ކުޅުދުއްފުށިން ފްލައިޓްތަކަށް ހުރަސްއަޅަނީ ދޫނި، ކުޅި ހިއްކަން ޖެހިދާނެ؟!

ކުޅުދުއްފުށި ކުޅި ހިއްކައިގެން އެއާޕޯޓުގެ ރަންވޭ އަޅާފައި -- ފޮޓޯ/ އިރުޝާދު އަބްދުއްރަހްމާން

ކުޅުދުއްފުށީ އެއާޕޯޓުގެ ރަންވޭ އެޅީ ޒަމާނުއްސުރެ އެ ރަށުގެ ފަހުރަކަށްވެފައި އޮތް، ގުދުރަތީ ގޮތުން މުއްސަނދި ކުޅީގެ ބަޔަކަށް ފަސް އަޅައި ހިއްކާލައިގެން އެވެ. އެއާޕޯޓު ފްލައިޓްތައް ޖައްސަން ކުރަން ކުރަން ޖެހޭ މަސައްކަތްތައް މިހާރު ކުރިއަށްދާއިރު އެކަމުގެ ހުރަހަކަށް ވެފައިވަނީ، މިހާރު ނުހިއްކާ އޮތް ކުޅީގެ ސަރަހައްދެވެ. ނުރައްކަލަކަށް ވަނީ، ކުޅިީގެ ނުހިއްކައި އޮތް ބަޔަށް އަންނަ ދޫނިތަކަކީ އެއާޕޯޓަށް ޖައްސާ ފްލައިޓްތަކުގެ ހުރަހަކަށް ވުމެވެ.

މުޅި ދުނިޔޭގައި ވެސް ދޫންޏަކީ އެއާޕޯޓުތަކުގެ ދުޝްމަނެކެވެ. ސަބަބަކަށް ވަނީ، މަތިންދާބޯޓުތައް ރަންވޭއަށް ޖައްސާއިރު އަދި ރަންވޭއިން ނައްޓާލާއިރުވެސް މަތިންދާބޯޓުތަކުގައި ޖެހި ބޯޓުތަކަށް ގެއްލުންވުމެވެ. އެކަން ހުއްޓުވަން ދުނިޔޭގެ ބޮޑެތި އެއާޕޯޓުތަކުގައި ހާއްސަ ނިޒާމުތައް ގާއިމްކޮށްފައި ހުރެ އެވެ. އަދި ދޫނިތައް މައިތިރި ކުރަން ހާއްސަ މުވައްޒަފުން ވެސް ބައެއް އެއާޕޯޓްތަކުގައި ބައިތިއްބާފައި ތިބޭއިރު، ދޫނިތަކުން ފްލައިޓް ސަލާމަތް ކުރަން ޕައިލެޓުން އަމަލު ކުރާ ހާއްސަ އުސޫލުތައް ވެސް ހުރެ އެވެ.

ކުޅީގެ މެދުގައި ކުޅުދުއްފުށީ އެއާޕޯޓްގެ ރަންވޭ ހަދާފައި އޮތް އިރު، ރަންވޭގެ ދެ ފަރާތުގައި އަދިވެސް ދެ ފެންގަނޑު އޮވެ އެވެ. އެ ދެ ފެންގަނޑަށް އަދިވެސް އެކި ބާވަތްބާވަތުގެ ދޫނި އައިސް އުޅެ އެވެ. އެ ދޫނިތަކަކީ ކުޅުދުއްފުށީ އެއާޕޯޓަށް ޖައްސާ މަތިންދާބޯޓުތަކަށް ނުރައްކަލަކަށް ވެދާނެ ކަމަށް، މާހިރުން ގަބޫލު ކުރެ އެވެ.

