ގަތަރުން ޕާކިސްތާނަށް 22 ބިލިޔަން ޑޮލަރުގެ އެހީ

ޝައިޚް ތަމީމް އަށް މަރްހަބާ ދެންނެވުމުގެ ރަސްމިއްޔާތު

އިސްލާމް އާބާދު (ޖޫން 23) : ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު ޕާކިސްތާނަށް ވަޑައިގެން އެގައުމުގެ ބޮޑުވަޒީރު އިމްރާން ހާން އާ ބައްދަލުކުރައްވައިފި އެވެ.

އިސްލާމް އާބާދު އެއާޕޯޓުން ގަތަރުގެ އަމީރަށާއި އޭނާގެ ވަފްދަށް މަރްހަބާ ދެންނެވީ އިމްރާން ހާން އާއި ޕާކިސްތާނުގެ ކެބިނެޓްގެ ވަޒީރުންނެވެ. ޕާކިސްތާނުގެ ސިފައިންވަނީ ޝައިޚް ތަމީމްއަށް ގާޑް އޮފް އޮނާ އެއް އަރުވައި ތަމީމަށް މަރްހަބާ ދެންނެވުމުގެ ގޮތުން 21 ބަޑީގެ ސަލާމެއް އަރުވާފަ އެވެ. ޝައިޚް ތަމީމަށް މަރްހަބާ ދެންނެވުމުގެ ރަސްމިއްޔާތު ނިމުމަށްފަހު ރަސްމީ ޕްރޮޓޮކޯލް އާ ޚިލާފަށް އިމްރާން ޚާން ވަނީ އޭނާގެ ރަސްމީ ކާރުކޮޅުގައި ތަމީމް ގޮވައިގެން ތަމީމް ހުންނަވާ ހޮޓަލަށް ވަޑައިގެންފަ އެވެ. ރަސްމީ ޑްރައިވަރުންނާ ނުލައި ކުރެއްވި މިދަތުރުފުޅުގައި ކާރުކޮޅު ދުއްވީވެސް އިމްރާންޚާން ކަމަށް ޕާކިސްތާނުގެ މިޑީޔާއިން ބުނެ އެވެ.

ޝައިޚް ތަމީމް ގެ މިދަތުރުފުޅުގައި ގަތަރުން ޕާކިސްތާނަށް 22 ބިލިޔަން ޑޮލަރުގެ އެހީ ދިނުމުގެ އެއްބަސްވުންތަކުގައި ދެގައުމުގެ މަސްއޫލުވެރިން ސޮއިކުރައްވާގޮތަށްވަނީ ހަމަޖެހިފަ އެވެ. މީގެތެރޭގައި ހިމެނެނީ 5 ބިލިޔަން ޑޮލަރުގެ ހިލޭ އެހީއާއި 10 ބިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓާ އަދި 7 ބިލިޔަން ޑޮލަރުގެ ލޯން އެހީ ކަމަށް ޚަބަރުތައް ބުނެއެވެ. ޝައިޚް ތަމީމްގެ މިދަތުރުފުޅުގައި ޕާކިސްތާނުގެ ރައީސް ޑރ. އާރިފް އަލަވީ އާ ވަކިން ބައްދަލުކުރައްވާ ގޮތަށްވެސް ވަނީ ހަމަޖެހިފަ އެވެ.

އިމްރާން ޚާން ޝައިޚް ތަމީމް އާ ބައްދަލުކުރައްވަނީ

އިމްރާން ޚާން ގެ ވެރިކަމުގައި ޕާކިސްތާނުންވަނީ ވަރަށް މިނިވަން ޚާރިޖީ ސިޔާސަތެއް ގެންގުޅެން ފަށާފައެވެ. މި ސިޔާސަތުގެ ދަށުން ޕާކިސްތާނުންވަނީ ސައޫދީއާއި ޔޫއޭއީ އާއެކުވެސް ގާތްގުޅުންތައް ބާއްވައި އެދެގައުމުން ގާތްގަނޑަކަށް 30 ބިލިޔަން ޑޮލަރުގެ އެހީ އާއި އިންވެސްޓްމަންޓްތައް ހޯދާފައެވެ. އަދި އެދެގައުމުގެ ދުޝްމަން ކަމަށްވާ އީރާނާ ތުރުކީއާ އަދި ގަތަރާއެކުވެސް ޕާކިސްތާނުން ގެންދަނީ ވަރަށް ގާތްގުޅުންތަކެއް ބާއްވަމުންނެވެ.

މިދިޔަ މަހު އީރާނުގެ ރައީސް ހަސަން ރޫހާނީވެސް ވަނީ ޕާކިސްތާނަށް ޒިޔާރަތް ކުރައްވާފައެވެ. އޭގެކުރިން އިމްރާންޚާންވެސްވަނީ އީރާނަށް ޒިޔާރަތް ކުރައްވާފައެވެ. އަނެއްކޮޅުން އެމެރިކާ ދެކޮޅު ހެދިނަމަވެސް ޕާކިސްތާނުން ގެންދަނީ ޗައިނާއާއެކުވެސް ވަރުގަދަ ސްޓްރެޓީޖިކް ގުޅުންތަކެއް ގާއިމް ކުރަމުންނެވެ. މިގުޅުންތަކުގެ ދަށުން ޗައިނާއިން ޕާކިސްތާނުގައި 60 ބިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓްތައް ކުރިޔަށް އެބަގެންދެއެވެ. މީގެތެރޭގައި ބަނދަރާއި ހައިވޭތަކާއި މަގުތަކާއި ފެކްޓްރީތަކާއި ރިއަލްއެސްޓް ގެ ދާއިރާތަކުގެ އިންވެސްޓްމަންޓްތައް ހިމެނެއެވެ.

ޕާކިސްތާނުންވަނީ ގަތަރާއެކު އަސްކަރީ އެއްބަސްވުންތަކެއްގައިވެސް ސޮއިކޮށްފައެވެ. މީގެތެރޭގައި ގަތަރު ސިފައިން ތަމްރީންކޮށްދިނުމާއި ޕާކިސްތާނުގެ އަސްކަރީ އެކަޑެމީ ތަކުގައި ގަތަރުގެ އޮފްސަރުން ތަމްރީންކޮށްދިނުމާއި އަސްކަރީ ޕައިލެޓުން ތަމްރީންކޮށްދިނުން ހިމެނެއެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު