"ކަބީރު ސިންހް" ލީކު ކޮށްލައިފި

ފިލްމުގެ މަންޒަރެއް---

ކާމިޔާބު ބަތަލު ޝާހިދު ކަޕޫރުގެ ފިލްމު "ކަބީރު ސިންހް" ލީކު ވެއްޖެއެވެ.

ފިލްމު ރިލީޒް ކުރިތާ މާ ގިނަ އިރެއް ނުވަނީސް އެ ފިލްމު ލީކު ކޮށްލާފައި ވަނީ ޓަމިލް ރޮކާޒް ވެބްސައިޓުންނެވެ. ފިލްމު ރިލީޒް ކުރި ފުރަތަމަ ދުވަހު އެ ފިލްމަށް ވަނީ 20 ކުރޯޑުގެ އާމްދަނީއެއް ލިބިފައެވެ. "ޓަމިލްރޮކާޒް" އަކީ ފަހަކަށް އައިސް ފިލްމުތައް ލީކު ކުރަމުން އަންނަ ބައެކެވެ.

ގަވާއިދާ ޚިލާފަށް ފިލްމުތައް ލީކު ކުރުން ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށާފައި ވީ ނަމަވެސް ފަހަކަށް އައިސް ރިލީޒް ކުރާ ކޮންމެ ބޮލީވުޑް ފިލްމެއް އަންނަނީ ލީކު ކުރަމުންނެވެ.

އެ ފިލްމަކީ ޝާހިދު ކަޕޫރުގެ ފިލްމުތަކުގެ ތެރެއިން ފުރަތަމަ ޝޯގައި އެންމެ އާމްދަނީ ރަނގަޅު ވި ފިލްމެވެ. "ކަބީރު ސިންހް" އަކީ ތެލުގޫ ފިލްމު "އަރްޖުން ރެއްޑީ"ގެ ރީމޭކެކެވެ.

ކިއާރާ އަދްވާނީ އަންހެން ލީޑުން ފެންނަ އެ ފިލްމަކީ ޝާހިދުގެ ވަރަށް ތަފާތު ފިލްމެކެވެ. މަސްތުވާތަކެތީގެ ވަބާގައި ޖެހި ދިރިއުޅުން ކަޑައްތު ކުރަމުން އަންނަ މަންޒަރު ފިލްމުގެ ޓްރެއިލާއިން ދައްކުވައި ދެއެވެ.

މަސްތުވާތަކެތީގެ މައި ދޮރަށް ޝާހިދު ވަންނަން މަޖުބޫރު ކުރުވި ކަންތައް ވެސް ފިލްމުން ވަނީ ފެނިފައެވެ.

ފިލްމުގައި ޝާހިދު ފެންނަނީ މެޑިކަލް ސްޓޫޑެންޓެއްގެ ދައުރުންނެވެ. އެ ފިލްމު ކުޅުމަށް ޝާހިދު ވަނީ 14 ކިލޯ ލުއި ކޮށްފައެވެ. ފިލްމުގައި ފެންނާނީ ލޯބި ވާ އަންހެން ކުއްޖާ ބޭވަފާތެރިވުމުން ކާމިޔާބު ޑޮކްޓަރެއްގެ ދިރިއުޅުން ބަނަ ވެގެން ދާ ގޮތެވެ.

comment ކޮމެންޓް