ސިވިލް އޭވިއޭޝަންގެ ކަންބޮޑުވުން

މިދިޔަ ބުރާސްފަތި ދުވަހު އެންވަޔަރުމެންޓް މިނިސްޓަރު ހުސެއިން ރަޝީދު ހަސަން، ސިވިލް އޭވިއޭޝަން އޮތޯރިޓީއާ ހަވާލާދެއްވައި ވިދާޅުވީ ދޫނިތަކުގެ ނުރައްކާ ކުޅުދުއްފުށީ އެއާޕޯޓަށް ބޮޑު ކަމަށެވެ. ކުޅުދުއްފުށީ ކައުންސިލާ އެކު މިނިސްޓްރީއިން ބޭއްވި ބައްދަލުވުމެއްގައި ދޫނިތަކުގެ މައްސަލައިގައި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ކަންބޮޑުވުންތައް މިނިސްޓަރު ފުރަތަމަ ފަހަރަށް ހާމަކުރެއްވި އެވެ.

އެންްވަޔަރަމެންޓް މިނިސްޓަރު ހުސެއިން ރަޝީދު ހަސަން ކުޅުދުއްފުށީ ކައުންސިލާ ބައްދަލު ކުރައްވަނީ -- ފޮޓޯ/ އެންވަޔަރަމެންޓް މިނިސްޓްރީ

"ސިވިލްއޭވިއޭޝަނުން ކަންބޮޑުވުންފާޅުކޮށް އަޅުގަނޑުމެންނަށް އެބައޮތް ރަސްމީކޮށް ސިޓީ ފޮނުވާފައި. ވަރަށް އުނދަގޫ ހާލަތެއް މިއީ. އެއްކޮޅުން، އަޅުގަނޑުމެން ބޭނުމެއް ނުވޭ މިތަނުގައި ބޯޓެއް ޖައްސަން އުޅެނިކޮށް ދޫނީގެ ސަބަބުން ބޯޓަކަށް ގެއްލުމެއް ލިބޭކަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރުގެ ވާހަކަފުޅުން ދޭހަވީ، ކުޅުދުއްފުށީގެ ވެށި ހިމާޔަތް ކުރަން ކިތަންމެ ބޭނުންވި ނަމަވެސް، އެ އެއާޕޯޓްގައި ފްލައިޓް ޖައްސަން ވީހާވެސް ފަހި މާހައުލެއް ތަނަވަސްކުރަން އެ ސަރަހައްދުގެ ވެއްޓަށް ބަދަލު ގެންނަން ޖެހޭކަމަށް ގަބޫލުކުރައްވާ ކަމެވެ. އަދި އެކަމާ ގުޅިގެން ވަކި ގޮތެއް ނިންމުން މި ވަނީ މިނިސްޓްރީއަށް ވެސް ދަތިކަމަކަށް ވެފަ އެވެ.

ވަކި ގޮތެއް ނިންމަން ކައުންސިލަށް

ބުރާސްފަތި ދުވަހުގެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ ސިވިލްއޭވިޝަންގެ އިސް ބޭފުޅުންނާ މަޝްވާރާކޮށް ވަކި ގޮތެއް ނިންމަން ރަށު ކައުންސިލްގެ މެމްބަރުންގެ އަރިހުން އެދިވަޑައިގެންފަ އެވެ. އަދި އެއާޕޯޓު އޮޕަރޭޓު ކުރަން ކުރިމަތިވެފައި މިވާ "ދޫނީގެ ގޮންޖެހުމާ" ގުޅިގެން ވަކި ގޮތެއް ކައުންސިލުން ނިންމުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.

އެކަމަކު، އެއީ ތިމާވެއްޓަށް ލޯބި ކުރާ އެތައް ބައެއްގެ ކަންބޮޑުވުމެކެވެ. އެ މީހުން ބުނާ ގޮތުގައި ކައުންސިލަށް ވަކި ގޮތެއް ނިންމަން ހަވާލުކޮށްފި ނަމަ، ވެއްޓަށް ގެއްލުންވާނެ ގޮތަށް ކައުންސިލްގެ ނިންމުން އައުމުގެ ފުރުސަތު ބޮޑެވެ.

