އޮޑަގައްލާގައި ރިސޯޓް ނުހެދޭނެ ކަމަށް އީޕީއޭއިން ނިންމައިފި

ގއ. އޯޑަގައްލާ: އެ ރަށުގައި ރިސޯޓު ތަރައްގީ ނުކުރެވޭތީ ބަދަލު ދޭން ވަނީ ނިންމާފައި -- ފޮޓޯ/ އަހުމަދު ނަސީމް (އަހައްމީ)

ގުދުރަތީ ގޮތުން ނާޒުކު ވެއްޓެއް އޮތް، ގއ. އޮޑަގައްލާގައި ކުރިއަށް ގެންދަން އުޅުނު ރިސޯޓު މަޝްރޫއު ގަބޫލު ނުކުރަން އީޕީއޭއިން ނިންމައިފި އެވެ.

އޮޑަގައްލާގައި ރިސޯޓު ތަރައްގީ ކުރަން ދޫކުރީ، ހޮޓަލްސް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަން (އެޗްއާރުސީ)ގެ ވެރިޔާ އަދި މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު އަށެވެ. އެ ރަށް އޭނާއަށް ދޫކުރީ ރައީސް ޔާމީންގެ ސަރުކާރުގަ އެވެ.

ނާޒުކު ވެއްޓެއް އޮންނަ އޮޑަގައްލާގައި ރިސޯޓު ތަރައްގީ ކުރުމުން ލިބޭނެ ގެއްލުން ފާހަގަކޮށް، ރިސޯޓު މަޝްރޫއަށް ހެދި އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓްގައި ވެސް ލަފާ ދީފައި ވަނީ މަޝްރޫއު އެރަށުގައި ކުރިއަށް ނުގެންދިޔުމަށެވެ.

އީޕީއޭ އިން އެގޮތަށް ނިންމި ސަބަބަކީ، އޮޑަގައްލާއަކީ ގިނަ އަދަދަކަށް ދޫނި ނިދަން އަރާ އަދި ބިސްއަޅާ ރަށެއް ކަމާއި، އެ ރަށަށް ވެލާ އަރާ ކަމާއި، އަދި އެ ރަށުގެ ފަރުގެ މުއްސަނދިކަމަށް ގެއްލުންވެދާނެތީ އެވެ. އެ ރަށުގައި ރިސޯޓެއް ތަރައްގީކޮށްފި ނަމަ، އެ ރަށުގެ ހާއްސަ ސިފަ ކަމަށްވާ ދޫނީގެ މާހައުލު ގެއްލި، އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިގެންދާނެކަންވެސް ވަނީ ފާހަގަކޮށްފަ އެވެ. މަޝްރޫއު ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމި މައިގަނޑު ސަބަބަކީވެސް އެއީއެވެ.

އީޕީއޭގެ ނިންމުމުގައި ވަނީ އޮޑަގައްލާގެ ސަރަހައްދަކީ އައްޑު އަތޮޅާއި ހުވަދު އަތޮޅުގެ މަސްވެރިން އެންވެރިކަމަށް ބޭނުންކުރާ ސަރަހައްދެއް ކަން ފާހަގަކޮށްފައިވެ އެވެ. އަދި އެއީ މީހުން ދަތުރު ދިޔުމަށް ބޭނުން ކުރާ ރަށެއް ކަމަށާއި، މަސްވެރިކަމަށް އެ ރަށުގެ ސަރަހައްދު ބޭނުންކުރާކަން ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން، ރިސޯޓު ތަރައްގީކޮށްފި ނަމަ، އިޖުތިމާއީ އަދި އިގްތިސާދީ ގެއްލުން ލިބޭނެ ކަމަށް ނިންމުމުގައިވެ އެވެ.

ރިސޯޓު ތަރައްގީ ކުރުމުގެ މަޝްރޫއާ ގުޅޭގޮތުން، އޮޑަގައްލާ ކައިރީގައި އޮންނަ ރަށްތަކުގެ ސްޓޭކްހޯލްޑަރުންނާ މަޝްވަރާ ކުރިއެވެ. އޭގެ ތެރެއިން މަޝްރޫއު ކުރިއަށްގެންދަން ބޭނުންވީ މާމެންދޫ ކައުންސިލުން އެކަންޏެވެ.

އޮޑަގައްލާގައި ކުރިއަށްގެންދަން އުޅުނު މަޝްރޫއަށް ހެދި އީއައިއޭ ރިޕޯޓްގައިވާ ގޮތުން، ރިސޯޓް ތަރައްގީކޮށްފި ނަމަ އޮޑަގައްލާގެ ވަށައިގެންވާ ފަރަށާއި އެހެން ވެސް ގުދަރީ ދިރުންތަކަށް އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުންތައް ލިބޭނެ އެވެ. މީގެ އިތުރުން، އެ ރަށުގެ ފަޅު އެންދެމުމަށް މަސްވެރިން މިހާރުވެސް ބޭނުން ކުރާއިރު ރިސޯޓް ތަރައްގީ ކޮށްފި ނަމަ، އެކަން ހުއްޓުމަކަށް އަންނާނެ އެވެ. އަދި އެ ރަށުގެ ވަށައިގެންވާ ވެށި ތަޣައްޔަރުވުމުގެ ފުރުސަތު ބޮޑުކަމަށް ވެސް ބުނެފައިވެ އެވެ. މީގެ އިތުރުން، އެ ރަށް ހިއްކައިގެން ތަރައްގީ ކުރި ނަމަވެސް މުސްތަގުބަލުގައި ހިއްކާ ސަރަހައްދު ގިރައި، އެކަން ހުއްޓުވަން އިތުރު ހަރަދުތަކެއް ކުރަން ޖެހުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ރިޕޯޓްގައި ބުނެ އެވެ.

އެ ރަށުގައި ރިސޯޓު ތަރައްގީ ނުކުރެވޭތީ ޖަނާހުއަށް ބަދަލު ދޭން މިހާރު ޓޫރިޒަމް މިނިސްޓްރީއިން ދަނީ މަޝްވަރާ ކުރަމުންނެވެ.

އޮޑަގައްލާ ކުރުކޮށް:

  • އީޕީއޭގެ ސެންސިޓިވް އޭރިއާ ލިސްޓުގައި ހިމެނޭ ތަނެއް
  • ބޮޑުމިނުގައި އެންމެ 0.7 ހެކްޓަރު
  • އެރަށުގައި ދޮންދީނި އާދޭ
  • އެރަށުގައި ވެލާ ބިސް އަޅާ
  • އެ ރަށުގެ ފަރަކީ އެންވެރިކަމަށް ބޭނުން ކުރާ ފަރެއް
  • ރަށުގައި މާ ގިނަ ގަސްތަކެއް ނުހުރޭ
  • އެއީ މީހުން ޕިކްނިކް ހަދަން ދާ ރަށެއް
comment ކޮމެންޓް