ޖާބިރު ވަނީ ބިލިއަނެއްހާ ރުފިޔާއިން ދައުލަތަށް ދަރާފައި

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު --

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ދައުލަތަށް ބިލިއަނެއްހާ ރުފިޔާއަށް ދަރާފައިވާ ކަމަށް ސަރުކާރުގެ މަސްދަރުތަކުން ބުނެފި އެވެ.

އިތުބާރު ހުރި މަސްދަރަކުން "ސަން"އަށް ކަށަވަރުވެފައިވާ ގޮތުގައި، ރިސޯޓު ހަދަން ޖާބިރުއަށް ދޫކުރި ގއ. ވަޓެވައްރެހާގެ ކުލީގެ ގޮތުގައި، އަދި ކުލި ނުދައްކައިގެން ޖޫރިމާނާގެ ގޮތުގައި ވަނީ ޖުމްލަ ގާތްގަނޑަކަށް 440 އެއްހާ މިލިއަން ރުފިޔާ ދައްކަން ޖެހިފަ އެވެ.

ޖާބިރުގެ މިލްިކިއްޔާތުގައި އޮތް އަލިދޫ ރިސޯޓުގެ ކުއްޔާއި ޖޫރިމާނާގެ ގޮތުގައި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހިފައިވާކަން ވެސް ވަނީ ކަށަވަރުވެފަ އެވެ.

އެއާއެކު ޖާބިރު ދައުލަތަށް ދައްކަން ޖެހޭ ފައިސާގެ އަދަދު ގާތްގަނޑަކަށް 1.5 ބިލިއަނަށް އަރާ ކަމަށް އިތުބާރު ހުރި މަސްދަރަކުން ސަންއަށް ކަށަވަރުކޮށްދިނެވެ. ޓޫރިޒަމް މިނިސްޓްރީގެ އިސް އޮފިޝަލުން ވެސް އެކަން ސަންއަށް ކަށަވަރުކޮށްދެއްވި އެވެ.

މިފަހަކަށް އައިސް ޖާބިރު ގެންދަވަނީ، ރައްޔިތުން މަޖިލީހުގެ ފްލޯގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުން އެވެ.

ޖާބިރުގެ ޖޭ ހޮޓެލްސް އެންޑް ރިސޯޓްއިން ކުލީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން އެ ކުންފުނީގެ އޮޕަރޭޝަން ލައިސަންސް މީގެ ކުރިން ހިފަހައްޓާފައިވެ އެވެ.

ފައިސާ ނުދައްކައިގެން ރިސޯޓް ހިންގުމުގެ ލައިސެންސް ހިފަހައްޓާފައިވާ ހަ ރިސޯޓަކަށް ދާދި ފަހުން ޓޫރިޒަމް މިނިސްޓްރީއިން ލައިސެންސް ދީފައިވެ އެވެ. މިނިސްޓްރީއިން އެ ރިސޯޓުތަކަށް އަލުން ހުއްދަ ދިނީ އެ ރިސޯޓުތަކުން ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާ ފައިސާ އެކު އެއް އަހަރު ދުވަހުގެ ތެރޭގައި ދެއްކުމަށް ޝަރުތުކޮށެވެ.

އަލުން ލައިސެންސް ދިން އިރު، ރިސޯޓުތަކުގެ ވެރިފަރާތްތަކުން ދައުލަތަށް ނުދައްކާ ހުރި ފައިސާގެ އަަދަދު 20.05 މިލިއަން ޑޮލަރު (309.15 މިލިއަން ރުފިޔާ)އަށް އަރަ އެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހިދުވެސް "ސަން"އަށް ވިދާޅުވި ގޮތުގައި، ޖާބިރުގެ ރިސޯޓްތަކުން ދައުލަތަށް ދައްކަން ޖެހިފައިވާ ގިނަ ފައިސާތައް ބަހާލައިގެން ދެއްކުމަށް ލުއި ގޮތްތަކެއް ހަމަޖެއްސުމަށް މަޝްވަރާތަކެއް ކުރެވެމަކުން ނުދެ އެވެ. އަދި އެފަދަ ވާހަކަތަކެއް އުޅޭ ނަމަ އެއީ ދޮގެއްކަން ވެސް އޭނާ ކަށަވަރުކޮށްދެއްވި އެވެ.

comment ކޮމެންޓް