ކުޅުދުއްފުށީގެ ކުޅި ހިމެނޭ ސަރަހައްދު މިހާރު އޮންނަ ގޮތް---

އެމެރިކާގެ ސިރަކިއުސް ޔުނިވާސިޓީގައި ތިމާވެށީގެ ރޮނގުން ތައުލީމު ހާސިލުކުރަމުންދާ ކުޅުދުއްފުށީގެ ރައްޔިތެއް ކަމަށްވާ އާދަމް އަބްދުﷲ (އެޑަމް) ވެސް ދެކޭ ގޮތުގައި ކުޅީގެ ބާކީ އޮތް ބައި ހިއްކަން ކައުންސިލުން ނިންމުމުގެ ފުރުސަތު ބޮޑެވެ. ކުޅީގެ ބާކީ އޮތް ބައި ހިމާޔަތް ކުރަން ވަކާލާތު ކުރާ އޭނާގެ ހިތުގައި، މިހާރު އޮތް ބިރަކީ ކުޅީގެ ބާކީ އޮތް ގުދުރަތީ ވެށި އަބަދަށް ނެތި ދިއުމެވެ.

އެއާޕޯޓު އޮޕަރޭޝަނަށް ގެންނަން، ދޫނިތަކުގެ މާހައުލު ހަލާކުކޮށްލުމަކީ އޭނާ ގަބޫލު ކުރާ ގޮތެއް ނޫނެވެ. އޭނާ ބުނި ގޮތުގައި ކުޅިއާ މެދު ކައުންސިލުން އެކަނި ގޮތެއް ނިންމަން ދޫކޮށްގެން ނުވާނެ އެވެ. އަދި އެކަމުގައި އެންވަޔަރުމަންޓް މިނިސްޓްރީގެ ބަހެއް އޮންނަންވާނެ ކަމަށް އޭނާ ގަބޫލުކުރެ އެވެ.

ކުޅި ނުހިއްކައިވެސް ދޫނީގެ މައްސަލައަށް ހައްލެއް ހޯދި ދާނެ ކަމަށް އެޑަމް ދެކެ އެވެ. އޭނާ ބުނި ގޮތުގައި ދޫނިތަކުގެ ކިބައިން ފްލައިޓްތައް ސަލާމަތް ކުރަން ބޭނުން ކުރާ ޒަމާނީ ނިޒާމުތައް އެއާޕޯޓުގައި ގާއިމްކޮށްގެން ފްލައިޓްތަކަށް ސަލާމަތް ހޯދޭނެ އެވެ.

އެއާޕޯޓު ތަރައްގީ ކުރި އިރު މިފަދަ ނުރައްކަލެއް ދިމާވެދާނެ ކަމުގެ ބިރަށް ވިސްނާފައި ނެތްކަން ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އަބްދުއްލަތީފު ހަސަން ވެސް ފާހަގަކުރައްވަ އެވެ.

"މިވަގުތަކީ އެއާޕޯޓުގެ ހިދުމަތް ފަށައިގަންނަންވީ ވަގުތު. ހިދުމަތް ފަށައިގަންނަންވީ ވަގުތެއްގައި ނޫންކަން ނޭނގެ ދޫނިތަކުގެ އިޝޫއާ ފެންގަނޑުތަކުގެ އިޝޫ އަންނަން ޖެހޭނީކީއެއް. އެއާޕޯޓެއް އަޅަން ފެށުމުގެ ކުރީގައި އަންނަން ޖެހޭ އިޝޫއެއް އެއީ، މަޝްވަރާ ކުރެވެން ޖެހޭ މައްސަލައެއް އެއީ،" އަބްދުއްލަތީފް ވިދާޅުވި އެވެ.

