ޗައިނާގެ ކުދި ވިޔަފާރިތަކަށް ލަފާދޭ ކޮމެޓީ އަށް ސައީދު

ސައީދު އެސްއެމްއީ ފޯރަމުގައި ބައިވެރިވެ ވަޑައިގަންނަވަނީ --ފޮޓޯ: ފޭސްބުކް

ޗައިނާގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލަފާދޭ ކޮމެޓީގެ މެންބަރަކަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިންތިހާބުކޮށްފި އެވެ.

ސައީދު ފޭސްބުކްގައި ވިދާޅުވީ ޗައިނާގެ ސްމޯލް އެންޑް މީޑިއަމް ކޮމާޝަލް އެންޓަޕްރައިސަސް އަށް ލަފާދޭ ބައިނަލްއަގުވާމީ އެޑްވައިޒަރީ ކޮމެޓީ އަށް އިންތިހާބުވެ ލެއްވުމަކީ ލިބުނު ޝަރަފެއް ކަމަށެވެ.

މި ބޯޑަށް ސައީދު އިންތިހާބުވީ ޗައިނާގައި ބޭއްވި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ ގުޅޭފޯރަމުގަ އެވެ. އެ ފޯރަމުގައި ސައީދު ވަނީ ތަގުރީރުވެސް ކުރައްވައިފަ އެވެ.

މިހާރު މާވަށު ދާއިރަގެ މެންބަރުކަންވެސް ކުރައްވާ ސައީދަކީ ކުރީގެ ސަރުކާރުގައި ރާއްޖެ އާއި ޗައިނާ އާ ދެމެދު އިގްތިސޯދީ ގުޅުން ބަދަހި ކުރުމުގައި މުހިއްމު ރޯލެއް އަދާކުރެއްވި ބޭފުޅެކެވެ. ރާއްޖޭގެ ތާރީހުގައި ސޮއިކުރެވުނު ފުރަތަމަ ބައިލެޓަރަލް ފްރީ ޓްރޭޑް އެގްރިމެންޓުގައި ސޮއިކުރުމަށް ކުރި މަސައްކަތްތަކުގެ އެންމެ ބޮޑު އެއް މަސައްކަތެއް ކުރެއްވީ ވެސް ސައީދެވެ.

ޗައިނާގެ ބެއިޖިންގައި ކުރިއަށްދާ އެސްއެމްއީ ކޮންފަރެންސް ކުރިއަށްދާނީ މާދަމާގެ ނިޔަލަށެވެ. މި ކޮންފަރެންސްގައި 50 ގައުމުން 2000 މަންދޫބުން ބައިވެރިވެ އެވެ.

comment ކޮމެންޓް