500 އެއްހާ ކުންފުނި އުވާލަން އިއުލާންކޮށްފި

ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް: އަހަރީ ފީ ނުދައްކައިގެން 500 އެއްހާ ކުންފުނި ވަނީ އުވާލާފައި --- ސަން ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އަހަރީ ފީ ނުދައްކައިގެން 523 ކުންފުންޏެއް އިކޮނޮމިކް މިނިސްޓްރީން އުވާލަން އިއުލާންކޮށްފި އެވެ.

މިނިސްޓްރީން އިއްޔެ ގެޒެޓްކުރި އިއުލާނުގައި ބުނީ އެ ކުންފުނިތަށް އުވާލަން ނިންމީ، ކުންފުނި އުވައިލުމަށް ރެޖިސްޓްރާ އޮފް ކޮމްޕެނީޒް ކަނޑައަޅައި، އުވައިލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ކަމަށެވެ. އެ ގަވައިދު ގެޒެޓްކޮށް އަމަލު ކުރަން ފެށީ އިއްޔެ އެވެ.

މިނިސްޓްރީގެ އިއުލާނުގައި ބުނީ، އުވައިލުމަށް ކަނޑައަޅާފައިވާ ކުންފުނިތަކަކީ 1979 އިން 2001 ގެ ނިޔަލަށް އަހަރީ ފީ ނުދައްކާ ކުންފުނިތަށް ކަމަށެވެ. އުވާލަން ނިންމި ކުންފުނިތަކުގެ ލިސްޓު އެ އިއުލާންއާއެކު ވަނީ އާންމު ކޮށްފަ އެވެ.

ލިސްޓުގައި ހިމެނޭ ކުންފުނިތައް ހިންގަން ބޭނުންނަމަ، އެ ކުންފުންޏަކުން ފުރިހަމަކުރަންޖެހޭ އެންމެހާ އިންތިޒާމްތައް، މިއަންނަ މަހުގެ ހަތެއްގެ ކުރިން ފުރިހަމަކުރުމަށްފަހު، އެކަން އަންގައިދޭ ލިޔެކިޔުންތަކާއިއެކު، ކުންފުނި ހިންގަން ބޭނުންވާކަން އަންގައިދިނުމަށް، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ގާރާރެއް ފާސްކޮށް އިކޮނޮމިކް މިނިސްޓްރީއަށް އެންގުމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަަކަށް ބަލާ އިރު އާބާދީގެ ގާތްގަނޑަކަށް ކޮންމެ 25 މީހަކަށް ކުންފުންޏެއް ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ.

comment ކޮމެންޓް