އިން ކުރިއަށްގެންދާ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ހއ ހޯރަފުށީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތުގެ 60 ޕަސެންޓު ނިމިފައިވާ ކަމަށާއި، އެ ރަށުގެ ބިން ހިއްކާ ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ލަތީފް ވިދާޅުވިއެވެ.

"މިވަގުތު ކުރިއަށް މިދަނީ ބިން ހިއްކުމުގެ މަސައްކަތް. ޝޯ ޕްރޮޓެކްޝަންގެ މަސައްކަތްވެސް މި މަސް ތެރޭ ފެށޭނެ. ބިން ހިއްކުމުގެ 60 ޕަސެންޓް މިހާރު އޮތީ ނިމިފައި. ވަރަށް ބޮޑަށް ޓާގެޓް އެބަކުރަން މިއަހަރު ތެރޭ އެއާޕޯޓުގެ މަސައްކަތް ނިންމޭތޯ،"

މާވާރުލު އެއާޕޯޓު -- ފޮޓޯ: އެމްޓީސީސީ

ފަރެސްމާތޮޑާ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތްވެސް ކުރަނީ އެމްޓީސީސީ އިންނެވެ. އެ މަސައްކަތް އަންނަ މަހުގެ ތެރޭ ނިންމާލެވޭނެ ކަމަށް ލަތީފް ވިދާޅުވިއެވެ.

"އެއާޕޯޓުގެ މަސައްކަތް ސީދާ އެމްޓީސީސީ އަކާ ހަވާލެއް ނުކުރޭ .އެ މަސައްކަތް ކުރިއަށް ގެންދިޔުމުގެ ކެޕޭސިޓީ ވެސް އެބަހުރި،" ލަތީފް ވިދާޅުވިއެވެ.

ކުޅުދުއްފުށީ ބަނދަރުގެ މަސައްކަތް ކުރިއަށްދަނީ -- ފޮޓޯ: އެމްޓީސީސީ

މީގެ އިތުރުން އެ ކުންފުނިން ކުރިއަށްގެންދާ ކުޅުދުއްފުށީ ބަނދަރުގެ މަޝްރޫއުވެސް ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާކަމަށް ލަތީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކުޅުދުއްދުށީ ބަނދަރުގެ އަންނަ އަހަރުގެ މާޗުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކުޅުދުއްފުށީ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 126.98 މިލިއަން ރުފިޔާ އަށެވެ.

ކުޅުދުއްފުށީ ބަނދަރުގެ މަސައްކަތް ކުރިއަށްދަނީ -- ފޮޓޯ: އެމްޓީސީސީ

މި ޕްރޮޖެކްޓުގެ ދަށުން ކުޅުދުއްފުށީގައި މުދާ އުފުލުމަށާއި ދަތުރުވެރީންނަށް ހާއްސަ ބަނދަރަކާއި އާ ނެރެއް ހަދާނެއެވެ. އަދި ކުދި އުޅަނދުތަކަށް ހާއްސަ ޖެޓީތަކަކާއި މުދާ އުފުލާ ބޭލުމަށް ރޭމްޕެއް ހަދާނެއެވެ. މީގެ އިތުރުން ޓިކެޓު ކައުންޓަރުތަކާއި ރީޓެިއލް ފިހާރަ، ނަމާދު ކުރާ ތަނަކާއި ކޮންވީނިއަންޓް ސްޓޯއަކާ ކެފޭއެއް އަދި މަދާސް ރޫމް އެއް ހިމަނައިގެން ފެރީ ޓާމިނަލް އިމާރާތެއްވެސް ހަދާނެއެވެ.

މި ޕްރޮޖެކްޓުގެ ދަށުން މަސްކެނޑުމަށާއި މަސްވެރިން ބޭނުންކުރުމަށް ފެންވަރާ ހެދޭނެ ފާހާނާއެއްވެސް އިމާރާތްކުރާނެއެވެ. މީގެއިތުރުން ކުދި އުޅަނދުފަހަރު ބޭނުންކުރުމަށާއި މޫދު ކުޅިވަރު ކުޅުމަށް ހާއްސަ ވޯޓާ ފްރަންޓު ޒޯނެއްވެސް ހަދާނެއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 450 ދުވަހުން ނިންމާގޮތަށެވެ.

comment ކޮމެންޓް