ކުޅީގެ ބާކީ ބައި ހިއްކަން ވެސް ތައްޔާރު

ކުޅުދުއްފުށީ ކައުންސިލް އޮތީ ކޮންމެ ގޮތެއް ހަދައިގެންވެސް އެއާޕޯޓު އޮޕަރޭޝަނަށް ގެންނަން ތައްޔާރަށެވެ. އެ ހައްލު ހޯދާނީ، ކުޅި ހިއްކައިގެންތޯ ކައުންސިލްގެ ރައީސްއާ ސުވާލު ކުރުމުން، އޭނާ ވިދާޅުވީ، ކުޅި ހިއްކައިގެން މެދުގައި އެއާޕޯޓެއް އަޅާފައި ވަނީވެސް، ކުޅި ހިއްކުމަކީ މައްސަލައަކަށް ނުވާތީ ކަމަށެވެ. އަދި އެއާޕޯޓް އަޅަން އެންމެ ފުރަތަމަ ވާހަކަ ދެއްކި އިރު، ރައްޔިތުންނަށް ދެއްކި ޕްރެޒެންޓޭޝަނުގައި އޮތީ ކުޅި މުޅިން ހިއްކާފައިކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. އޭރު އެކަމާ ކަންބޮވުން ފާޅުނުކޮށް މިހާރު ކަންބޮޑުވާން ޖެހޭ ސަބަބެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއާޕޯޓު ހިިދުމަތެއް ގެނައުމަށް ކުރަން ޖެހޭ ކަމެއް ވިއްޔާ ކައުންސިލުން ކުރާނަން. އެއީ [ކުޅި ހިއްކުމަކީ] އެއާޕޯޓު ހިދުމަތް ދޭން އޮތް ހުރަހަކަށް ވަންޏާ އެކަން އެގޮތަށް ކުރަންތާ ޖެހޭނީ. އަޅުގަނޑު ގަބޫލު ކުރަނީ [ކުޅި ހިއްކުމަކީ] އެއީ މައްސަލައަކަށް ނުވާތީ ކަންނޭނގެ މިނިސްޓްރީއިން ކުޅީގެ މެދުގައި އެއާޕޯޓެއް އަޅަން ނިންމާނީ،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ. "މިހާރު ދޫނިތައް ހިމާޔަތް ކުރާ ކަމަށް ވަންޏާ، އެއާޕޯޓު ނަގަން ޖެހޭނީ. އެއީ އަޅުގަނޑުމެން އެއްގޮތަކަށްވެސް ބޭނުންވާ ކަމެއް ނޫން. އެއީ ދައުލަތުން ކޮށްފައި ހުރި ބޮޑު ހަރަދެއް. އޭތި ވޭސްޓްވާ ގޮތަކަށްވެސް އަޅުގަނޑުމެން ބޭނުމެއް ނުވޭ ވާކަށް،"

ކުޅުދުއްފުއްށީ ކުޅީގެ މަށި ކުޅި ވާރޭވެހުމަށް ފަހު -- ފޮޓޯ/ ބީލީފް (އަލީ ހަސަން)

އެކަމަކު، ދޫނީގެ ނުރައްކަލުން ސަލާމަތްވެދާނެ ނިޒާމެއް ލިބިއްޖެ ނަމަ، އެ ހައްލު އިހްތިޔާރު ކުރުމުގެ ޝައުގުވެރިކަންވެސް އަބްދުއްލަތީފު ހަސަން ފާޅުކުރެއްވި އެވެ. އޭނާ ގަބޫލުކުރައްވަނީ ރީޖަނަލް އެއާޕޯޓްސް އިން އެކަމަށް ހައްލެއް ހޯދަން މަސައްކަތް ކުރާނެ ކަމަށެވެ.

ކުޅުދުއްފުށީ ކުޅި ހިއްކީވެސް އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ. މިހާރު ކުޅީގެ ބައެއް ހިއްކައިގެން އެއާޕޯޓު ރަންވޭ އަޅާފައިވާއިރު، ކުޅީގެ ބާކީ އޮތް ބައި ހިމާޔަތް ކުރަން ގިނަ ބަޔަކު އަދިވެސް ބޭނުންވެ އެވެ. އެކަމަކު އެއާޕޯޓް އޮޕަރޭޓް ކުރަން ބޭނުން ނަމަ، އެކަން ކުރެވިދާނެތޯ އެއީ މިހާރު ސުވާލާއި ބަހުސްގެ ތެރޭގައި އޮތް ކަމެކެވެ.

comment ކޮމެންޓް